އެއްޖިންސުން ގުޅުން ހިންގި މައްސަލައިގާ ގާނޫނީ ވަކީލް ނާޒިމް ސައްތާރަށް ތިން މަހާއި 26 ދުވަހުގެ ގޭ ބަންދު ހުކުމެއް އިއްވާފައިވާއިރު އެކަމާ އާންމުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ކަންބޮޑުވުން ފާޅުކުރަމުން އަންނަނީ ގޭ ބަންދަން ބަންދު ކުރުމުންނާއި އިއްވި ހުކުމުގެ މުއްދަތު ކުރު ކަމުންނެވެ.
މިކަމާއި ގުޅޭގޮތުން މިއަދު ނާޒިމް ބްރޯޑްކާސްޓްކުރި އޭނާގެ ކޯޓު ބަޔާނުގައި އަދަބުގެ ދަރަޖަ ދަށްވެފައިވަނީ ގާނޫނުލްއުގޫބާތުގެ 1106 ވަނަ މާއްދާގެ ދަށުން، ކުށްވެރިޔާ ކުށާމެދު ދެރަވާކަން އާންމުންގެ ތެރޭގައި ފާޅުކުރުމުގެ ސަބަބުން އަދަބުގެ ދަރަޖަ ދަށްވާނެކަން ފާހަގަކޮށްފައިވެއެވެ.
އެގޮތުން ގާނޫނުލްއުގޫބާތުގެ 1106 ވަނަ މާއްދާކަމުގައިވާ "ކުށްވެރިޔާ ކުށާމެދު ދެރަވާކަން އާންމުންގެ ތެރޭގައި ފާޅުކުރުމުގެ ސަބަބުން އަދަބުގެ ދަރަޖަ ދަށްވުން މި މާއްދާގައި ބަޔާންކޮށްފައިވާކަންކަން ނާޒިމްގެ ކޯޓު ބަޔާނުގައި ހިމަނާފައިވެއެވެ.
އެ މާއްދާގެ (ހ)ގައި ބުނެފައިވަނީ ކުށްވެރިޔާގެ މައްޗަށް ދައުވާކުރުމުގެ ކުރިން، އޭނާ ކުޅަ ކުށާމެދު ހިތުގެ އަޑިން ދެރަވާކަން އާންމުކޮށް ފާޅުކޮށްފިނަމަ، އޭނާގެ މައްޗަށް ކަނޑައަޅަންޖެހޭ އަދަބު، އަދަބު ކަނޑައެޅުމގެ އަސާސީ މިންގަނޑަށްވުރެ ދެ ދަރަޖަ ދަށްވާނެ ކަމަށެވެ. އަދި އެ މާއްދާގައިވާ ގޮތުގެ މަތިން އަދަބުގެ މިންވަރު ދަށްކުރެވޭނީ، އޭނާގެ މައްޗަށް ދައުވާކުރުމުގެ ކުރިން އެ ކުށެއް ކުރިކަމަށްބުނެ، އޭނާ ކުށަށް އިއުތިރާފްވާ ހާލަތްތަކުގައި ކަމަށްވެސް ބުނެފައިވެއެވެ.
އެ މާއްދާގެ (ށ)ގައި ބުނެފައިވަނީ ކުށްވެރިޔާގެ މައްޗަށް ދައުވާކުރެވިފައި ވީނަމަވެސް އެ މައްސަލައިގެ ޝަރީއަތް ނުފެށޭހާހިނދަކު، ކުށްވެރިޔާ އެ ކުރި ކުށަށް އިއުތިރާފްވެއްޖެނަމަ، އޭނާގެ މައްޗަށް ކަނޑައަޅަންޖެހޭ އަދަބު، އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަށްވުރެ 1 ދަރަޖަ ދަށްވާނެ ކަމަށެވެ.
ގާނޫނުނުލް އުގޫބާތުގެ އެ މާއްދާގައި އެހެން ބަޔާންކޮށްފައިވާއިރު ނާޒިމް އެކަމާ ދެރަވާކަން އާންމުކޮށް ފާޅުކޮށްފައިވަނީ ޝަރީއަތް ފެށި ޝަރީއަތް ނިމި ހުކުމް އިއްވަން އޮތް ދުވަހުގައެވެ.
އެކަމުގެ ޖަސްޓިފިކޭޝަނެއްގެ ގޮތުގައި ނާޒިމްގެ ކޯޓު ބަޔާނުގައި ބުނެފައިވަނީ އޭނާގެ މައްޗަށް ދައުވާ ކުރުމުގެ ކުރިން ކުށަށް އިއުތިރާފު ނުވެވުނީ އޭނާ ކުރިކަމަށްބުނާ ކުށުގެ އުންސުރުތައް އޭރު އޭނާއަށް ފުރިހަމައަށް ނޭނގޭތީ ކަމަށެވެ.
ލިވާތުގެ އަމަލު ހިންގިކަމަށް ދައުވާގައި އޮތްނަމަ، އަޅުގަނޑު ކޯޓުގައި އިއުތިރާފު ނުވީސް ކަމަށާއި އެހެންކަމުން އެ ހާލަތަށް ބައްލަވައި، އޭނާގެ އެ އިއުތިރާފަކީ ދައުވާކުރުމުގެ ކުރިން ވެވުނު އިއުތިރާފަކާ އެއް ހަމައެއްގެ އިއުތިރާފެއްކަމުގައި އޭނާ ދެކޭ ކަމަށާއި އަދި އެގޮތަށް ގާޒީވެސް ދެކެވަޑައިގަތުމަށް ނާޒިމް އެދިފައިވެއެވެ.
އިއްޔެ ހުކުމް އިއްވުމުގެ ކުރިން ނާޒިމް މީޑިއާތަކަށް ފޮނުވި ނޫސްބަޔާނެއްގައި ބުނެފައިވަނީ އެ މައްސަލައިގަ އޭނާ އިއުތިރާފުވީ އެކަމުގައި ހިމެނޭ ކުށްވެރިއަކަށް ވާތީ ކަމަށެވެ. އަދި އޭނާ އަކީ މައްސަލައިގަ ބްލެކްމެއިލްކޮށް ފައިސާ އަތުލަން އުޅެ، ވިކްޓިމްއަކަށް އޭނާ ވެފައިވާތީ ކަމަށެވެ.
ނާޒިމް ބުނެފައިވަނީ ދައުވާއަށް އިއުތިރާފްވި އިރު ރާއްޖެއިން ފިލައިގެންދާން މަސައްކަތް ކޮށްފައި ނުވާނެ ކަމަށާއި ކުށާއި ގުޅިގެން ލިބޭ އަދަބަށް ކުރިމަތިލާން ތައްޔާރު ކަމަށެވެ. ކުށަށް ތައުބާވެ ހިތާމަކުރާކަމަށްވެސް ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް