އައި.ސީ.ޑީ 11 އަށް ޞިއްޙީ ޚިދުމަތްތެރީން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް ފެށިއްޖެ

ޞިއްޙީ ދާއިރާގެ ޓާރމިނޮލޮޖީ ތަކާއި ބަލިތައް ކޯޑް ކުރާނޭ ގޮތް ކިޔައިދިނުމުގެ ގޮތުން އިންޓަރނޭޝަނަލް ކްލެސިފިކޭޝަން އޮފް ޑިސީސަސް (އައި.ސީ.ޑީ) 11 ގެ ތަމްރީން ޕްރޮގްރާމެއް ފެށިއްޖެ އެވެ. ސެޕްޓެމްބަރ 16،1...

16 Sep 2021 | 17:36

ޞިއްޙީ ދާއިރާގެ ޓާރމިނޮލޮޖީ ތަކާއި ބަލިތައް ކޯޑް ކުރާނޭ ގޮތް ކިޔައިދިނުމުގެ ގޮތުން އިންޓަރނޭޝަނަލް ކްލެސިފިކޭޝަން އޮފް ޑިސީސަސް (އައި.ސީ.ޑީ) 11 ގެ ތަމްރީން ޕްރޮގްރާމެއް ފެށިއްޖެ އެވެ.

ސެޕްޓެމްބަރ 16،15 އަދި 20 ވަނަ ދުވަހު ވާރޗުއަލްކޮށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިތަމްރީން ޕްރޮގްރާމުގައި ރާއްޖޭގެ ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ ސަރުކާރުގެ އަދި އަމިއްލަ ޚިދުމަތްދޭ ފަރާތްތައް ހިމެނޭ ގޮތަށް 500 އަށް ވުރެގިނަ ޞިއްހީ ޙިދުމަތްތެރިން ބައިވެރިވާނެ އެވެ.

މިވަގުތު ރާއްޖޭގެ ހޮސްޕިޓަލް އަދި ހެލްތު ސެންޓަރތަކުގައި ބޭނުންކުރަމުންދަނީ އައި.ސީ.ޑީގެ 10 ވަނަ ވަރޝަން އެވެ.

ދިވެހިރާއްޖެއަކީ އައި.ސީ.ޑީގެ 11 ވަނަ ވަރޝަން ބޭނުންކުރަންފަށާ އެންމެ ފުރަތަމަ ޤަޢުމު ތަކުގެތެރޭގައި ހިމެނޭގައުމެކެވެ.

މިތަމްރީން ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ބައިވެރިން ޞިއްޙީ ދާއިރާގެ ޓަރމިނޮލޮޖީތަކަށް އަހުލުވެރި ކުރުވުމާއި ބަލިތައް އަދި މަރުވި ސަބަބު ބައިނަލްއަޤްވާމީ މިންގަނޑަށް ކޯޑު ކުރެވި، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ޤަބޫލުކުރާ ފެންވަރަށް ޞިއްޙީ ދާއިރާގެ ތަފާސް ހިސާބު ބެލެހެއްޓުމަށް މަގުފަހިކުރުވުމެވެ.

އައި.ސީ.ޑީ އަކީ މަރުވި ސަބަބު އަދި ބަލިތަކާއި ގުޅޭ ތަފާސްހިސާބުތައް އެއްކުރުމަށްޓަކައި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން އެކުލަވާލާފައިވާ ކޯޑިންގ ނިޒާމެކެވެ. އަދި އައި.ސީ.ޑީގެ 11 ވަނަ ވަރޝަން އަކީ އައި.ސީ.ޑީގެ 10 ވަނަ ވަރޝަން އަށްވުރެ ފުރިހަމަ ވަރޝަންއެކެވެ.

މި ވަރޝަންގައި އެންމެފަހުގެ ބަލިތަކާއި ސިއްޙީ މައްސަލަތައް އިލެކްޓްރޯނިކް ނިޒާމެއްގެ ތެރެއިން ރެކޯޑް ކުރެވި، ތަފާސްހިސާބު އާއްމުކުރުމަށް ފަސޭހަވެގެންދާނެ އެވެ.

މި ތަމްރީނު ދެއްވަނީ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ފަރާތުން ކަނޑައަޅުއްވާފައިވާ މިދާއިރާގެ މާހިރުން ނެވެ. މިތަމްރީން ޕްރޮގްރާމަށްފަހު ޞިއްޙީ ތަފާސްހިސާބުގެ ނިޒާމު އިތުރަށް ހަރުދަނާ ވެގެންދާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް