ސްޓެލްކޯއިން ޕްލާސްޓިކް ފުޅީގައި ފެންބަންދު ކުރުން ހުއްޓާލައިފި އެވެ.
ސްޓެލްކޯއިން ބުނީ އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ނުވަތަ "ސިންގަލް ޔޫސް ޕްލާސްޓިކް" ބޭނުން ކުރުން ހުއްޓާލުމަށް ނިންމާފައިވާ ނިންމުމާއެކު، ޕްލާސްޓިކް ފުޅީގައި ބަންދުކޮށްގެން ވިއްކަމުން ގެންދިޔަ ފެން ވިއްކުން އެއްކޮށް ހުއްޓާލާފައިވާ ކަމަށެވެ.
މި އަހަރުގެ އެޕްރީލް މަހުގެ ފުރަތަމަ ދުވަހު އެ ކުންފުނިން ވަނީ "ފެހި ދިރިއުޅުން" ޕްރޮގްރާމްގެ ދަށުން ކުންފުނިން ހިންގަމުން އަންނަ 35 އިންޖީނުގެއަކީ ސިންގަލް ޔޫސް ޕްލާސްޓިކް ނުވަތަ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް ވެއްދުން މަނާ ތަންތަނަށް ހަދާފަ ކަމަށް މައުލޫމާތުދެ އެވެ.
މި ނިންމުމާއެކު، ސްޓެލްކޯއިން އަމާޒު ހިފީ ކައިރި މުސްތަގުބަލެއްގައި މިކުންފުނީގެ "ސްޓެލްކޯ ފެން" ބްރޭންޑްގެ ދަށުން ޕްލާސްޓިކް ފުޅީގައި ބަންދުކޮށްގެން ވިއްކަމުން ގެންދިޔަ ފެން ވިއްކުން ހުއްޓާލުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށެވެ. އެގޮތުން އެ އަމާޒަށް ވާސިލްވުމަށް މިހާރު ވަނީ ޕްލާސްޓިކް ފުޅީގައި ފެން ބަންދުކުރުން އެއްކޮށް ހުއްޓާލާފަ އެވެ.
ސްޓެލްކޯއިން ޕްލާސްޓިކް ފުޅީގައި ފެންބަންދުކުރުން ހުއްޓާލުމާއި ގުޅިގެން މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣުނީ ވިދާޅުވީ، އެ ނިންމުމަކީ ވަށައިގެންވާ މާހައުލަށް ޕްލާސްޓިކްގެ ސަބަބުން ލިބެމުން އަންނަ ގެއްލުން ކުޑަކުރުމަށް ވަރަށް މުހިއްމު ނިންމުމެއް ކަމަށާއި، ސްޓެލްކޯއިން މި ދެއްކި ނަމޫނާއާއި އެއްގޮތަށް އެހެން ފަރާތްތަކުންވެސް އަމަލު ކުރަމުން ގެންދަވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
"ޕްލާސްޓިކް ފުޅީގައި ފެން ބަންދު ކުރުން ހުއްޓާލިނަމަވެސް، އަޅުގަނޑުމެން ވަރަށް ކައިރި މުސްތަގުބަލެއްގައި ތިމާވެއްޓާއި ރައްޓެހި ފެނުގެ އިތުރު ޕްރޮޑަކްޓެއް. އާދެ ބިއްލޫރި ފުޅީގައި ފެން ވިއްކަން ފަށާނަން" މުޣުނީ ވިދާޅުވި އެވެ.
ސްޓެލްކޯއިގެ ގްރީން ލައިފް އިނިޝިއޭޓިވްގެ ދަށުން ސިންގަލް ޔޫސް ޕްލާސްޓިކް ބޭނުން ކުރުން ހުއްޓާލުމަށް ކުރެވުނު މަސައްކަތުގައި މުވައްޒަފުން ބައިވެރި ކުރުމަށް ކޮންމެ މުވައްޒަފަކަށް ވެސް ރީ-ޔޫސަބަލް ފެންފުޅި އާއި ފޮތި ދަބަސް ވަނީ ހަވާލު ކޮށްފަ އެވެ. އަދި މަސައްކަތުގެ މާހައުލުގައި ފެން ބުއިމުގެ އާދަ އަށަގަންނަވައި ދުޅަހެޔޮ ސިއްހަތެއްގައި މުވައްޒަފުން ތިބުމަށް ބާރުއެޅުމަށް ކުންފުނީގެ މައި އޮފީހުގެ ވަކިވަކި ޑިޕާޓްމަންޓުތަކުގައި ވޯޓަރ ޑިސްޕެންސަރ ނުވަތަ ބޯފެން ފުޅިއަށް އަޅައިގެން ބޭނުން ކުރެވޭނެ އިންތިޒާމުތައް ވެސް ވަނީ ހަމަޖައްސާ ދެވިފަ އެވެ.
މީގެ އިތުރުން މިކުންފުނީގެ ވިޔަފާރި ޚިދުމަތްތަކުގައި ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ޕްލާސްޓިކް ކޮތަޅުގެ ބަދަލުގައި ކަރުދާސް ކޮތަޅު ފޯރުކޮށްދީ، ކުންފުންޏަށް ވަންނަ ފަރާތްތަކުން ވެސް ސިންގަލް ޔޫސް ޕްލާސްޓިކް ކުންފުނީގެ އިމާރާތުގެ ތެރެއަށް ނުވެއްދުމާއި ބޭނުން ކުރުން ހުއްޓުވުމުގެ ގޮތުން، އިމާރާތުގެ ތެރެއަށް ވެއްދުން މަނާ ޕްލާސްޓިކް ހެޑްއޮފީހުގެ އިމާރާތުގެ އެތެރެއަށް ވަންނައިރު ބެހެއްޓޭނެ ނުވަތަ ރައްކާކުރެވޭނެ އިންތިޒާމްތައް ވެސް ވަނީ ޤާއިމް ކޮށްދެވިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް