މުހައްމަދު އަމީން މިނިވަން ކުރަން މިއަދު ހައި ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމައިފި އެވެ.
އޭނާއަކީ ދައުލަތުން ތުހުމަތު ކުރާގޮތުގައި އިސްލާމީ ހަރުކަށި ޖަމާއަތް ކަމަށްވާ އައިސްގެ ރާއްޖޭ އަމީރެވެ.
އޭނާ ދޫކޮށްލީ ކްރިމިނަލް ކޯޓުން ޝަރީއަތުގެ ކުރިން ހުށަހެޅި ހުށަހެޅުންތަކަކާ މެދު ނިންމި ގޮތް ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ވެސް ބަލައިނުގަތުމުން ސުޕްރީމް ކޯޓަށް ހުށަހަޅައިގެން، އެ މައްސަލަ ބަލަން ސުޕްރީމް ކޯޓުން އެންގުމުން ހައި ކޯޓުން ބެލި މައްސަލައިގަ އެވެ.
ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު ވިދާޅުވީ ހައި ކޯޓުގެ ނިންމުން އިސްތިއުނާފު ކުރަން ނިންމާފައިވާ ކަމަށެވެ. އެއީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެގައި ބަޔާންކޮށްފައިވާ ތަހުގީގު ކުރުމާއި ދައުވާކުރުމުގެ ހާއްސަ މުއްދަތުތަކަށް ހައިކޯޓުގެ ނިންމުމުގައި ރިއާޔަތްކޮށްފައި ނުވާތީ އާއި ހައިކޯޓުގެ ނިންމެވުމުގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 26 ވަނަ މާއްދާގެ (ފ) މާނަކޮށްދީފައިވަނީ ރަނގަޅަށް ނޫން ކަމަށް ދެކޭތީ ކަމަށް އެ އޮފީހުން ބުންޏެވެ.
ޕީޖީ އޮފީހުން ބުނި ގޮތުގައި ހައި ކޯޓުގެ ނިންމުމުގެ ސަބަބުން ޓެރަރިޒަމްގެ މައްސަލަތައް ބެލުމުގައި ތަހުގީގު ކުރުމާއި ދައުވާ ކުރުމުގައި ހާއްސަ މުއްދަތުތައް ގާނޫނުގައި ކަނޑައެޅުމުގެ މަގުސަދު ގެއްލިގެންދާނެ އެވެ.
މިއަދު ހައި ކޯތުން ހުކުމް ކުރި އެ މައްސަލައިގައި، ޖިނާއީ އާންމު އިޖުރާއަތުގެ ދަށުން އަމީން ބަންދު ކޮށްފައިވާތީ އޭނާގެ މައްޗަށް ދައުވާ ކުރަން ޖެހޭނީ 30 ދުވަހުގެ ތެރޭގައި ކަމަށެވެ. އޭނާއަށް ދައުވާ ކުރެވޭނެ އެންމެ ފަހުގެ ތާރީހަކީ ނޮވެމްބަރު 24، 2019 ކަމަށްވާއިރު ދައުވާ ކުރީ ޑިސެމްބަރު 5، 2019ގައި ކަމަށް ހުކުމުގައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް