"ހަކަތަރި" ނަމުގައި ހަކަތަ ސަމަކާރަ ލޭބަލް ރާއްޖޭގައި ތަޢާރަފްކޮށްފި

ދިވެހި ރާއްޖޭގައި ކަރަންޓު އާލާތުގެ ހަކަތަ ސަމަކާރަ މިންވަރު ދެނެގަނެވޭނޭ ލޭބަލްޖެހުމުގެ ޕްރޮގްރާމެއް "ހަކަތަރި" ޕްރޮގްރާމުގެ ނަމުގައި ތައާރަފުކޮށް މިއަދު އިފްތިތާހު ކޮށްފިއެވެ. މިނިސްޓްރީ އޮފް އެންވަ...

16 Sep 2021 | 09:59

ދިވެހި ރާއްޖޭގައި ކަރަންޓު އާލާތުގެ ހަކަތަ ސަމަކާރަ މިންވަރު ދެނެގަނެވޭނޭ ލޭބަލްޖެހުމުގެ ޕްރޮގްރާމެއް "ހަކަތަރި" ޕްރޮގްރާމުގެ ނަމުގައި ތައާރަފުކޮށް މިއަދު އިފްތިތާހު ކޮށްފިއެވެ.

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ކްލްއިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ ގެ ފަރާތުން އިފްތިތާހު ކުރި މި ޕްރޮގްރާމު އިފްތިތާޙްކޮށްދެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ކްލްއިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އައިމިނަތު ޝައުނާ އެވެ.

މި ޕުރޮގުރާމުގެ މަގްސަދަކީ ރާއްޖެއަށް އެތެރެ ކުރެވޭ ކަރަންޓު ސާމާނަކީ ވަކި ފެންވަރެއްގެ، ޚާއްސަ މިންގަނޑުތަކަކަށް ފެތޭ ތަކެތިކަން ޔަގީންކޮށް، އާންމުންނަށް އެތަކެތި ވަކިކުރެވޭނެ ނިޒާމެއް ގާއިމްކުރުމެވެ.

އެކަމަނާގެ ވާހަކަފުޅުގައި ހަކަތަރި ލޭބަލިންގ ޕްރޮގްރާމުގެ ސަބަބުން، ހަކަތައަށް ކުރެވޭ ހޭދަ އިޤްތިސާދުކުރުމަށް މަގުފަހިވެގެން ދާނެކަމަށް އުންމީދު ކުރައްވާކަމަށް ވިދާޅުވި އެވެ. އަދި ރާއްޖޭއިން އަމާޒު ހިފާފައިވާ މޫސުމަށްއަންނަ ބަދަލުތަކުގެ އަމާޒުތަކަށް ވާސިލުވުމަށް ކުރެވޭ މަސައްކަތްތަކަށް ވެސް ކުރިއެރުން ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.

ކަރަންޓު އާލާތްތަކުގައި ހަރުކުރާ މި ލޭބަލަކީ ކަރަންޓު މަދުންބޭނުންކުރާ އާލާތްތައް ދެނެގަތުމަށް ފަސޭހަކުރުމަށާއި އެފަދަ އާލާތްތަކުން ކަރަންޓު ބޭނުންކުރާ މިންވަރާއި ގުޅޭ ސައްހަ މަޢުލޫމާތު އަންގައިދިނުމުގެ މަޤްސަދުގައި ހަރުކުރާ ލޭބަލެކެވެ.

ހަކަތަރި ލޭބަލިންގ ޕްރޮގްރާމު ހިންގުމަށް ހަމަޖެހިފައިވަނީ އިމްޕޯޓު ކުރާ ފަރާތްތަކުން މިޕްރޮގްރާމުގައި ބައިވެރިވުމަށް އެދިގެން ނެވެ. އަދި ޕްރޮގްރާމުގެ ދަށުން ފުރަތަމަ ލޭބަލް ޖެހުމަށް ހަމަޖެހިފައިވަނީ އައިސް އަލަމާރި، އޮޓޮމެޓިކް ދޮންނަމެޝިން އަދި އެއަރކޮންޑިޝަނަރ ގަ އެވެ.

މިތަކެތި ރާއްޖެއަށް އެތެރެކުރުމުގެ ކުރިން އެ ތަކެއްޗަކީ ރާއްޖޭގެ އެނަރޖީ އެފިޝަންސީ މިންގަނޑަށްފެތޭ ތަކެތިތޯ ބަލައި، ލޭބަލްޖެހުމުގެ ހުއްދަ ހޯދަންޖެހޭނެ އެވެ. އަދި ރާއްޖެއަށް އެތެރެކުރާއިރު ހުންނާނީ ހުއްދަ ދީފައިވާގޮތުގެމަތިން އެތަކެތީގައި ލޭބަލް ހަރުކުރެވިފަ އެވެ.

ކަރަންޓު ބޭނުންކުރާ މިންވަރާއި ހަކަތަ ސަމަކާރަ މިންވަރު އަންގައިދޭ ސަމަކާރަ ލޭބަލް ހުންނާނީ އެކަކުން ފެށިގެން ފަހަކާއި ހަމައަށް ދަރަޖަ ގިންތި ކުރެވިފަ އެވެ. އެގޮތުން އެންމެ ފުރަތަމަ ދަރަޖައިގެ ލޭބަލައަކީ ހަކަތަ ސަމަކާރަ މިންގަނޑަށްފެތޭ އެންމެ ދަށްމިންވަރު އަންގައިދޭ ލޭބަލެވެ. އަދި ފަސްވަނަ ދަރަޖައިގެ ލޭބަލަކީ ހަކަތަ ސަމަކާރަ މިންގަނޑުގެ އެންމެ މަތީ ދަރަޖަ އަންގައިދޭ ލޭބަލެވެ.

ހަކަތަރި ލޭބަލިންގ ޕްރޮގްރާމު އެކުލަވާލާފައިވަނީ ގްލޯބަލް އެންވަޔަރަމަންޓް ފެސިލިޓީ (ޖެފް) ގެ އެހީއާއެކު އ.ދ ގެ ތިމާވެއްޓާބެހޭ ޖަމްޢިއްޔާ ޔުނައިޓެޑް ނޭޝަންސް އެންވަޔަރަމަންޓް ޕްރޮގްރާމް (ޔޫ.އެން އެންވަޔަރަންމަންޓް) އާގުޅިގެން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީން ހިންގަމުން އަންނަ "ސްޓްރެންތެނިންގ ލޯ ކާބަން އެނަރޖީ އައިލެންޑް ސްޓްރެޓެޖީސް" މަޝްރޫޢުގެ ދަށުން ނެވެ.

މި މަޝްރޫއުގެ މައިގަނޑު މަޤުސަދަކީ، އިމާރާތްތަކުން ޖައްވަށްބޭރުކުރެވޭ ވިހަގޭސް (ގްރީންހައުސް ގޭސް) މަދުކޮށް މިދާއިރާއިން ހަކަތަ އިސްރާފްކުރުން މަދުކުރުރުމާއި އަދި ތިމާވެއްޓާއި ރައްޓެހިގޮތުގައި ހަކަތަބޭނުންކުރުން އިތުރުކުރުމެވެ.

ދިރިއުޅުމުގައި ބޭނުންކުރާ ތަފާތު ބާވަތުގެ ކަރަންޓު އާލާތްތަކުގެ ސަބަބުން ދިރިއުޅުމުގެ މަސައްކަތްތައް ފަސޭހަވީނަމަވެސް ކަރަންޓު ޚަރަދު ބޮޑުވެގެންދިއުމަކީ އެކަމުގެ ސަބަބުން ތަކުލީފުތަކެއްވެސް ކުރިމަތިވާކަމަކެވެ.

އެހެންކަމުން ހަކަތަރި ޕްރޮގްރާމުގެ އެހީގައި ކަރަންޓު އާލާތްތައް ހޯދުމުގައި ހަކަތަރި ލޭބަލުގައިވާ މައުލޫމާތުގެ އަލީގައި ސަމަކާރަ ތަކެތި ޚިޔާރުކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް