ލީކުވި އޯޑިއޯތަކުގެ މައްސަލައިގައި ބޮޑެތި ކަންބޮޑުވުންތަކެއް ހުރުމުން އިދިކޮޅު ކޯލިޝަނުން ޕީޖީ އާ މަޝްވަރާކޮށްފި

ލީކުވި އޯޑިއޯތަކުގެ މައްސަލައިގައި ބޮޑެތި ކަންބޮޑުވުންތަކެއް ހުރުމުން އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތުން ޕްރޮސިކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް އާ ބައްދަލުކޮށް، މަޝްވަރާކޮށްފި އެވެ. ޕްރޮގްރެސިވ...

16 Sep 2021 | 09:38

ލީކުވި އޯޑިއޯތަކުގެ މައްސަލައިގައި ބޮޑެތި ކަންބޮޑުވުންތަކެއް ހުރުމުން އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތުން ޕްރޮސިކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް އާ ބައްދަލުކޮށް، މަޝްވަރާކޮށްފި އެވެ.

ޕްރޮގްރެސިވް ކޯލިޝަނުން ބުނީ ޕީޖީ ޝަމީމް އާ މިއަދު ބައްދަލުކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީިލޯންޑްރިންގ ގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ޖަލު ހުކުމެއް ކުރިއިރު، ކްރިމިނަލް ކޯޓުގެ ބެންޗްގައި ތިއްބެވި ފަނޑިޔާރުންގެ އޯޑިއޯތަކެއް ކަމަށް ބުނާ އޯޑިއޯތައް ލީކުވި މައްސަލަ ބައްލަވައިދެއްވުން އެދި ކަމަށެވެ.

ޕީޖީ ޝަމީމް އާ ބައްދަލުކުރެއްވުމަށް ފަހު، ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ލީކުވީ އޯޑިއޯތަކުގައި ހުރީ ފަނޑިޔާރުންގެ އަޑުކަން އިދިކޮޅަށް ގާތްގަނޑަކަށް ޔަގީންވާ ކަމަށެވެ.

އެހެން ނަމަވެސް މިހައިތަނަށް އައި އިރު އޭގެ ރަނގަޅު ތަހުގީގެއް ހިންގިފައި އޮތް ކަމަކަށް ގަބޫލެއް ނުކުރެވޭ ކަމަށް ވެސް އަދުރޭ ވިދާޅުވި އެވެ.

"އޯޑިއޯތަކުގައިވާ އަޑުތަކަކީ ފަނޑިޔާރުންގެ އަޑުކަން ނުވަތަ ނޫންކަން ކަށަވަރު ކުރުމަށްޓަކައި ކުރަން ޖެހޭ ތަހުގީގު، އަމިއްލަ ފަރާތަކާ ހަވާލުކޮށްފައިވާ ކަމަށް އަޑުއިވިފައި ވިޔަސް، އެއީ ކިހާވަރެއްގެ ގާބިލުކަން ހުރި ބައެއް ކަމެއް ނޭނގެ.އެހެންވެ އަޅުގަނޑުމެން ޕީޖީ އަރިހުގައި މި ދެންނެވީ އަޅުގަނޑުމެން ބޭނުމޭ އިތުބާރު ހުރި ގޮތެއްގައި މިކަން ތަހުގީގު ކުރެވެން. އެހެންވީމާ އަޅުގަނޑުމެން ބޭނުންވަނީ ފޮރެންސިކް ތަހުގީގެއް މި ކަމުގައި ކުރެވޭނެ ގޮތެއް ވާށޭ،" އަދުރޭ ވިދާޅުވި އެވެ.

އޯޑިއޯތަކުގެ ފޮރެންސިކް ތަހުގީގު ކުރިއަށް ގެންދާ ގޮތް ގާތުން ބައްލަވައިދެއްވާނެ ކަމަށް ޕީޖީ ޝަމީމް ވިދާޅުވި ކަމަށާއި އެ ތަހުގީގު ކުރިއަށް ގެންދާ ގޮތް ގާތުން ބައްލަވައި އެ ކަމުގެ މައުލޫމާތު ދެއްވާނެ ކަމުގެ ޔަގީންކަން ވެސް ޝަމީމު ދެއްވި ކަމަށް އަދުރޭ ވިދާޅުވި އެވެ.

ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތުން ޕީޖީއާ ބައްދަލުކުރެެއްވީ އަދުރޭ އާއި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފާއި ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫނު އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް