ވެމްކޯ ދޮރުމައްޗަށް ކުނި އަޅާފަ ސިޓީ ކައުންސިލުން މައާފަށް އެދެފި

މާލޭ މަގުތަކުން ނެގި ކުނިތައް ގެންގޮސް ވެމްކޯ ކުންޏާއި ބެހޭ އޮފީހުގެ ދޮރު މައްޗަށް އޮއްސާލި މައްސަލައިގަ ސިޓީ ކައުންސިލުން މައާފަށް އެދިފި އެވެ. މި މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި މީހަކު ...

16 Sep 2021 | 09:01

މާލޭ މަގުތަކުން ނެގި ކުނިތައް ގެންގޮސް ވެމްކޯ ކުންޏާއި ބެހޭ އޮފީހުގެ ދޮރު މައްޗަށް އޮއްސާލި މައްސަލައިގަ ސިޓީ ކައުންސިލުން މައާފަށް އެދިފި އެވެ.

މި މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި މީހަކު ވަނީ އާންމުކޮށްފައި އެވެ. އެ ވީޑިއޯއިން ފެންނަނީ މާލޭ ސިޓީ ކައުންސިލްގެ ބޮޑު ލޮރީއެއް ގައި ކުނި ކޮތަޅުތައް ބަރުކޮށްގެން ގޮސް އިންޑަސްޓްރިއަލް ޒޯން ސަރަހައްދުގައި ވެމްކޯގެ ކުންޏާ ބެހޭ އޮފީސް ހަދާފައި ހުންނަ ތަނުގެ ގޭޓް ކައިރިއަށް ލޮރީއަކުން ކުނިތައް އޮއްސާލާ ތަނެވެ.

އަދި ލޮރީ ކުރިޔަށް ދުއްވާލާއިރު ކުނި ކޮތަޅުތައް މަގު މައްޗަށް ފެތުރިގަންނަތަންވެސް ފެނެ އެވެ. މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި ސިޓީ ކައުންސިލް މުވައްޒަފުން ވަނީ ވެމްކޯ މުވައްޒަފަކާއި ދިމާލައްވެސް ކުނި ކޮތަޅެއް އެއްލާފަ އެވެ.

ވެމްކޯގެ ސެކިއުރިޓީން ބުނީ އެ މީހުންނަށް ވެސް ކުރިން އެނގުމަކާ ނުލައި ލޮރީއެއް ވަދެ ކުނިތައް އަޅާލީ ކަމަށެވެ. އަދި އެއީ އެއްވެސް އިރަކު ކުނި އަޅާ ތަނެއް ނޫން ކަމަށް ސެކިއުރިޓީން ބުނެ އެވެ.

މިކަމާއި ގުޅިގެން މިވަގުތު ރަސްމީ ދަތުރެއްގައި ތުރުކީގައި ހުންނެވި މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވެމްކޯ ދޮރުމައްޗަށް ކުނި އެޅުމަކީ އެއްގޮތަކަށް ވެސް ކޮށްގެން ނުވާނެ، ނާތަހުޒީބު ކަމެއް ކަމަށެވެ. އަދި އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވެމްކޯ ދޮރުމައްޗަށް ކުނި އެޅި މައްސަލަ ޑެޕިއުޓީ މޭޔަރު ސަމާލު ކަމަށް ގެންނެވުމުން އެކަން ރަނގަޅު ކުރުމަށް މިހާރު އަންގާފައިވާނެ ކަމަށެވެ.

https://twitter.com/MMuizzu/status/1438403887011139590

މި މައްސަލައިގަ ސިޓީ ކައުންސިލުން ވަނީ ނޫސްވެރިންގެ ބައްދަލުވުމެއްވެސް ބާއްވާފަ އެވެ.

އެ ބައްދަލުވުމުގައި ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވީ އެ ހާދިސާގެ މައުލޫމާތު ލިބުމާއެކު ވެމްކޯގެ އިސްވެރިންނާ ވާހަކަދައްކައި، އެ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރެވުނު ކަމަށެވެ. އަދި ކައުންސިލްގެ މުވައްޒަފުން ފޮނުވައިގެން ވަގުތުން އެ ކުނިތައް ނެގި ކަމަށް ނަރީޝް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވެމްކޯ ދޮރު މައްޗަށް ކުނި އެޅުނީ މައުލޫމާތު ބަދަލު ކުރުމުގައި އޮޅުން އަރައިގެން ކަމަށެވެ. އެކަމަކު އެފަދަ ކަމެއް ހިނގައިގެން ނުވާނެ ކަމަށާއި އެކަމަށް ވެމްކޯގެ ހުރިހާ މުވައްޒަފުންނާއި މެނޭޖްމަންޓުގެ ފަރާތުން ސިޓީ ކައުންސިލުން މައާފަށް އެދޭ ކަމަށް ނަރީޝް ވިދާޅުވި އެވެ.

މިކަން ދިމާވެފައި މިވަނީ ރެއިން ފެށިގެން ގޭގޭގެ ފަންގިފިލާތަކަށް އަރައިގެން ވެމްކޯއިން ކުނި ނަގަން ފަށައި ރެޖިސްޓްރީ ނުކުރާ ގޭގޭގެ ކުނި އުކުން ހުއްޓާލުމުންނެވެ. ވެމްކޯއިން ބުނީ ރެޖިސްޓްރީ ނުކުރާ ގޭގޭގެ ކުނި އެ ކުންފުނިން ނުނަގާނެ ކަމަށާއި އެކަން ކުރާނީ ސިޓީ ކައުންސިލުން ކަމަށެވެ.

މިގޮތަށް ނިންމުމުން އެފަދަ ގޭގެއިން ވަނީ މަގުތައް ކުނި ނެރެ ބައެއް މަގުތައް ފުރާލާފަ އެވެ. އަދި އެ ސަރަހައްދުތަކުން ކުނި ވަސް ދުވާތީ ހިނގޭވަރެއްވެސް ނުވެ އެވެ.

ވެމްކޯއިން ބުނެފައިވާ ގޮތުގައި ސިޓީ ކައުންސިލުން އެގޮތަށް ނަގާ ކުނި ގެންގޮސް އަޅަން ޖެހޭނީ އެ ކުންފުނީގެ ބާޖުތަކަކަށް ކަމަށެވެ. ސިޓީ ކައުންސިލުން ކުނިތައް ގެންގޮސް ވެމްކޯ ދޮރުމައްޗަށް އަޅާލުމުން ގިނަ ބަޔަކު ވަނީ އެ ކައުންސިލަށް ފާޑުކިޔަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް