އައްމަޓީ މިއަދު ކޯޓުގައި އެދުނީ ދެ ދަރިން ޖާމިނުވާ ގޮތަށް ގެއަށް ދޫކޮށްދޭން!

ސީލައިފް ގްލޯބަލް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އައްމަޓީ) ދެ ދަރިން ޖާމިނުވާގޮތަށްވެސް ގޭބަންދަށް ދޫކޮށްލެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން ނިންމައިފި އެވެ. އައްމަޓީ އާއި ދެކޮޅަށް ހިޔ...

16 Sep 2021 | 08:20

ސީލައިފް ގްލޯބަލް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އައްމަޓީ) ދެ ދަރިން ޖާމިނުވާގޮތަށްވެސް ގޭބަންދަށް ދޫކޮށްލެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.

އައްމަޓީ އާއި ދެކޮޅަށް ހިޔާނާތުގެ 42 ދައުވާއެއް އުފުލާފައިވެ އެވެ. މި ދައުވާތައް އޭނާ އާއި ދެކޮޅަށް ކުރުމަށް ކްރިމިނަލް ކޯޓަށް ފޮނުވީ މިދިޔަ މެއި މަހުގެ 30 ވަނަ ދުވަހު އެވެ.

މި ދައުވާތައް އުފުލާފައިވަނީ ހުޅުމާލޭގައި ހައުސިން ޔުނިޓުތަކެއް އަޅާނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން މަކަރާއި ހީލަތުން ފައިސާ ނެގުމަށް ފަހު އަންމަޓީ ފިލި މައްސަލައިގަ އެވެ. އައްމަޓީގެ ސީލައިފް އިން ފްލެޓު ދޭނެ ކަމަށް ބުނެ 280 މީހަކު އަތުން އޭނާ ފައިސާ ހޯދާފައިވެ އެވެ.

މި މައްސަލައިގަ ލަންކާއިން އޭނާ ހައްޔަރުކޮށް ގެނެސްފައިވާއިރު ޝަރީއަތް ނިމެންދެން ހުރީ ބަންދުކޮށްފައި އެވެ.

އެ މައްސަލައިގަ ބަންދުގެ މުއްދަތު މުރާޖާ ކުރުމަށް މިއަދު ހާޒިރު ކުރުމުން އައްމަޓީ ވަނީ ކަފާލާތުގެ ދަށުން ދެ ދަރިން ޖާމިނުވާގޮތަށް އޭނާ ގޭ ބަންދަށް ބަދަލުކޮށްދިނުމަށް ކޯޓުގައި އެދިފަ އެވެ. މީގެ ކުރިން ބޭއްވި އަޑުއެހުމެކޭ އެއްގޮތަށް މިއަދުވެސް ވަނީ ދައުލަތުގެ އިދާރާއަކަށް ކޮންމެ ދުވަހަކު ހާޒިރުވާން ޖެހޭ ގޮތަށް ޝަރުތުކޮށް ނަމަވެސް ގޭ ބަންދަށް ބަދަލުކޮށްދިނުމަށް އެދިފަ އެވެ.

އެކަމަކު މައްސަލަ ބައްލަވާ ގާޒީ އަހްމަދު ސައީދު ވިދާޅުވީ އަންމަޓީގެ މައްޗަށް ކުރެވެނީ ހިޔާނާތުގެ ބޮޑެތި ތުހުމަތުތަކެއް ކަމަށްވާތީ އަންމަޓީ ދޫކޮށްލުމުން މުޖުތަމައުގެ މަސްލަހަތު ގެއްލުމާއި އެކު ކުށް ކުރުމަށް ބަޔަކަށް ހިތްވަރު ލިބިގެން ހިނގައިދާނެ ކަމަށެވެ. އެއަށްފަހު ގާޒީ ނިންމެވީ އަންމަޓީ ޖަލު ބަންދުގައި ބެހެއްޓުމަށެވެ.

އެކަމަކު ކޮންމެ 30 ދުވަހަކު ބަންދުގެ މުއްދަތު މުރާޖައާ ކުރަންޖެހޭތީވެ ހާލަތަށް ބެލުމަށްފަހު އަންމަޓީގެ ހުށަހެޅުމާ މެދު ގޮތެއް ނިންމަން ޖެހޭ ނަމަ އެކަމަށް ރިއާޔަތް ކުރައްވާނެ ކަމުގައިވެސް ގާޒީ ވަނީ ވިދާޅުވެފަ އެވެ.

ދެ ދަރިން ޖާމިނުކޮށް ގޭ ބަންދަށް ބަދަލުކޮށްދީފި ނަމަ އޭނާ ބަންދުގެ އަމުރާއި ހިލާފުވެއްޖެ ނަމަ ދެ ދަރިންނަށް ޖަލު ހުކުމެއް އަންނާނެ އެވެ.

އައްމަޓީ ވަނީ ފްލެޓު ދޭނެ ކަމަށް ބުނެ ފްލެޓު ގަންނަން ބޭނުންވި ކޮންމެ މީހެއްގެ އަތުން ބުކިން ފީ އެއްގެ ގޮތުގައި 50،000 ރުފިޔާ ނަގާފައިވާއިރު، އެ ފައިސާތައް ހިފައިގެން އައްމަޓީ ފިލައިގެން ރާއްޖެއިން ބޭރަށް ދިޔަ އެވެ.

މި ފްލެޓްތަކަށް ފުރަތަމަ ދައްކަން ޖެހޭ 20 ޕަސެންޓް ފައިސާ ދެއްކިއިރު ބައެއް ފަރާތްތަކުން ވަނީ ފުލް ޕޭމެންޓް ދައްކާފަ އެވެ. އެކަމަކު ފްލެޓްތަކުގެ މަސައްކަތް ކުރިއަށް ނުދާތީ ދެއްކި ފައިސާ އަނބުރާ ހޯދަން އެ ފަރާތްތަކުން ސީލައިފްއާ ދެކޮޅަށް ކޯޓުގައި ދައުވާކޮށްފައިވެ އެވެ.

މި މައްސަލައިގަ ގާނޫނުލް އުގޫބާތުގެ 215 ވަނަ މާއްދާގެ އެއް ނަމްބަރުގެ ދަށުން 12 ދައުވާއަކާއި އެ މާއްދާގެ އެހެން ނަމްބަރެއްގެ ދަށުން 25 ދައުވާއަކާއި އިތުރު ފަސް ދައުވާ އެއް އުފުލާފައިވެ އެވެ. ޕީޖީ އޮފީހުން ބުނީ މި ދަޢުވާތައް ސާބިތުވެއްޖެނަމަ 65 އަހަރު ދުވަހުގެ ޖަލު އަދަބެއް އައްމަޓީއަށް ކަނޑައެޅޭނެކަމަށް ފެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް