މަގުމަތަކުން ނެގި ކުނިތައް ސިޓީ ކައުންސިލުން ގެންގޮސް އޮއްސާލީ ވެމްކޯ ދޮރުމައްޗަށް

މާލޭ މަގުތަކުން ނެގި ކުނިތައް މާލޭ ސިޓީ ކައުންސިލުން ގެންގޮސް ވެކްމޯގެ ކުންޏާއި ބެހޭ އޮފީހުގެ ދޮރު މައްޗަށް އޮއްސާލައިފި އެވެ. މި މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި މީހަކު ވަނީ އާންމުކޮށްފައ...

16 Sep 2021 | 07:52

މާލޭ މަގުތަކުން ނެގި ކުނިތައް މާލޭ ސިޓީ ކައުންސިލުން ގެންގޮސް ވެކްމޯގެ ކުންޏާއި ބެހޭ އޮފީހުގެ ދޮރު މައްޗަށް އޮއްސާލައިފި އެވެ.

މި މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި މީހަކު ވަނީ އާންމުކޮށްފައި އެވެ. އެ ވީޑިއޯއިން ފެންނަނީ މާލޭ ސިޓީ ކައުންސިލްގެ ބޮޑު ލޮރީއެއް ގައި ކުނި ކޮތަޅުތައް ބަރުކޮށްގެން ގޮސް އިންޑަސްޓްރިއަލް ޒޯން ސަރަހައްދުގައި ވެމްކޯގެ ކުންޏާ ބެހޭ އޮފީސް ހަދާފައި ހުންނަ ތަނުގެ ގޭޓް ކައިރިއަށް ލޮރީއަކުން ކުނިތައް އޮއްސާލާ ތަނެވެ.

އަދި ލޮރީ ކުރިޔަށް ދުއްވާލާއިރު ކުނި ކޮތަޅުތައް މަގު މައްޗަށް ފެތުރިގަންނަތަންވެސް ފެނެ އެވެ. މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި ސިޓީ ކައުންސިލް މުވައްޒަފުން ވަނީ ވެމްކޯ މުވައްޒަފަކާއި ދިމާލައްވެސް ކުނި ކޮތަޅެއް އެއްލާފަ އެވެ.

ވެމްކޯގެ ސެކިއުރިޓީން ބުނީ އެ މީހުންނަށް ވެސް ކުރިން އެނގުމަކާ ނުލައި ލޮރީއެއް ވަދެ ކުނިތައް އަޅާލީ ކަމަށެވެ. އަދި އެއީ އެއްވެސް އިރަކު ކުނި އަޅާ ތަނެއް ނޫން ކަމަށް ސެކިއުރިޓީން ބުނެ އެވެ.

https://twitter.com/mauman707/status/1438377702730309633

މިކަން ދިމާވެފައި މިވަނީ ރެއިން ފެށިގެން ގޭގޭގެ ފަންގިފިލާތަކަށް އަރައިގެން ވެމްކޯއިން ކުނި ނަގަން ފަށައި ރެޖިސްޓްރީ ނުކުރާ ގޭގޭގެ ކުނި އުކުން ހުއްޓާލުމުންނެވެ. ވެމްކޯއިން ބުނީ ރެޖިސްޓްރީ ނުކުރާ ގޭގޭގެ ކުނި އެ ކުންފުނިން ނުނަގާނެ ކަމަށާއި އެކަން ކުރާނީ ސިޓީ ކައުންސިލުން ކަމަށެވެ.

މިގޮތަށް ނިންމުމުން އެފަދަ ގޭގެއިން ވަނީ މަގުތައް ކުނި ނެރެ ބައެއް މަގުތައް ފުރާލާފަ އެވެ. އަދި އެ ސަރަހައްދުތަކުން ކުނި ވަސް ދުވާތީ ހިނގޭވަރެއްވެސް ނުވެ އެވެ.

ވެމްކޯއިން ބުނެފައިވާ ގޮތުގައި ސިޓީ ކައުންސިލުން އެގޮތަށް ނަގާ ކުނި ގެންގޮސް އަޅަން ޖެހޭނީ އެ ކުންފުނީގެ ބާޖުތަކަކަށް ކަމަށެވެ. ސިޓީ ކައުންސިލުން ކުނިތައް ގެންގޮސް ވެމްކޯ ދޮރުމައްޗަށް އަޅާލުމުން ގިނަ ބަޔަކު ދަނީ އެ ކައުންސިލަށް ފާޑުކިޔަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް