މިނިވަންކަމުގެ ދިފާޢުގައި ނުކުންނަން ހުރިހާ ބޭފުޅުން ތައްޔާރުވުމަށް އަދުރޭ ގޮވާލައްވައިފި

ދިވެހި ޤައުމުގެ މިނިވަންކަމުގެ ދިފާއުގައި ރައްޔިތުން ނުކުންނަން ތައްޔާރުވުމަށް ޕީއެންސީގެ ރައީސް އަދި އިދިކޮޅު ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި ޢަބްދުރަޙީމް ޢަބްދުﷲ ގޮވާލައްވައިފި އެވެ. ޕީޕީއެމްގ...

16 Sep 2021 | 05:15

ދިވެހި ޤައުމުގެ މިނިވަންކަމުގެ ދިފާއުގައި ރައްޔިތުން ނުކުންނަން ތައްޔާރުވުމަށް ޕީއެންސީގެ ރައީސް އަދި އިދިކޮޅު ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި ޢަބްދުރަޙީމް ޢަބްދުﷲ ގޮވާލައްވައިފި އެވެ.

ޕީޕީއެމްގެ ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ މިއަދު ދިވެހި ޤައުމު މިއޮތީ ކުރެވުނު ގޮތަކުން މިސަރުކާރު ބަލިކުރަންޖެހިފައިވާ ޙާލަތެއްގައި ކަމަށެވެ. އަދި ގައުމެއްގެ ޙާލަތު ވަކި ހިސާބަކަށް ދިޔައިމާ ޤައުމު ސަލާމަތްކުރަން ރައްޔިތުން ނުކުންނަން ޖެހޭ ކަމަށެވެ.

" އިސްލާމްދީނަށް ފުރައްސާރަކޮށްފައި ރަސޫލާއަށް ގޮންޖަހާފައި ރާއްޖޭގެ މިނިވަންކަން ވިއްކާލީމަ ދެން ރައްޔިތުން ނިކުންނަން ޖެހޭނީ ރައްޔިތުން ގައިގައި ހުރި ހިތްވަރު ދައްކަން. ރައްޔިތުންގެ އޮތް ބާރު ބޭނުންކުރަން. އިބްރާހީމް މުހައްމަދު ސާލިހު ވެރިކަމުން ބާލަން އެބަޖެހޭ. މިއަދު މިރާއްޖޭގައި މިކުރަނީ ދިވެހި ރައްޔިތުންގެ ވެރިކަމެއް ނޫން. އަޅުގަނޑު ތަކުރާރުކޮށް މިދަންނަވަނީ އިންޑިޔާގެ އަސްކަރިއްޔާ މިގައުމުން ބާލަންއެބަޖެހޭ." އަދުރޭ ވިދާޅުވި އެވެ.

2018ގެ އިންތިޚާބުގެ ދުވަސްވަރު ރައީސް ޔާމީން ޕޯޑިއަމްތަކުގައި، އެމްޑީޕީއަށް އޭރު ގުޅިފައި އޮތް ކޯލިޝަނަށް ވެރިކަން ލިބިއްޖިއްޔާ ރާއްޖޭގައި މިއޮތް އިސްލާމްދީނަށް ކުރިމަތިވަމުން ދާނެ ކަންތައްތަކުގެ ވާހަކަ ތަކުރާރުކޮށް ދެއްކެވި ކަމަށް އަދުރޭ ވިދާޅުވި އެވެ. އަދި ދިވެހި ރާއްޖޭގެ މިނިވަންކަމަށް ބުރޫ އަރާނެ ވާހަކަ ތަކުރާރުކޮށް ގެންދެވީ ދައްކަވަމުންކަން އަދުރޭ ފާހަގަ ކުރެއްވި އެވެ.

އެހެންނަމަވެސް އަވަށްޓެރި އިންޑިޔާގެ އެހީތެރިކަމާއެކު ރާއްޖޭގެ ރައްޔިތުންނަށް އަގަލެއް ކުލުނެއް ލޯބެއްނެތް ބައެއްގެ އަތްމައްޗަށް ރާއްޖޭގެ ވެރިކަން ފުރޮޅިގެން ދިއުމުގެ ނަތީޖާއަކަށް ވީ އަޅުގަނޑުމެންނަކީ އިންޑިޔާގެ އަޅުވެތި ކަމުގެ ދަށުގައި އޮތް ގައުމަކަށް ބަދަލުވެގެން ދިއުން  ކަމަށް އަދުރޭ ވިދާޅުވި އެވެ.

ކަފާލާތުގެ ދަށުން ރައީސް ޔާމީނަށް މިނިވަންކަމެއް ލިބިވަޑައިގެން މަގުމައްޗަށް ދެދުވަހު ހަމައަށް ނުކުމެވަޑައިގެންނެވުނަސް މި ސަރުކާރު ދެމިއެއް ނޯންނާނެކަން އެމްޑީޕީގެ އިސްބޭފުޅުން ގަބޫލުކުރާ ކަމަށާއި ރައީސް ޔާމީނަށް އެންމެ ދުވަހަކަށް ނަމަވެސް މިނިވަންކަމާއެކު މަގުމައްޗަށް ނިކުމެވަޑައިގެންނެވިއްޖިއްޔާ މިސަރުކާރެއް ނޯންނާނެ ކަމަށް ވެސް އަދުރޭ ވިދާޅުވި އެވެ.

އެހެންކަމުން މިނިވަންކަމުގެ ދިފާއުގައި ނުކުންނަން ތައްޔާރުވާންޖެހޭ ކަމަށާއި ނުކުންނަންޖެހޭނީ ފިސާރި ރަނގަޅަށް ތައްޔާރުވެގެން ކަމަށް އަދުރޭ ވިދާޅުވި އެވެ.

"ގައުމު ދިފާއު ކުރަން ނިކުތީމާ ޖަލަށްވެސް ލާފާނެ. ހައްޔަރުވެސް ކޮށްފާނެ. އަދި މުދާވެސް ފޭރިގެންފާނެ. އެހެންނަމަވެސް ދިވެހި ރައްޔިތުންގެ ކިބައިގައި ގައުމު ސަލާމަތް ކުރުމަށް ނުކުތުމުގެ ހިތްވަރާއި ފަންވަރާއި ޖޯޝު އެބަހުރި." އަދުރޭ ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް