އެމް.ޑަބްލިޔު.އެސް.ސީ ގެ އަހަރީ އާންމު ބައްދަލުވުން ބާއްވައިފި

2020 ވަނަ އަހަރުގެ އެމް.ޑަބްލިޔު.އެސް.ސީ ގެ އަހަރީ އާންމު ބައްދަލުވުން ބާއްވައިފި އެވެ. 2020 ވަނަ އަހަރަކީ ކޮވިޑް-19 ގެ ނުރައްކާތެރި ބަލިމަޑުކަން މުޅިދުނިޔެއަށް ފެތުރިގެން ދިޔަ އަހަރެއް ނަމަވެސް، މިކު...

16 Sep 2021 | 04:27

2020 ވަނަ އަހަރުގެ އެމް.ޑަބްލިޔު.އެސް.ސީ ގެ އަހަރީ އާންމު ބައްދަލުވުން ބާއްވައިފި އެވެ.

2020 ވަނަ އަހަރަކީ ކޮވިޑް-19 ގެ ނުރައްކާތެރި ބަލިމަޑުކަން މުޅިދުނިޔެއަށް ފެތުރިގެން ދިޔަ އަހަރެއް ނަމަވެސް، މިކުންފުނިން ފޯރުކޮށްދޭ ޚިދުމަތްތަކަށް އެއްވެސް ބުރުލެއް އެރިއަ ނުދީ ވަނީ ރައްޔިތުންނަށް ފޯރުކޮށްދީފަ އެވެ.

ކޮވިޑްގެ ނުރައްކާތެރި ހާލަތާ ގުޅިގެން ދިމާވި ތަފާތު އެކިއެކި ގޮންޖެހުންތަކާ އެކުގައިވެސް، 2020  ވަނަ އަހަރަކީވެސް އެމް.ޑަބްލިޔު.އެސް.ސީ އަށް ކާމިޔާބު އަހަރެއްކަމާއި އަދި 2019 ވަނަ އަހަރާ އަޅާބަލާއިރު، ކުންފުނީގެ ސާފު ފައިދާގެ ގޮތުގައި 5 އިން ސައްތައިގެ ކުރިއެރުމެއް ލިބިފައިވާކަން އެމް.ޑަބްލިޔު.އެސް.ސީ ގެ ބޯޑު ޑިރެކްޓަރުންގެ އަހަރީ އާންމު ބައްދަލުވުމުގައި (އެނުއަލް ޖެނެރަލް މީޓިންގ ގައި) ވަނީ  ފާހަގަ ކުރައްވާފަ އެވެ.

މި ކާމިޔާބީ އާއި ކުރިއެރުން ހާސިލް ކުރެވިފައިވަނީ، ކުންފުނީގެ މެނޭޖްމަންޓުން، ކުންފުނި ހިންގުމުގަޔާއި ޚަރަދު ކުޑަކުރުމުގައި ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުތަކާއި ކުންފުނީގެ އެންމެ މުހިއްމު ރައުސްލްމާލު ކަމުގައިވާ މުވައްޒަފުންގެ ބުރަ މަސައްކަތުން ނެވެ.

ކޮވިޑްގެ އުނދަގޫ ތަހައްމަލު ކުރަމުންވެސް، ކުންފުނީގެ މުވައްޒަފުން ވަނީ މަޑުޖެހުމެއްނެތި ހީވާގި ކަމާއެކު މަސައްކަތްކުރައްވައި އާއްމު ރައްޔިތުންނަށް މެދުކެނޑުމެއްނެތި ޚިދުމަތް ފޯރުކޮށްދީފަ އެވެ.

2020 ވަނަ އަހަރު އެމް.ޑަބްލިޔު.އެސް.ސީ ގެ ފައިދާ އިތުރުވެގެން ގޮސްފައިވާ އިރު، ކުންފުނީގެ ޚިދުމަތްތައް އައު އުސްމިންތަކަކަށް ގެންދިއުމަށްޓަކައި ކުންފުނީގެ އިންފްރާސްޓްރަކްޗަރ ތަރައްޤީ ކުރުމާއި މީހުންބިނާ ކުރުމަށް ކުރިއަށް އޮތްތަނުގައިވެސް ބޮޑެތި އިންވެސްޓްމަންޓްތައް ކުރުމަށް ވަނީ ރޭވިފަ އެވެ.

ކުންފުނިން ދެމުންގެންދާ ޚިދުމަތުގެ ޔަޤީންކަން އިތުރުކުރުމަށްޓަކައި، މާލޭގެ އޮޕަރޭޝަން ސެންޓަރ ޑިސެންޓްރަލައިޒް ކުރެވި، އިތުރު 2 ސަރަހައްދެއްގައި ފެން ޕްލާންޓް ގާއިމް ކުރެވިފައިވާއިރު، އިތުރު ސްޓޯރޭޖް ފެސިލިޓީ ގާއިމްކުރުމާއި މާލެ އާއި ހުޅުހުމާލޭގެ ފެނުގެ ނެޓްވޯރކް ގުޅާލުމުގެ މަސައްކަތްތައް ދަނީ ކުރެވެމުން ނެވެ. އަދި ރާއްޖެގެ އެކި ކަންކޮޅުތަކުގައި ފެނާއި ނަރުދަމާގެ ގިނަ ޕްރޮޖެކްޓްތަކެއް ކުންފުނިން އަނަނީ ހިންގަމުން ނެވެ.

މިފަދަ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އެމް.ޑަބްލިއު.އެސް.ސީގެ ބައިވެރިވުން އެކުލެވިގެން ވާކަމީ ކުންފުނިން އުފަލާއެކު ފާހަގަކުރާކަމެކެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމަށްޓަކައި ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތަކަށްވެސް އެކުންފުނިން ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ. މިގޮތުން ކޮވިޑް ފެސިލިޓީތައް ބިނާކުރުމަށްޓަކައި މިކުންފުނީގެ ސީއެސްއާރު ދަށުން ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

މީގެ އިތުރުން ސީއެސްއާރުގެ ދަށުން ތައުލީމާއި ސިއްހީ، އިޖުތިމާއީ އަދި ކުޅިވަރުގެ ދާއިރާއިންވެސް މިކުންފުނިން ވަނީ މުޖްތަމަޢަށް އެހީތެރިކަން ފޯރުކޮށްދެމުން ނެވެ.

އެމްޑަބްލިއުއެސްސީ އިން ބުނީ މިފުރުޞަތުގައި އެކުންފުނީގެ ލޮބުވެތި މުވައްޒަފުން ކުރަމުންގެންދާ ބުރަ މަސައްކަތަކުގެ އަގުވަޒަންކޮށް އެކަމަށް ޝުކުރު އަދާކުރާ ކަމަށެވެ. އަދި މިއަދު އެ ކުންފުނީގެ ކުރިއެރުމަށްޓަކައި ކެނޑިނޭޅި ދެއްވަވަމުން ގެންދަވާ އިރުޝާދު ތަކާއި މިކުންފުނިން މިއަދު ދެކެމުން މިދާ ކުރިއެރުމަށް، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ޞާލިހަށް ނުހަނު އިޚްލާސްތެރިކަމާއި އެކު ޝުކުރު އަދާކުރާ ކަމަށާއި އެންމެހާ ލޮބިވެތި ރައްޔިތުން އެ ކުންފުންޏަށް ކުރައްވާ އިތުބާރަށް ވެސް ވަނީ ޝުކުރު އަދާކޮށްފަ އެވެ.

އެމް.ޑަބްލިޔު.އެސް.ސީ ގެ އަމާޒަކީ ދެމެހެއްޓެނެވި ގޮތެއްގައި ރައްޔިތުންނަށް ވީހާވެސް ލުއިފަސޭހަ ކަމާއި އެކު ކުންފުނީގެ ޚިދުމަތްތައް ފޯރުކޮށްދިނުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް