ރާއްޖޭގައި ސިޔާސީ މައިދާނުގައި ހަރަކާތްތެރިވުމަށް އޮތް ފުރުޞަތުތައް ކުރިޔަށްވުރެ ފުޅާވެގެން ގޮސްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިޞަލް ނަސީމު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ބައިނަލްއަޤްވާމީ ޑިމޮކްރަސީ ދުވަސް ފާހަގަކުރުމާއި އިލެކްޝަންސް ކޮމިޝަނުގެ ކުރިޔަށްއޮތް 5 އަހަރުގެ ސްޓްރެޓީޖިކް ޕްލޭން އިފްތިތާޙް ކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނެވެ.
ނައިބު ރައީސް ވިދާޅުވީ އަންހެނުންގެ ބައިވެރިވުން ސިޔާސީ މައިދާނުގައި ދުވަހެއް ދުވަހަކަށް އިތުރުކުރުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.
ހޮޓެލް ޖެންގައި ބޭއްވި ހަފުލާގައި ނައިބު ރައީސް ވަނީ ދުނިޔޭގެ ޑިމޮކްރަސީ ދުވަސް ފާހަގަކުރާއިރު، އދގެ 76 ވަނަ ސެޝަނުގެ ރިޔާސަތާ ރާއްޖޭގެ ފޮރިންމިނިސްޓަރ ޢަބްދުﷲ ޝާހިދު ހަވާލުވެވަޑައިގަންނަވާފައިވާކަން ފާހަގަކުރައްވާ، އެކަމަށް ވެސް އަލިއަޅުވާލައްވާފަ އެވެ.
އެގޮތުން މިއީ ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ ހަރުދަނާކަމާއި ރާއްޖެއަކީ ކުޑަ ޤައުމެއް ނަމަވެސް ބޮޑެތި ޤައުމުތަކުގެ ކުރިމަތީގައި ވެސް ރާއްޖެއަކީ މުހިންމު ޤައުމެއްކަން ރަމްޒުކޮށްދޭ ކަމެއްކަމުގައި ވިދާޅުވި އެވެ. އަދި ޑިމޮކްރަސީ ނެގެހެއްޓުމަށާއި ކުރާ ކޮންމެ ކަމެއްގައިވެސް ހަމަހަމަ އުސޫލުތައް ގެންގުޅުމާ އަޣްލަބިއްޔަތަށް ތަބާވުމުގެ މުހިންމުކަން ފާހަގަކުރެއްވި އެވެ.
އިލެކްޝަންސް ކޮމިޝަނުން ބޭއްވި މި ހަފުލާގައި އެ ކޮމިޝަނުގެ 2021 އިން 2025 އަށް އެކުލަވާލާފައިވާ ސްޓްރެޓީޖިކް ޕްލޭން އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމެވެ. އަދި މި ހަފުލާގައި އެ މަނިކުފާނު ވަނީ އިލެކްޝަންސް ކޮމިޝަނަށް ދިގުމުއްދަތެއްގައި ޚިދުމަތްކޮށްދެއްވާފައިވާ ފަރާތްތަކަށް އެ ކޮމިޝަނުންދޭ ހަނދާނީ ފިލާ ހަވާލުކޮށްދެއްވާފަ އެވެ.
މި ހަފުލާގައި އިލެކްޝަންސް ކޮމިޝަނުގެ ތަފާސް ހިސާބު ޕޯޓަލްވެސް އިފްތިތާޙްކޮށްފައި ވެއެވެ. މި ޕޯޓަލްއަކީ ނިމިދިޔަ އިންތިޚާބުތަކުގެ ތަފާސް ހިސާބުތައް އެއްތަނަކުން ފެންނަގޮތަށް ތައްޔާރުކޮށްފައިވާ ޕޯޓަލްއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް