ޑިމޮކްރެސީގެ އުޞޫލުތަކާއި ހަމަތައް ދެމެހެއްޓުމުގައި ދިވެހި ރައްޔިތުން ސާބިތުވެތިބޭނެކަން ޔަގީން: ރައީސް ސޯލިހު

ރާއްޖޭގައި ޤާއިމުވެފައި އޮތް ޑިމޮކްރެސީގެ ހަރުދަނާ އުޞޫލުތަކާއި ހަމަތައް، އެގޮތުގައި ނަގަހައްޓައި ދެމެހެއްޓުމުގައި، ދިވެހި ރައްޔިތުން ސާބިތުވެތިބޭނެކަން ޔަގީން ކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބ...

16 Sep 2021 | 03:47

ރާއްޖޭގައި ޤާއިމުވެފައި އޮތް ޑިމޮކްރެސީގެ ހަރުދަނާ އުޞޫލުތަކާއި ހަމަތައް، އެގޮތުގައި ނަގަހައްޓައި ދެމެހެއްޓުމުގައި، ދިވެހި ރައްޔިތުން ސާބިތުވެތިބޭނެކަން ޔަގީން ކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ވިދާޅުވީ ދިވެހިންނަކީ ޒަމާނީ ޑިމޮކްރަސީއަށް ފައްކާވަމުން ހޭނެމުން އަންނަބައެއް ކަމަށާއި ރައްޔިތުންގެ ބާރާއި ރައްޔިތުންނަށް ލިބެންޖެހޭ ޙައްޤުތަކާއި ރައްޔިތުންގެ ކޮނޑުގައި އެޅިފައިވާ ވާޖިބުތަކާއި ޒިންމާތަކަށް ވެސް އަހުލުވެރިވަމުން އަންނަ ބައެއް ކަމަށެވެ.

"ޑިމޮކްރަސީން ކަށަވަރުކޮށްދޭ އެންމެ އަސާސީ އިންސާނީ ޙައްޤަކީ، ދިރިހުރުމުގެ ޙައްޤާއި ރަނގަޅު ކާނާ ކައިބޮއެ އުޅުމުގެ ޙައްޤު ކަމަށްވާ އިރު، މި ޙައްޤުތައް ފުރިހަމައަށް ހޯދުމަށްޓަކައި، ދިވެހި އެންމެހާ ރައްޔިތުން ގަދައަޅައި، އެއް ޢަޒުމެއްގައި ކޯވިޑް-19ގެ ސަބަބުން އިޤްތިޞާދީ ގޮތުން ރާއްޖެއަށް ލިބުނު ގެއްލުންތައް ފޫބެއްދުމަށް މަސައްކަތްކުރުމަށް ގޮވާލަން." ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން އިޤްތިޞާދީ ޙަރަކާތްތަކުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކޮށް، އަންހެނުންގެ ދައުރު ފުޅާކުރުމަކީ ޤައުމީ އުފެއްދުންތެރިކަން މަތިކުރުމަށްޓަކައި ވަރަށް ބޭނުންތެރި ކަމެއްކަމުގައި ވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފަ އެވެ.

ޑިމޮކްރަސީގެ އެންމެ ވަރުގަދަ އަސާސަކީ، ދައުލަތް ހިންގާނެ ބަޔަކު ކަނޑައެޅުމުގައި ބައިވެރިވުމުގެ ފުރުޞަތު މިނިވަންކަމާއެކު ހުޅުވައިލެވިފައި އޮތުމާއެކު، ރައްޔިތުންގެ ބައިވެރިވުން އޮވެގެން ދައުލަތުގެ ވެރިން ކަނޑައެޅުން ކަމުގައި ވިދާޅުވެފައެވެ. އަދި އެއީ އެ ޤައުމެއްގެ ދުސްތޫރީ އޮނިގަނޑުގައި ކަނޑައެޅިފައި އޮންނަ މުއްދަތުތަކުގައި، އިންތިޚާބުތައް ބާއްވައިގެން ދައުލަތުގެ އިންތިޚާބީ މަޤާމުތަކުގެ ދައުރު ބަދަލުކުރަމުން ގެންދިއުންކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް