ލިއޮނެކލް މެސީއާއި އެކު މިފަހަރުގެ ޗެމްޕިއަންސް ލީގާއި ކުރިމަތިލި ޕީއެސްޖީން ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ބެލްޖިއަމްގެ ކްލަބް ބްރޫޖް އާއި ދެކޮޅަށް ކުޅެ އެއްވަރުވެއްޖެއެވެ.
ރަށުން ބޭރުގައި ބުރޫޖްއާއި ދެކޮޅަށް ކުޅެ ޕީއެސްޖީން އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.
ރޭގެ މެޗުގައި ޕީއެސްޖީން ބުރޫޖްއާއި ދެކޮޅަށް ނިކުތީ ދުނިޔޭގައި މިވަގުތު ތިބި އެންމެ މޮޅު ތިން ކުޅުންތެރިންނާއިވެސް އެކުގައެވެ. އެގޮތުން ފުރަތަމަ 11 ގައި ބްރެޒިލްގެ ތަރި ނޭމާ އާއި ފްރާންސްގެ ޒުވާން ތަރި ކިލިއަން އެމްބާޕޭގެ އިތުރުން ދުނިޔޭގައި އުފެދުން އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާ، ލިއޮނެލް މެސީ ހިމަނާފައިވެއެވެ.
މޮޅަށް ކުޅެ ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެފައިވަނީ ޕީއެސްޖީންނެވެ. އެހެން ނަމަވެސް އެޓީމަށް މާ ހުސް ފުރުސަތުތަކެއް ތަނަވަސް ކުރެވިފައެއް ނުވެއެވެ. އެގޮތުން މުޅި މެޗުގައި އެޓީމުން ޖުމްލަ 9 ހަމަލާއެއް އުފައްދާފައިވާއިރު ގޯލާއި އަމާޒުކޮށްލެވިފައިވަނީ އެންމެ 4 ހަމަލާއެކެވެ. ބްރޫޖް އިން ވަނީ މެޗުގައި ޖުމްލަ 16 ހަމަލާއެއް އުފައްދާފައެވެ. އޭގެތެރެއިން 7 ހަމަލާއެއް ގޯލާއި އަމާޒު ކޮށްފައިވެއެވެ.
ރޭގެ މިމެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑުނެގީވެސް ޕީއެސްޖީންނެވެ. ފުރަތަމަ ހާފުގެ 15 ވަނަ މިނެޓުގައި އެމްބާޕޭ ތަނަވަސްކޮށްދިން ފުރުސަތަކުން މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އެންޑަރ ހެރޭރާ އެވެ. އެންޑަރ ހެރޭރާގެ މި ލަނޑުން ޕީއެސްޖީ ލީޑުނެގި ނަމަވެސް ޕީއެސްޖީއަށް މި ލީޑުގައި މާގިނައިރުތަކެއް ވަންދެން ދެމިއެއް ނޯވެވުނެވެ. ޕީއެސްޖީގެ ލަނޑު ޖެހިތާ ދިހަވަރަކަށް މިނެޓު ފަހުން ބުރޫޖްއިން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. ސޮބޯލް ގެ އެހީތެރިކަމާއި އެކު މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ކެޕްޓަން ހޭންސް ވަނަކެން އެވެ.
ގުރޫޕް އޭގައި ހިމެނޭ ޕީއެސްޖީ އަދި ބުރޫޖްގެ މެޗު އެއްވަރުވެގެން ނިމުނު އިރު، މި ގުރޫޕުގައި ހިމެނޭ މެންޗެސްޓާ ސިޓީއާއި ލީޕްޒިގް ރޭ ބައްދަލުކުރި މެޗުން ސިޓީ ވަނީ މޮޅުވެފައެވެ. އަމިއްލަ ދަނޑުގައި ސިޓީ ލީޕްޒިގްއާއި ދެކޮޅަށް ކުޅުނު މި މެޗުން މޮޅުވީ 3-6 ގެ ނަތީޖާއިންނެވެ.
މިނަތީޖާތަކާއެކު ގްރޫޕް އޭގެ އެއްވަނަ ލިބެނީ މެންޗަސްޓަރ ސިޓީ އަށެވެ. ދެވަނަ އަދި ތިންވަނައިގައި ޕީއެސްޖީ އާއި ކްލަބް ބްރޫޖް އޮތްއިރު ފުލުގައި އޮތީ ލީޕްޒިގެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް