ވޯޓުގައި ބައިވެރި ނުވީ ދާހިލީ ކަންކަމުގެ ތެރެއަށް ބޮޑެތި ގައުމުތަކުން ވަނުމަށް ބާރުއަޅާތީ

'ރެސްޕޮންސިބިލިޓީ ޓު ޕްރޮޓެކްޓް' (އާރުޓޫޕީ)ގެ އުސޫލުގެ ނަމުގައި އދ.ގެ އާންމު ޖަލްސާގައި ނެގި ވޯޓުގައި ރާއްޖެއިން ބައިވެރި ނުވީ އެފަދަ ވޯޓުތަކުގައި ބައިވެރި ނުވުމަށް ވަރަށް ކުރިންސުރެ ނިންމާފައިވާތީ ކަ...

16 Sep 2017 | 10:23

'ރެސްޕޮންސިބިލިޓީ ޓު ޕްރޮޓެކްޓް' (އާރުޓޫޕީ)ގެ އުސޫލުގެ ނަމުގައި އދ.ގެ އާންމު ޖަލްސާގައި ނެގި ވޯޓުގައި ރާއްޖެއިން ބައިވެރި ނުވީ އެފަދަ ވޯޓުތަކުގައި ބައިވެރި ނުވުމަށް ވަރަށް ކުރިންސުރެ ނިންމާފައިވާތީ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

އިއްޔެ ވޯޓު ނަގާފައިވަނީ ހަނގުރާމައިގެ ކުށްތަކާއި ނަސްލުނައްތައިލުމާއި އިންްސާނިއްޔަތާ ދެކޮޅު ޖަރީމާތައް ހުއްޓުވުމާ މެދު އދ.ގެ މިފަހަރުގެ އެޖެންޑާގައި މަޝްވަރާ ކުރަން ފެނޭތޯ ބަލަންށެވެ. ފާޑުކިޔާ ފަރާތްތަކުން ބުނަމުންދަނީ އެ ވޯޓަކީ މިޔަންމާގައި މުސްލިމުންނާއި ދެކޮޅަށް ހިންގަމުންދާ ގަތުލުއާންމާއި ރާއްޖެއިން ދެކޮޅުކަން ހާމަކޮށްދި ނުމަށް ބައިވެރިވުން މުހިންމު ވޯޓެއް ކަމަށެވެ.

އެކަމަށް ރައްދުދީ ފޮރިން މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ 'ރެސްޕޮންސިބިލިޓީ ޓު ޕްރޮޓެކްޓް' ނުވަތަ އާރު. ޓޫ.ފީ ގެ އުޞޫލުގެ ނަމުގައި ޤައުމުތަކުގެ ދާޚިލީ ކަންތައްތައްތަކުގެ ތެރެއަށް ބާރުގަދަ ޤައުމުތަކުން ވަންނަން ފުރުޞަތު ދެވޭ ކަމަށެވެ. އެހެންވެ އެފަދަ ފުރުސަތެއް ދިނުމަށް ނަގާ ވޯޓުތަކުގައި ރާއްޖެ ބައިވެރިނުވާން ނިންމާފައިވާ ކަމަށެވެ.

އެބަޔާނުގައި އިތުރަށް ބުނެފައި ވަނީ، "ރޮހިންޔާ މުސްލިމުން ހިމާޔަތްކުރުމަށް އދ.ގައި 15 ސެޕްޓެމްބަރު 2017ގައި ވޯޓެއް ނެގި ކަމަށާއި އަދި އެވޯޓުގައި ދިވެހިރާއްޖޭން ބައިވެރިނުވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދެކެވެމުންދާ ވާހަކަތަކަކީ ހަގީގަތެއްނެތް ވާހަކަތަކެއް" ކަމަށެވެ. އަދި އިއްޔެ ނެގުނު ވޯޓަކީ ރޮހިންޔާ މުސްލިމުންނާ ބެހޭ ގޮތުން ނެގުނު ވޯޓެއް ނޫން ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

ދިވެހި ސަރުކާރުން ވަނީ ރޮހިންޖާ މުސްލިމުންނާއި ދެކޮޅަށް ހިންގަމުންދާ ޖަރީމާތައް ކުށްވެރިކޮށް މިޔަންމާ އާއި އެކު އޮތް ވިޔަފާރީގެ ގުޅުން ކަނޑާލާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް