އދ. ގެ ޖެނެރަލް އެސެމްބްލީގައި ބައިވެރިވާ ސަރުކާރުގެ ވަފުދު ފުރައިފި

އދ. ގެ 72 ވަނަ ޖެނެރަލް އެސެމްބްލީގައި ބައިވެރިވެވަޑައިގަތުމަށް ސަރުކާރުގެ ވަފުދެއް އެމެރިކާގެ ނިއުޔޯކަށް ފުރައިފި އެވެ. މި ވަފުދުގެ އިސްވެރިއެއްގެ ގޮތުގައި ހުންނެވީ ފޮރިން މިނިސްޓަރު ޑރ މުހައްމަދު އާ...

16 Sep 2017 | 09:40

އދ. ގެ 72 ވަނަ ޖެނެރަލް އެސެމްބްލީގައި ބައިވެރިވެވަޑައިގަތުމަށް ސަރުކާރުގެ ވަފުދެއް އެމެރިކާގެ ނިއުޔޯކަށް ފުރައިފި އެވެ.

މި ވަފުދުގެ އިސްވެރިއެއްގެ ގޮތުގައި ހުންނެވީ ފޮރިން މިނިސްޓަރު ޑރ މުހައްމަދު އާސިމް އެވެ. ފޮރިން މިނިސްޓްރީން ބުނީ އަދ. ޖެނެރަލް އެސެމްބްލީގައި މިނިސްޓަރު އާސިމް ތަގުރީރު ކުރައްވާނެ ކަމަށެވެ.

މިނިސްޓަރު އާސިމް އެސެމްބްލީގައި ތަގްރީރު ކުރައްވާނީ އަންނަ ހޮނިހިރު ދުވަހު އެވެ. މިނިސްޓަރުގެ ތަގުރީރުގައި ރާއްޖެއަށް އަންނަމުންދާ ތަރައްގީގެ މައްޗަށް އަލިއަޅުވާލައްވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.

އާންމުކޮށް އދ. ގެ އާންމު މަޖިލީހުގައި ތަގުރީރު ކުރައްވާނީ އެ ގައުމެއްގެ ރައީސް ނުވަތަ ބޮޑުވަޒީރެވެ. ނަމަވެސް ވޭތުދިޔަ ތިން އަހަރުވެސް ރައީސް އަބްދުﷲ ޔާމީން އަދި ނައިބު ރައީސް އަކު ރާއްޖެއިން އދ. އަށް ވަޑައިގެންފައެއް ނުވެ އެވެ. ފުރަތަމަ އަހަރު އދ. ގައި ތަގުރީރު ކުރެއްވީ ކުރީގެ ރައީސް ޑރ މުހައްމަދު ވަހީދު ހަސަން މަނިކެވެ. ދެވަނަ އަހަރު ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ތަގުރީރު ކުރެއްވި އިރު މިދިޔަ އަހަރު ތަގުރީރު ކުރެއްވީ ފޮރިން މިނިސްޓަރު އާސިމް އެވެ.

މިފަހަރުގެ ވަފުދުގައި މިނިސްޓަރު އާސިމްގެ އަރިހުގައި ފިޝަރީޒް މިނިސްޓަރު ޑރ މުހައްމަދު ޝައިނީ، އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް އަދި ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ ބައިވެރިވެވަޑައިގެންނަވަ އެވެ. އަދި ފޮރިން ސެކްރެޓަރީ އަހުމަދު ސަރީރު އާއި އދ. އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު ހިމެނިވަޑައިގަންނަވަ އެވެ.

ފޮރިން މިނިސްޓަރީން ބުނީ އާސިމްގެ ދަތުރުފުޅުގައި އދ. ގެ މެމްބަރު ގައުމުތަކުގެ އިސް ބޭފުޅުންނާ ބައްދަލު ކުރައްވައި 2019-2020 ގައި އދ. ގެ ނެޝަނަލް ސެކިއުރިޓީ ކައުންސިލަށް ރާއްޖެ ކުރިމަތިލުމުގެ މުހިންމު ކަމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށެވެ.

އދ. ގެ ޖެނެރަލް އެސެމްބްލީގެ ހަވާސާގައި މިނިސްޓަރުން، ތަފާތު އެކިއެކި ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް