ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިންސާނިއްޔަތާ ދެކޮޅަށް ހިންގާ ގަތުލްއާންމުތަކާއި ލާއިންސާނީ އަމަލުތައް ހުއްޓުވުމަށް އދ.ގެ މިފަހަރުގެ އެޖެންޑާގައި ހިމަނަން ފެނޭތޯ ބަލަން ނެގި ވޯޓުގައި ރާއްޖެ ބައިވެރިއެއް ނުވި އެވެ.
އދ. ގެ 72 ވަނަ ޖެނެރަލް އެސެމްބްލީގައި ނެގި އެ ވޯޓުގައި ރާއްޖެ ބައިވެރި ނުވި ސަބަބެއް ފޮރިން މިނިސްޓްރީން ހާމައެއް ނުކުރެ އެވެ. އެކަމަކު ސަރުކާރުން އެފަދަ ވޯޓެއްގައި ބައިވެރި ނުވުމުން ގިނަ ބައެއްގެ ފާޑު ކިޔުންދަނީ އަމާޒުވަމުންނެވެ.
ފާޑު ކިޔާ މީހުންނާއި އިދިކޮޅު ފަރާތްތަކުން ބުނަމުންދަނީ އެ ވޯޓަކީ މިޔަންމާގައި އެ ގައުމުގެ ސަރުކާރާއި ބުދިސްޓުން ހިންގަމުންދާ ލާއިންސާނީ އަމަލުތަކާއި ދެކޮޅުކަން ހާމަކޮށްދޭ ވޯޓެއް ކަމަށެވެ. އެފަދަ ވޯޓެއްގައި ސަރުކާރުން ބައިވެރި ނުވުމުން ސަރުކާރުގެ ވިސްނުން މިޔަންމާގެ މައްސަލައިގަ ހުރިގޮތް ސާފުވެގެން ގޮސްފައިވާ ކަމަށެވެ.
މި ފާޑު ކިޔުންތަކާއި ގުޅިގެން އދ. ގައި ހުންނަ ރާއްޖޭގެ މިޝަން އިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ އެ ވޯޓަކީ ރޮހިންޖާ މުސްލިމުންނާއި ގުޅުން ހުރި ވޯޓެއް ނޫން ކަމަށެވެ.
https://twitter.com/MVPMNY/status/908895889825157120
މި ވޯޓުގައި ބައިވެރިވެ އެ މައްސަލަ އެޖެންޑާ ކުރަން ފެންނަ ކަމަށް ވޯޓުލީ ގައުމުތަކުގެ ތެރޭގައި ސަރުކާރުގެ އެންމެ ގާތް އެއް ގައުމު ކަމަށްވާ އާއި ސައުދީ އަރަބިއްޔާ ހިމެނެ އެވެ. ޗައިނާ ވޯޓު ދީފައިވަނީ ދެކޮޅަށެވެ.
ބައެއް ގައުމުތަކުގައި ހިންގަމުން ދާ ގަތުލުއާންމުތަކާއި ހަނގުރާމައިގެ ކުށްތަކާއި އިންސާނިއްޔަތާ ހިލާފު އަމަލުތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް އެއްބަސްވެ، އެކަން ހުއްޓުވަން އދ. މި ފަހަރުގެ އެޖެންޑާގައި ހިމެނުމަށް 117 ގައުމަކުން ވޯޓު ދިނެވެ. އެ މައްސަލަ އެޖެންޑާގައި ނުހިމަނަން 21 ގައުމަކުން ވޯޓު ދިން އިރު، ވަކި ގޮތަކަށް ވޯޓު ނުދީ ތިބީ 17 ގައުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް