ކަނޑު އަޑީގައި ޓޫރިޒަމާ ގުޅޭ ތަންތަން ހަދާ ވާހަކައަކީ މިހާރު ދިވެހިންނަށް އާ ވާހަކައެއް ނޫނެވެ.
ރާއްޖެއަކީ ޓޫރިޒަމްގެ ދާއިރާގައި ކަނޑު އަޑީގައި ބައެއް ހިދުމަތް ދިނުމުގައި ދުނިޔޭގައި އެއް ވަނަ ހޯދާފައިވާ ގައުމެކެވެ. އެގޮތުން ކަނޑު އަޑީގެ ފުރަތަމަ ރެސްޓޯރަންޓާއި، ކަނޑު އަޑީގެ ފުރަތަމަ ސްޕާ ހުޅުވާފައިވަނީ ރާއްޖޭގައި އެވެ.
މިފަހަރު މުޅި ރިސޯޓު ކަނޑު އަޑީގައި ހެދުމުގެ ވާހަކައެކެވެ. ދުބާއީން ދަނީ ދުނިޔޭގައި ފުރަތަމަ ފަހަރަށް ލަގްޒަރީ ރިސޯޓެއް ކަނޑު އަޑީގައި ހަދައި ޝަރަފު ހޯދުމަށް ތައްޔާރުވަމުންނެވެ. މި ތަނަކަށް ގެސްޓުން އުފުލުމަށް ހަމަޖެހިފައިވަނީ ފެރީގައި އެވެ.
މި ރިސޯޓު ހެދުމަށް 680 މިލިއަން ޑޮލަރު ހަރަދު ކޮށްގެން ފްލޯޓިން ޕްލެޓް ފޯމެއް ހަދާނެ އެވެ. އެ ރިސޯޓުގައި ތަރައްގީ ކުރަނީ 3،000 ގެސްޓުންނަށް ހިދުމަތް ދެވޭ ގޮތަށެވެ.
ކޮޓަރިތައް ހަދަނީ ކަނޑުއަޑީގެ ހިތްގައިމުކަން ފެންނާނެ ގޮތަށް ބިއްލޫރިންނެވެ. ކަނޑުއަޑީގެ ރީތިކަން މި ހޮޓަލުން ހިދުމަތް ހޯދާ މީހުންނަށް ދެއްކުމަށް 400،000 ފޫޓަށް މުރަކަ އިންދާނެ އެވެ. އެތަނުގައި ސްވިމިން ޕޫލާއި ފިހާރަތަކާއި ރެސްޓޯރަންޓްތައްވެސް ހުންނާނެ އެވެ.
ހަތަރު ބުރިއަށް ހަދާ މި ރިސޯޓުގައި 414 ކޮޓަރި ހުންނާނެއެވެ. މި މަސައްކަތް ކުރަނީ ދުބާއީގެ ކުންފުންޏަކުންނެވެ. ރިސޯޓުގެ މަސައްކަތް ނިމޭނެ ކަމަށް ލަފާކޮށްފައިވަނީ 2020 ވަނަ އަހަރުގެ އެވެ.
ދުބާއީގައި ކަނޑު އަޑީގެ ލަގްޒަރީ ރިސޯޓު ހެދުމުގެ މަސައްކަތް ކުރަމުންދާއިރު ރާއްޖޭގައި ދަނީ ދުނިޔޭގެ ފުރަތަމަ ކަނޑުއަޑީގެ ހޮޓާ އެޅުމުގެ މަސައްކަތް ކުރަމުންނެވެ. ނ. ކުރެދިވަރުގައި ތަރައްގީ ކުރަމުންދާ ޒެން ރިސޯޓުގެ ފަޅު ތެރޭގައި އަޅާ މި ހޮޓަލުގައި 22 ކޮޓަރި ހަދާއިރު ކަނޑު އަޑީގައި ހުންނަ ކޮޓަރިތަކަށް ދިއުމަށް ސިޑީގެ އިތުރުން ލިފްޓެއް ހުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް