މިދިޔަ މަހު ފަހު ކޮޅު އެންމެ އަޑު ހަރުކޮށް ބޮލީވުޑްގައި ދެކެވުނު ވާހަކައަކީ ކަރީނާ ކަޕޫރު ވިހެއުމަށް ފަހު ކުޅޭ ފުރަތަމަ ފިލްމު "ވީރް ދި ވެޑިން" އިން އޭނާގެ ދަރިފުޅު ތައިމޫރު އަލީ ހާން ފެންނާނެ ވާހަކަ އެވެ.
އެއީ ހާއްސަ ފެނިލުމަކުންނެވެ. އެވާހަކަ އޭރުވެސް ކަރީނާ ދޮގު ކުރި އެވެ. އިއްޔެ އެ ފިލްމުގެ އޮފިޝަލް އިންސްޓަގްރާމްގައި އާންމު ކުރި ވީޑިއޯއެއްގައި ކަރީނާ އާއި ޕްރޮޑިއުސާ ރިއާ ކަޕޫރު ވަނީ ތައިމޫރު ފިލްމުން ނުފެންނާނެ ސަބަބު ބުނެދީފަ އެވެ.
މަޖާ ކުރުމުގެ ތެރެއިން ކަރީނާ ބުނީ ފިލްމުގައި ތައިމޫރު ނުފެނުނަސް ތައިމޫރުގެ މަންމަ ފެންނާނެ ކަމަށެވެ. އަދި ތައިމޫރު ފެންނަން ޕްރޮޑިއުސަރު ބޭނުންވޭތޯ ސުވާލު ކުރި އެވެ.
އެ ސުވާލާ އެކު ރިއާ ހިނި އައިސް ބުނީ ދެ މީހުން ފިލްމުގައި ދައްކާލާ ވަރަށް ބަޖެޓު ނެތް ކަމަށެވެ. ރިއާ ބުނެފައިވަނީ ކަރީނާ އެ ފިލްމު ކުޅެދެނީ ވަރަށް އަގު ބޮޑު ކޮށް ކަމަށާއި އަނެއްކާ ތައިމޫރު އެ ފިލްމުގައި ބައިވެރި ކުރާނަމަ އެއާ ގާތް ކުރާވަރުގެ ހަރަދު ހިނގާނެ ކަމަށެވެ.
ރިޕޯޓުތައް ބުނާގޮތުގައި މަޖަލަކަށް ވިޔަސް ރިއާ އެ ބުނީ ތެދެކެވެ. އެއީ އުމުރުން އެންމެ ހަތް މަހުގެ ތައިމޫރަކީ މިހާރު ބޮލީވުޑްގެ ތަރިންގެ ދަރިންގެ ތެރެއިން އެންމެ މަޝްހޫރު ކުއްޖާ އެވެ. އެހެންވީމަ ތައިމޫރު ފިލްމެއްގައި ދައްކާލުމަކީ މިހާރު ކުޑަ އަގަކަށް ކުރެވޭނެ ކަމެއް ނޫނެވެ.
އަދި ކަރީނާ ގެންދަނީ ތައިމޫރު މަޝްހޫރު ކުރުމުގެ މަސައްކަތް ވަރަށް އަވަދި ނެތި ކުރަމުންނެވެ. އެގޮތުން ގިނަ ގިނައިން ތައިމޫރު ވާހަކަ މީޑިއާގައި ދެއްކުމާއި ތައިމޫރު ގޮވައިގެން ބޭރަށްދިއުން ވަނީ އިތުރުވެފަ އެވެ.
"ވީރް ދި ވެޑިން" އަކީ އިންޑިއާގެ ވެރިރަށް ނިއުދިއްލީން ޔޫރަޕަށް އެކުވެރިންތަކެއް ކުރާ ދަތުރެއް ފެނިގެންދާ ފިލްމެކެވެ. މި ފިލްމުގައި ކަރީނާގެ އިތުރުން ސޯނަމް ކަޕޫރާއި، ޝިކާ ތަލްސާނިއާ އަދި ސްވަރާ ބާސްކަރު ފެނިގެންދާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް