ޗެމްޕިއަންސްލީގު: މެންޗަސްޓަރ ސިޓީއަށް އަނެއްކާވެސް ޔޫރަޕްގައި ހިތި ނަތީޖާއެއް

މެންޗަސްޓަރ ސިޓީއަކީ އިނގެރޭސި ފުޓުބޯޅައިގެ ގަދަބާރަކަށް ވީނަމަވެސް، ޔޫރެޕްގައި ސިޓީއަށްވަނީ އަދި ފެންވަރު ދައްކާނުލެވިފައެވެ. 2010 ވަނަ އަހަރުގެ ސީޒަނަށްފަހު ޗެމްޕިއަންސްލީގު ކެޅެމުން އަންނަ މެންޗަސް...

16 Sep 2015 | 05:46

މެންޗަސްޓަރ ސިޓީއަކީ އިނގެރޭސި ފުޓުބޯޅައިގެ ގަދަބާރަކަށް ވީނަމަވެސް، ޔޫރެޕްގައި ސިޓީއަށްވަނީ އަދި ފެންވަރު ދައްކާނުލެވިފައެވެ. 2010 ވަނަ އަހަރުގެ ސީޒަނަށްފަހު ޗެމްޕިއަންސްލީގު ކެޅެމުން އަންނަ މެންޗަސްޓަރ ސީޓީ މިހާތަނަށް ޗެމްޕިއަންސް ލީގު ފުރަތަމަ މެޗު އަމިއްލަ ދަނޑުގައި ކުޅެ މޮޅުވެފައެއް ނުވެއެވެ.

ރޭގެ މެޗުގައި ސިޓި ނިކުތީ  ވޭތުވެދިޔަ އަހަރުގެ ޗެމްޕިއަންސްލީގުގެ ފައިނަލަށް ދަތުރުކުރި ޖުވެންޓަސް އާދި ދެކޮޅަށް އެތިހާދްގައި ތާރީހް ބަދަލު ކުރުމަށެވެ. ނަމަވެސް މެޗަށް ނިކުންނަން ޖެހުނީ އަނިޔާގެ ސަބަބުން އަރޖެންޓީނާގެ ސްޓްރައިކަރ ސާޖިއޯ އަގުއޭރޯ ފުރަތަމަ އެގާރައިގާ ނުހިމަނައެވެ. އިގެރޭސި ލީގުގައި މި ސީޒަންގެ މިހާތަނަށް ސިޓީ ކުޅުނު ހުރިހާ މެޗެއް އެޓީމުން ކާމިޔާބުކުރީ ކްލީން ޝީޓާއެކީގައެވެ.

ޖުވެންޓަސް މެޗަށްއައީ ލީގުގައި ދަށް ފެށުމަކާއެކީގައެވެ. ޖުވެންޓަސް މެޗަށް ނިކުތްއިރު ސީޒަންގައި އަދި މޮޅުވެފައެއް ނުވެއެވެ. ވޭތުވެދިޔަ ސީޒަންގައި ކުޅުނު މުހިއްމު ކުޅުންތެރިންތަކެއް ޓީމު ދޫކޮށްވަނީ ގޮސްފައެވެ. އަންދްރޭ ޕިރްލޯ، ވިޑާލް އަދި ޓެވޭޒް ފާހަގަކުރެވެއެވެ.

ރަނގަޅު ޓްރާންސްފަރ ތަކަކާއެކު ސިޓީއިން ޔޫރަޕަށް ތައްޔާރު ވީނަމަވެސް ރޭގެ މެޗުގެ ފުރަތަމަ އެގާރައިގާ ހިމަނާފައިވަނީ އަލަށް ސިޓީއަށް ގެނައި ކުޅުންތެރިންގެ ތެރެއިން ސްޓަރލިން އެކަންޏެވެ. ނަމަވެސް ބަދަލު ކުޅުންތެރިންގެ ގޮތުގައި ޑީބުރުއޭނާ އަދި އޮޓަމެންޑީވެސް ވަނީ ފެނިގެންގޮސްފައެވެ.

ސިޓީ އަދި ޖުވެންޓަސްގެ މެޗުގެ ފުރަތަމަ ހާފުން ފެނިގެން ދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ. ނަމަވެސް ދެވަނަ ހާފް ފެށިގެން މާގިނައިރެއްނުވެ ޖޯޖިއޯ ޗިއަލީނީ އަތުން ބައިކޮޅަށް ވަން ގޯލާއެކު ސިޓީއިން ލީޑު ނެގިއެވެ. ސިޓީއަށް މެޗުގައި އިތުރު ފުރުސަތުތަށް ލިބުނު ނަމަވެސް އިޓަލީގެ ކީޕަރ ބުފަންވަނީ މޮޅު ސޭވްތަކެއް ކޮށްފައެވެ.

ސިޓީއަށް ލީޑު ހިފެހެއްޓުނީ މެޗުގެ 71 ވަނަ މިނެޓާއި ހަމައަށެވެ. ޖުވެންޓަސްގެ މެދުތެރެއިން މޮޅު ކުޅުމެއް ދެއްކި ޔޫރަޕްގެ ގިނަ ކުލަބުތަކެއްގެ ލޯތަށް އަމާޒު ވެފައިވާ ޕައުލް ޕޮގްބާގެ ރީތި ބޯޅައަކުން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ މާރިއޯ މަންޒޫކިޗެވެ. އަދި 10 މިނެޓްފަހުން މެޗުގައި ޖުވެންޓަސްއަށް ލީޑު ނަގާދިނީ އަލްވާރޯ މޮރާޓާއެވެ.

ސިޓީ އަދި ޖުވެންޓަސް ހިމެނޭ ޗެމްޕިއަންސްލީގުގެ ގުރޫޕް ޑީގައި ދެން ކުޅުނު މެޗުން ސެވިއްޔާ މޮޅުވީ 3-0 ގެ ނަތީޖާއަކުން ބުރޫޝިއާ މޮންޗެންގްލެޑްބެޗް ގެ މައްޗަށް ކުރި ހޯދައިގެނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް