ޕްރެޒިޑެންޓް ކަޕްގެ ފުރަތަމަ ދެމެޗުން މާޒިޔާ އަދި ނިއުރޭޑިއަންޓް މޮޅުވެއްޖެއެވެ.
އައްޑޫ އަދި ކުޅުދުއްފުށީގައި މުބާރާތް ފެށިއިރު، އައްޑޫގައި ކުޅުނު މެޗުން މާޒީޔާ ވެލެންސިޔާގެ މައްޗަށް ކުރިހޯދާފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ. ކުޅުދުއްފުށީގައި ކުޅުނު މެޗުން ނިއުރޭޑިއަންޓް ބީޖީގެ މައްޗަށް ކުރިހޯދީ 3-1 ގެ ނަތީޖާއަކުންނެވެ.
ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ފުރަތަމަ ހާފްގައި ލީޑު ނެގީ ބީޖީއިންނެވެ. ބީޖީއަށް ގޯލް ކާމިޔާބުކޮށްދިނީ އެސްކެބެޑޯ ކަމާނޯއެވެ.
ބީޖީގެ ލީޑާއެކު ފުރަތަމަ ހާފް ނިމުނު ނަމަވެސް، ދެވަނަ ހާފްގައި ނިއުއިންވަނީ ކުޅުން ރަނގަޅުކޮށް މެޗުގެ ނަތީޖާ އަނބުރާލާފައެވެ.
އެގޮތުން ދެވަނަ ހާފް ފެށިގެން ދެ މިނެޓުގެ ތެރޭގައި ވިލިއަމްގެ ގޯލާއެކު ނިއުއިން މެޗުގެ ނަތީޖާ ހަމަހަމަ ކުރިއެވެ. އަދި 49 ވަނަ މިނެޓުގައި ނިއުއަށް ފުރަތަމަ ފަހަރަށް ލީޑު ނަގާދިނީ އިބްރާހިމް ފަޒީލް އޮއްޕޮއެވެ. މެޗު ނިމެންދަނިކޮށް ނިއުއަށް ނަތީޖާ ކަށަވަރުކޮށް ލީޑު ފުޅާކޮށްދިނީވެސް ފުރަތަމަ ގޯލް ކާމިޔާބުކޮށްދިން ވިލިއަމް މެކޯއެވެ.
އައްޑޫ ސިޓީ ހިތަދޫ ޒޯން ސްޓޭޑިއަމްގައި މާޒިޔާއިން ވެލެންސިއާ ކޮޅަށް ޖެހި ދެ ގޯލްވެސް ކާމިޔާބުކޮށްފައިވަނީ މެޗުގެ ފުރަތަމަ ހާފްގައެވެ. އެގޮތުން މާޒިޔާގެ ފުރަތަމަ ގޯލް އަސަދުﷲ ކާމިޔާބުކޮށްދިންއިރު ދެވަނަ ގޯލް ކާމިޔާބުކޮށްދިނީ ޒުވާން ކުޅުންތެރިޔާ އަޙްމަދު އިމާޒް ( އާއްކޮ ) އެވެ.
މުބާރާތުގައި މިއަދު ކުޅުދުއްފުށީ މެޗުގައި ބައްދަލު ކުރާނީ ޓީސީ އަދި މަހިބަދޫ އެވެ. އައްޑޫގެ މެޗުގައި ބައްދަލުކުރާނީ އީގަލްސް އަދި މުބާރާތް އެންމެ ގިނަފަހަރަށް ކާމިޔާބުކޮށްފައިވާ ވިކްޓްރީ ސްޕޯރޓްސް ކުލަބެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް