ޗެމްޕިއަންސްލީގު: މެންޗަސްޓަރ ޔުނައިޓެޑްގެ މައްޗަށް ޕީއެސްވީއިން ކުރިހޯދައިފި

ޔޫއެފާ ޗެމްޕިއަންސްލީގުގައި ރޭ މެންޗަސްޓަރ ޔުނައިޓެޑްގެ މައްޗަށް ޑަޗް ޗެމްޕިއަންސް ޕީއެސްވީއިން ކުރިހޯދައިފިއެވެ. މިއީ ދެ އަހަރުގެ މެދުކެނޑުމަކަށްފަހު ޗެމްޕިއަންސްލީގުގައި ޔުނައިޓެޑް ކުޅުނު ފުރަތަމަ މ...

16 Sep 2015 | 04:34

ޔޫއެފާ ޗެމްޕިއަންސްލީގުގައި ރޭ މެންޗަސްޓަރ ޔުނައިޓެޑްގެ މައްޗަށް ޑަޗް ޗެމްޕިއަންސް ޕީއެސްވީއިން ކުރިހޯދައިފިއެވެ.

މިއީ ދެ އަހަރުގެ މެދުކެނޑުމަކަށްފަހު ޗެމްޕިއަންސްލީގުގައި ޔުނައިޓެޑް ކުޅުނު ފުރަތަމަ މެޗެވެ. ރަށުން ބޭރުގައި ޕީއެސްވީއާއި ދެކޮޅަށް ޔުނައިޓެޑް ކުޅުނު މެޗުން ބަލިވެފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ.

މެޗުގައި މެންޗަސްޓަރ ޔުނައިޓް ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް، ޕީއެސްވީއިން ކުޅެފައިވަނީ ހަލުވި ކައުންޓަރ އެޓޭކިން ފުޓުބޯޅައެކެވެ. މެޗުގެ 15 ވަނަ މިނެޓުގައި ހެކްޓަރ މޮރޭނޯގެ ނުރައްކާތެރި ޓެކުލަކާއެކު ޔުނައިޓެޑް އަދި އިނގެރޭސި ގައުމީޓީމުގެ ޑިފެންޑަރ ލޫކް ޝޯއަށްވަނީ ބޮޑު އަނިޔާއެއް ވެފައެވެ. ޝޯގެ މެޑިކަލް ޓީމުން ހާމަކުރި ގޮތުގައި އޭނާގެ ދެފައިގެވެސް ވަނީ ކަށިގަނޑު ބިންދައިގެން ގޮސްފައެވެ.

ފުރަތަމަ ހާފް ނިމެން ކުޑައިރުކޮޅެއް ވެފައިވަނިކޮށް މި ސީޒަންގައި ޕީއެސްވީއިން ޔުނައިޓެޑަށް ބަދަލުވި މެމްފިސް ޑިޕޭވަނީ އޭނާގެ މޮޅު ހުނަރަކާއެކު އޭރިއާގެ ތެރެއިން ދެ ޑިފެންޑަރުން ބީޓްކޮށް ޔުނައިޓެޑަށް ލީޑު ނަގާދީފައެވެ. ލީޑުގައި އޮވެ ހާފް ނިންމާލުމަށް ދަނިކޮށް ޕީއެސްވީއަށް ލިބުނު ކޯނަރަކުން މޮރޭނޯވަނީ ނަތީޖާ ހަމަހަމަކޮށްދީފައެވެ.

ދެވަނަ ހާފްގައި ކުޅެން ނިކުމެ ގިނަވަގުތު ބޯޅަ ހިފެހެއްޓީ މެން ޔުނައިޓެޑުންނެވެ. ނަމަވެސް ޕީއެސްވީގެ ގޯލަށް މެންޗަސްޓަރ ޔުނައިޓެޑުން ނުރައްކާ ކޮށްފައެއް ނުވެއެވެ. މެޗުގެ 57 ވަނަ މިނެޓުގައި ޕީއެސްވީއިންވަނީ ލިބުނު ފުރަސަތުގެ ބޭނުންހިފާ މެޗު އަނބުރާލާފައެވެ. ޕީއެސްވީއަށް ލީޑު ނަގާދިނީ ނާސިންހެވެ.

މި ގުރޫޕްގައި ރޭ ކުޅުނު އަނެތް މެޗުގައި ބައްދަލުކުރީ ވުލްވްސް ބަރގް އަދި ސީއެސްކޭ މޮސްކޯއެވެ. މެޗުން ވުލްސްބަރގް މޮޅުވެފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ. މެޗުގެ ހަމައެކަނި ގޯލް ކާމިޔާބުކޮށްދިނީ މި ސީޒަންގައި އެޓީމަށް ބަދަލުވި ޖޫލިއަން ޑްރެގްޒްލާއެވެ. މި ގުރޫޕްގެ އެއްވަނައިގައި ޕީއެސްވީ އޮތްއިރު، މޮޅާއެކު ވުލްވްސް ބަރގް އޮތީ ދެވަނައިގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް