ދުނިޔޭގެ ލަދަށް ރެފިއުޖީންގެ މައްސަލައިގާ ގަލްފް ގައުމުތަކުން ބަޔާނެއް

ސީރިޔާގެ ރެފިޖީންގެ މައްސަލައިގާ ގަލްފުގެ ގައުމުތައް "ހޫނު ފެނަށް" ގޮސްފައިވާ ދަނޑިވަޅެއްގައި ދުނިޔޭގެ ލަދަށް ރެފިއުޖީންގެ މައްސަލައިގާ ގަލްފުގެ ގައުމުތަކުން ބަޔާނެއް ނެރެފި އެވެ. ހަ ގައުމުގެ ހާރިޖީ ވ...

16 Sep 2015 | 00:52

ސީރިޔާގެ ރެފިޖީންގެ މައްސަލައިގާ ގަލްފުގެ ގައުމުތައް "ހޫނު ފެނަށް" ގޮސްފައިވާ ދަނޑިވަޅެއްގައި ދުނިޔޭގެ ލަދަށް ރެފިއުޖީންގެ މައްސަލައިގާ ގަލްފުގެ ގައުމުތަކުން ބަޔާނެއް ނެރެފި އެވެ.

ހަ ގައުމުގެ ހާރިޖީ ވަޒީރުންގެ މައްޗަށް އެކުލެވޭ ގަލްފް ކޯޕަރޭޝަން ކައުންސިލުން ނެރުނު މި ބަޔާނުގައި ބުނެފައިވަނީ ސީރިޔާގެ ރެފިއުޖީންގެ މައްސަލަ ހައްލު ކުރުމަށް ހުރިހާ ގައުމަކުން ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އަދި ބައިނަލް އަގްވާމީ މައްސަލައެއްގެ ގޮތުގައި މި މައްސަލަ ދެކެގެން، އެންމެންގެ ޒިންމާއެއްގެ ގޮތުގައި ދެކެގެން މައްސަލައަށް ހައްލެއް ގެންނަން ޖެހޭ ކަމަށެވެ.

ގަލްފް ގައުމުތަކުން މި ބަޔާން ނެރެފައިމިވަނީ ރެފިއުޖީން މައްސަލައިގާ ގަލްފު ގައުމުތަކުން އަޅާނުލާ ކަމަށާއި ގަލްފު ގައުމުތަކަށް ރެފިއުޖީން ހިޖުރަ ނުކުރަނީ އެ ގައުމުތަކުން ރެފިއުޖީންނާމެދު އަމަލު ކުރާ ގޮތް ގޯސްވުމުން ކަމަށްބުނެ ގިނަ ބައެއްގެ އަދި ގިނަ ގައުމުތަކެއްގެ ފާޑުކިޔުންތައް ގަލްފްގެ ގައުމުތަކަށް އަމާޒުވެފައި ވަނިކޮށެވެ.

ގަލްފުގެ ގައުމުތަކަށް ސީރިޔާއިން މިހާތަނަށް އެތައް ހާސް ރެފިއުޖީއަކު ހިޖުރަކޮށްފައި ވާކަމަށާއި އަދި ރެފިއުޖީންނަށް ދެމުންދަނީ އެ ގައުމެއްގެ އެހެން ރައްޔިތެކޭވެސް އެއްފަދަ ހިދުމަތްތަކެއް ކަމަށް ގަލްފް ގައުމުތަކުން ގުޅިގެން ނެރުނު ބަޔާނުގައި ވެ އެވެ. އެގޮތުން އެންމެ ގިނަ ރެފިއުޖީންނަށް މަރުހަބާ ކިޔާފައިވަނީ ލުބުނާނާއި ޖޯޑަން ކަމަށްވެސް އެ ބަޔާނުގައި ވެ އެވެ.

ގަލްފް ގައުމުތަކުގެ މި ބަޔާނާމެދު ގިނަ ބަޔަކު ވަނީ ފާޑު ކިޔާފަ އެވެ. ގިނަ ބަޔަކު ބުނެފައިވަނީ ގަލްފް ގައުމުތަކުގެ މި ބަޔާނަކީ ދުނިޔޭގެ ލަދަށް، އަދި ކަމުން ރެކިގަތުމުގެ ނިޔަތުގައި ނެރެފައިވާ ޒިންމާދާރުކަން ކުޑަ ބަޔާނެކެވެ.

ސީރިޔާގެ ދާހިލީ ހަނގުރާމައަށް ހަތަރު އަހަރުވެފައިވާއިރު ތިން މިލިއަނަށްވުރެ ގިނަ ސީރިޔާރައްޔިތުން ރެފިއުޖީންގެ ގޮތުގައި ގައުމު ދޫކޮށް ހިޖުރަކޮށްފައި ވެއެވެ. ގިނަ ރެފިއުޖީން ހިޖުރަ ކުރަނީ ޔޫރަޕްގެ ގައުމުތަކަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް