މައްކާގެ ހަރަމްފުޅުގެ ތެރެއަށް ކެރޭނު ވެއްޓުނު ހާދިސާގައި ޝަހީދުވި ކޮންމެ މީހެއްގެ އާއިލާއަށް އެއް މިލިޔަން ސައުދީ ރިޔާލް ދިނުމަށް ސައުދީ ރަސްގެފާނު ސަލްމާން އަމުރު ކުރައްވައިފި އެވެ.
ސައުދީ ގެޒެޓްގައި ވާގޮތުން ޝަހީދުވި ކޮންމެ މީހަކަށް އެއް މިލިޔަން ސައުދީ ރިޔާލް ދިނުމަށް ނިންމާފައިވާއިރު ހާދިސާގައި ޒަހަމްވި ކޮންމެ މީހަކަށް ފަސް ލައްކަ ސައުދީ ރިޔާލް ދިނުމަށްވެސް ރަސްގެފާނު ވަނީ އަމުރު ކުރައްވާފަ އެވެ.
އެ ނިންމެވުންތަކުގެ އިތުރުންވެސް ސައުދީ ރަސްގެފާނު ވަނީ އިތުރު ނިންމެވުމެއް ނިންމަވާފަ އެވެ. އެއީ އަންނަ އަހަރުގެ ހައްޖުގައި ޝަހީދުވި ކޮންމެ މީހެއް އާއިލާއިން ދެ މެމްބަރަކަށް ޝައުދީ ރަސްގެފާނުގެ ހާއްސަ މެހްމާނެއްގެ ގޮތުގައި ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ދެއްވާނެކަން އިއުލާނު ކުރެއްވުމެވެ. އަދި ލިބިފައިވާ ޒަހަމްގެ ސަބަބުން ހައްޖު ނުކުރެވޭ ފަރާތެއް ވާނަމަ އެ ފަރާތަކަށްވެސް އަންނަ އަހަރުގެ ހައްޖުގެ އަޅުކަން ރަސްގެފާނުގެ ހާއްސަ މެހެމާނެއްގެ ގޮތުގައި ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށްވެސް ރަސްގެފާނު ވަނީ ނިންމަވާ އިއުލާނު ކުރައްވާފަ އެވެ.
ސައުދީ ހާރިޖިއްޔާއިން ހާމަކުރާ ގޮތުގައި ޒަހަމްވުމުން ފަރުވާ ދެމުން އަންނަ ހައްޖާޖީންގެ އާއިލާ މެމްބަރުން އެ ހައްޖާޖީންނަށް ޒިޔާރަތް ކުރަން ބޭނުން ނަމަ ހާއްސަ ވިސާއެއް ދިނުމަށްވެސް ސައުދީ ރަސްގެފާނު އަމުރު ކުރެއްވި އެވެ.
ހަރަމްފުޅުގެ މަސައްކަތް ކުރަމުންދިޔަ ބިންލާދިން ކުންފުނި ޖޫރިމަނާކޮށްފައިވާއިރު ކެރޭނު ވެއްޓުނު ހާދިސާ ތަހުގީގުކޮށް ނިމެންދެން އެ ކުންފުނީގެ އެއްވެސް އިސްވެރިޔަކު ގައުމު ދޫކޮށް ދިޔަ ނުދިނުމަށްވެސް ސައުދީ ރަސްގެފާނު އަމުރު ކުރެއްވި އެވެ. ތަހުގީގު ނިމެންދެން އެ ކުންފުންޏަށް ސައުދީގައި އެއްވެސް ބިނާކުރުމުގެ މަސައްކަތެއްގައި ބައިވެރި ނުވެވޭ ގޮތަށްވެސް ވަނީ ނިންމަވާފަ އެވެ.
ފަހުގެ ތަފްސީލަށް ބަލާއިރު އެ ހާދިސާގައި ޝަހީދުވި މީހުންގެ އަދަދު މިހާރު ވަނީ 111 އަށް އަރާފަ އެވެ. ޒަހަމް ވި މީހުންގެ އަދަދު 331 އަށް އަރައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް