ޗައިނާގެ މެމޮރީ ޗިޕް ގަތުން ހުއްޓައިލުމަށް އެމެރިކާ ސަރުކާރުން ވަނީ އެޕަލްއަށް އަންގާފައި --
ދުނިޔޭގެ ބާޒާރުގައި މެމޮރީ ޗިޕްގެ ދަތިކަން ބޮޑުވެ އަގު އުފުލެމުންދާ ދަނޑިވަޅެއްގައި ޗައިނާގެ ކުންފުނިތަކުން މެމޮރީ ޗިޕް ހޯދުމުގެ ބަދަލުގައި އެހެން ގޮތެއް ހޯދުމަށް އެމެރިކާގެ ސަރުކާރުން އެޕަލް ކުންފުންޏަށް އަންގައިފިއެވެ.
އެމެރިކާގެ ވިޔަފާރިއާ ބެހޭ މިނިސްޓަރު ހޮވާޑް ލަޓްނިކް ޓެކްސަސްގެ ހިއުސްޓަންގައި ހުންނަ އެޕަލްގެ ފެކްޓެރީއަކަށް ޒިޔާރަތް ކުރެއްވުމަށް ފަހު ވޯލް ސްޓްރީޓް ޖާނަލްއަށް ދެއްވި ބަސްދީގަތުމެއްގައި ބުނީ ޗައިނާގެ މެމޮރީ ޗިޕް ގަތުމަށް އެމެރިކާ ސަރުކާރުން ތާއީދު ނުކުރާ ކަމަށެވެ. އޭނާ ބުނީ މެމޮރީ ޗިޕްގެ މައްސަލައަށް އެހެން ހައްލުތައް ހުންނަން ޖެހޭ އެކަމަކު ޗައިނާގެ މެމޮރީ ޗިޕް ބޭނުންކުރުމަކީ އެމެރިކާގެ ބޮޑެތި ކުންފުނިތަކަށް ރަނގަޅު ގޮތެއް ނޫން ކަމަށެވެ. ކަމަށް ލަޓްނިކް ބުންޏެވެ.
އެ ޒިޔާރަތުގައި އެކަން އެޕަލްގެ ވެރިންނަށް ސާފުކޮށް އަންގައި ބުނެދީފައިވާނެ ކަމަށް އޭނާ ބުންޏެވެ.
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޑޭޓާ ސެންޓަރުތައް ބިނާކުރުމަށް ކުންފުނިތަކުން ކުރާ މަސައްކަތް ފުޅާވެ މެމޮރީ ޗިޕަށް އޮތް ޑިމާންޑު ވަރަށް ބޮޑަށް ވަނީ އިތުރުވެފައެވެ. އެކަމާ ގުޅިގެން ސަޕްލައި މަދުވެ ކޮންސިއުމާ އިލެކްޓްރޯނިކްސް ކުންފުނިތަކުގެ ޚަރަދު ވަނީ ބޮޑުވެފައިވެއެވެ.
ވޯލް ސްޓްރީޓް ޖާނަލް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ޗައިނާގެ ސީއެކްސްއެމްޓީ އަދި ޔެންގްޒީ މެމޮރީ ޓެކްނޮލޮޖީޒް ކުންފުނީގެ ޗިޕް ޓެސްޓް ކުރުމުގެ މަސައްކަތް އެޕަލް އިން ކުރިއެވެ.
ނަމަވެސް އެ ކުންފުނީގެ ޗީފް އޮޕަރޭޓިން އޮފިސާ ސާބިހް ޚާން ވަނީ ޗައިނާގެ ޗިޕް ޓެސްޓް ކުރާ ކަން ނުވަތަ ނޫން ކަން ކަށަވަރު ކޮށްދޭން ދެކޮޅު ހަދާފައެވެ. ސާބިހް ޚާން ބުނީ ދަތިކަން ހުރި މިންވަރަށް ބަލާއިރު ހުރިހާ ގޮތެއް ބެލުން މަޖުބޫރު ކަމަށާއި މިހާރު ތިބި ސަޕްލަޔަރުންނާ ގުޅިގެން އެމެރިކާގައި އުފެއްދުން އިތުރު ކުރެވޭނެ ގޮތްތައް ހޯދަމުންދާ ކަމަށެވެ.
އެމެރިކާގެ ޤާނޫނުތައް ބުނާ ގޮތުން ބާޒާރުގައި ޢާންމުކޮށް ލިބެން ހުންނަ ޗިޕް ގަތުމުގެ މިނިވަންކަން އެޕަލްއަށް އޮތް ނަމަވެސް ސީއެކްސްއެމްޓީ ފަދަ ޗައިނާ ކުންފުނިތަކަށް ޕްރޮޑަކްޓް މަޢުލޫމާތު ހިއްސާ ކުރުމަށް ލައިސެންސެއް ހޯދަން ޖެހެއެވެ. ލެޕްޓޮޕް އުފައްދާ އެޗްޕީ އާއި އޭސާ ކުންފުނިން މިހާރު ވެސް އެމެރިކާއިން ބޭރަށް ވިއްކާ ޑިވައިސްތަކުގައި ޗައިނާގެ ސީއެކްސްއެމްޓީ ޗިޕް ބޭނުންކުރާ ކަމަށް ވޯލް ސްޓްރީޓް ޖާނަލްގެ ކުރީގެ ރިޕޯޓެއްގައި ބުނެފައިވެއެވެ.
މެމޮރީ ޗިޕްގެ ދަތިކަމާ ކުރިމަތިލާން ޖެހިފައިވާ ހަމައެކަނި ކުންފުންޏަކީ އެޕަލް ނޫން ކަމަށާއި ސިއްޙީ ވަސީލަތްތަކާއި ކާރު ފަދަ ދާއިރާތަކުގެ ކުންފުނިތަކުން ވެސް ސަރުކާރުގެ އެހީއަށް އެދިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް ސެމީކޮންޑަކްޓާ އުފެއްދުން ފުޅާ ކުރުމަށް އެއް އަހަރަށް ވުރެ ގިނަ ދުވަސް ނެގުމުން މި ދަތިކަމަށް އަވަސް ހައްލެއް ލިބޭނެ ކަމަށް ނުބެލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް