އިނގިރޭސި ޕްރިމިއަރ ލީގުގެ ހުރިހާ މެޗެއް ވަގުތުން މީޑިއާނެޓުން

ދުނިޔޭގެ އެންމެ ފޯރިގަދަ، އެންމެ ގިނަ ބައެއްގެ މެދުގައި މަގްބޫލު ފުޓުބޯޅަ ލީގު "އިނގިރޭސި ޕްރިމިއަރ ލީގު" ގެ އައު ސީޒަން މިރޭ ފެށޭނެއެވެ. އެހެން އަހަރުތަކެކޭ އެއްފަދައިން އެކްސްކްލޫސިވް ރީބްރޯޑްކާސްޓަ...

16 Aug 2024 | 18:59

ދުނިޔޭގެ އެންމެ ފޯރިގަދަ، އެންމެ ގިނަ ބައެއްގެ މެދުގައި މަގްބޫލު ފުޓުބޯޅަ ލީގު "އިނގިރޭސި ޕްރިމިއަރ ލީގު" ގެ އައު ސީޒަން މިރޭ ފެށޭނެއެވެ.

އެހެން އަހަރުތަކެކޭ އެއްފަދައިން އެކްސްކްލޫސިވް ރީބްރޯޑްކާސްޓަރގެ ޙައިސިއްޔަތުން މިލީގުގެ ހުރިހާ މެޗެއް މިއަހަރުވެސް އައިސް ނެޓްވޯކުގެ ޗެނަލްތައް މެދުވެރިކޮށް މީޑިއާނެޓު ޚިދުމަތް ބޭނުންކުރާ ފަރާތްތަކަށް ބެލޭނެއެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގެ މިސީޒަނުގެ ފުރަތަމަ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިރޭ 00:00 ގައެވެ. މި މެޗުގައި ބައްދަލުކުރާނީ ވަރުގަދަ މެންޗެސްޓަރ ޔުނައިޓެޑް އަދި ފުލަމް އެވެ. ލީގުގެ ފުރަތަމަ ބުރުގައި ފާހަގަކޮށްލެވޭ ފޯރިގަދަ މެޗުތަކެއް ހިމެނެއެވެ. އޭގެ ތެރޭގައި ހޮނިހިރު ދުވަހުގެ ރޭ 21:30 ގައި ވެސްޓް ހަމް އަދި އެސްޓަން ވިލާ ބައްދަލުކުރާއިރު، އާދިއްތަ ދުވަހުގެ ރޭ 20:30 ގައި ލީގުގެ އެންމެ ވަރުގަދަ ޓީމުތަކުގެ ތެރޭ ހިމެނޭ ޗެލްސީ އަދި މެންޗެސްޓަރ ސިޓީގެ ފޯރިގަދަ ކުރިމަތިލުމެއް އޮންނާނެއެވެ.

ލީގު ޗެމްޕިއަން ގޮތުގައި ތަށި ދިފާއުކުރުމަށް މިފަހަރު ނިކުންނާނީ ވަރުގަދަ މެންޗެސްޓަރ ސިޓީއެވެ. ދެވަނަ ޑިވިޝަނުން ޕްރޮމޯޓްވެ ފާއިތުވި ސީޒަނުގައި ނުކުޅޭ 3 ޓީމެއް މިފަހަރުގެ ޕްރިމިއަރ ލީގު ސީޒަނުގައި ގައި ފެނިގެންދާނެއެވެ. އެއީ ލެސްޓަރ ސިޓީ، އިޕްސްވިޗް ޓައުން އަދި ސައުތެމްޕްޓަން އެވެ. މި ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ހުރިހާ ޓީމަކުންވަނީ ބޮޑެތި ޚަރަދުތަކެއްކޮށް ހުނަރުވެރި ގިނަ ކުޅުންތެރިންތަކެއްގެ ސޮއި ހޯދާފައެވެ. އޭގެ ތެރޭގައި އާސެނަލްއާ ގުޅުނު އިޓަލީގެ ކަލިފިއޯރީ، މެންޗެސްޓަރ ޔުނައިޓެޑާއި ގުޅުނު ހޮލެންޑް ޑިފެންޑަރު ޑެލިޓް އަދި ޗެލްސީ އާ ގުޅުނު ޕޯރޗުގަލް ތަރި ޕެޑްރޯ ނެޓޯ ފާހަގަކޮށްލެވެއެވެ.

މީޑިއާނެޓުން އަންނަނީ ދިވެހި ފަސްގަނޑުގައި ކުޅޭ ބޮޑެތި ކުޅިވަރު މުބާރާތްތަކުގެ އިތުރުން ދުނިޔޭގެ އެކިކަންކޮޅުތަކުގައި ކުޅޭ ދިވެހިން އެންމެ ގަޔާވާ ކުޅިވަރު މުބާރާތްތަށް ދިވެހިންނާއި ހަމައަށް ގެނެސްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ދާދި ފަހުންވަނީ ދުނިޔޭގެ އެންމެ ބޮޑު މަލްޓި ސްޕޯރޓްސް އިވެންޓް "ޕެރިސް އޮލިމްޕިކްސް" ދިވެހިންނާއި ހަމައަށް ގެނެސްދީފައެވެ. މީޑިއާނެޓު ކަސްޓަމަރުންނަށް ޓީވީ މެދުވެރިކޮށް އަދި މޯބައިލް ޑިވައިސްތައް މެދުވެރިކޮށް ކޮންމެ ތަނެއްގައި ހުރެވެސް އައިސް ނެޓްވޯކު މެދުވެރިކޮށް މެޗުތައް ބެލޭނެއެވެ.

ލީގު ފެށުމާ ދިމާކޮށް މީޑިއާނެޓުން ޚާއްސަ ޕްރޮމޯޝަނެއްވެސް ވަނީ ފަށާފައެވެ. އެގޮތުން ޕެކޭޖު އަޕްގްރޭޑްކޮށްގެން ގުރުއަތުން ހޮވޭ 03 ފަރާތަކަށް އަގުހުރި އިނާމުތަކެއް ދިނުމަށްވަނީ ހަމަޖެހިފައެވެ. އިނާމު ތަކުގެ ތެރޭގައި 65 އިންޗީގެ ޓީވީ، އެއަރޕޮޑްސް ޕްރޯ ސެކަންޑް ޖެން އަދި ގޫގްލް ކްރޯމްކާސްޓް ހިމެނެއެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ 30 ސެޕްޓެމްބަރުގެ ނިޔަލަށެވެ.

މީޑިއާނެޓުންވަނީ ފުޓުބޯޅައަށް ލޯބިކުރާ ގިނަ ދިވެހިންގެ ތެރޭގައި މަގްބޫލު ފެންޓަސީ ޕްރިމިއަރ ލީގެއްވެސް ތަޢާރަފްކޮށްފައެވެ. ފެންޓަސީ ލީގުގެ ކޮންމެ މަހެއްގައި އެންމެ ގިނަ ޕޮއިންޓް ހޯދާ ފަރާތަކަށް 5000 ރުފިޔާގެ އަގުހުރި އިނާމެއް ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ. މިއީ ދިވެހިރާއްޖޭގައި މިއަހަރުގެ އެންމެ އަގުހުރި ފެންޓަސީ ލީގުކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް