އއ. މަތިވެރި ބިން ހިއްކުމުގެ މަޝްރޫޢު ސަރުކާރުން މިއަދު މޯލްޑިވެސް ޓްރާންޕޯޓް އެންޑް ކޮންޓްރޭކްޓިންގ ކަމްޕަނީ(އެމްޓީސީސީ)އާއި ހަވާލުކޮށްފިއެވެ.
މި މަޝްރޫޢު ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ އަލްފާޟިލް އާދަމް އާޒިމްއެވެ. އަދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ، ޑިރެކްޓަރ ޖެނެރަލް، އަލްފާޟިލާ ފާތުމަތު ޝާނާ ފާރޫޤެވެ.
21.9 ހެކްޓަރުގެ މި ރަށް އެއްކޮށްހެން އާބާދުވެ ފުރިފައި އޮތުމާއެކު، ރަށުގައި ދިރިއުޅުމުގެ ބޭނުމަށާއި، ވިޔަފާރިއަށް ދޫކުރާނެ އިތުރު ބިމެއް ނެތުމުގެ ދަތިކަން ވަނީ މިރަށުގެ ރައްޔިތުންނަށް ދިމާވެފައިވާކަމަށް އެމްޓީސީސީ އިން ބުނެފައިވެއެވެ. ހަމައެހެންމެ، މިފަދަ ގޮންޖެހުންތަކުގެ ސަބަބުން އެތަކެއް އަހަރުތަކެއް ވަންދެން ރަށުން ގޯތި ނުދެވި އޮތުމަކީ ރަށު ރައްޔިތުންގެ ޒަމާންވީ ޝަކުވާއެއް ކަމަށް އެމްޓީސީސީ އިން ހާމަކުރައްވައެވެ.
އެގޮތުން މިއަދު ސޮއެކުރެވޭ މަތިވެރި ބިން ހިއްކުމުގެ މަޝްރޫޢުގެ މަސައްކަތް ނިމުމާއެކު، މަތިވެރި ރައްޔިތުންނަށް ބިން ނެތުމުގެ ސަބަބަބުން ރަށުގައި ދިރިއުޅުމަށާއި، ވިޔަފާރިކުރުމަށް އޮތް ދަތިތަކަށް ބޮޑުތަނުން ހައްލު ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
މީގެ އިތުރަށް، އެމްޓީސީސީ އިން ބުނީ މި މަޝްރޫޢުގެ ދަށުން، ސޭންޑް ސަރޗް ސަރވޭއެއް ހެދުމާއި 26.50 ހެކްޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމުގެ މަސައްކަތް ހިމެނޭ ކަމެވެ.
މި މަޝްރޫޢަކީ 142.99 މިލިއަން ރުފިޔާއަށް 390 ދުވަސް ތެރޭ ނިންމުމަށް އެމްޓީސީސީއާއި ހަވާލުކޮށްފައިވާ މަޝްރޫޢުއެކެވެ. އަދި މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓެއް ހެދުމަށްފަހު ކަމަށް އެމްޓީސީސީ އިން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް