ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމެއްގައި ސްކޫލުތަކުގެ ބޮޑު ބަންދު ޑިސެމްބަރަށް ބަދަލު ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު މިހެން ވިދާޅުވީ، ރިޔާސީ ކެމްޕޭނަށް ދ. ކުޑަހުވަދޫއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.
މުއިއްޒު ވިދާޅުވީ، މި ސަރުކާރުން ކަންކަން ކޮށްދެނީ ރައްޔިތުން ބޭނުންވާ ގޮތް ވިސްނައިގެން ނޫން ކަމަށެވެ. ރައްޔިތުންނަށް ފަސޭހަވަނީ ކޮން ގޮތެއްކަންވެސް ނުބަލާ ކަމަށެވެ.
އެގޮތުން މުއިއްޒު ވިދާޅުވީ، ދިރާސީ އަހަރުގެ ބޮޑު ބަންދު ޖުލައިމަހާ ދިމާވާ ގޮތަށް މި ސަރުކާރުން ބަދަލު ކުރީ، މާބޮޑު ދިރާސާއެއް ނެތި، ރިސޯޓުތަކުގައި ވަޒީފާ އަދާކުރާ ބައެއް ފަރާތްތަކަށް ފަސޭހަވާނެ ކަމަށް ބުނަމުން ކަމަށެވެ.
ނަމަވެސް އެއީ ވިއްސާރަ ދުވަސްވަރަކަށް ވާތީ، މޫސުން ގޯސްވެގެން ބަންދުގައި ދަތުރު ކުރުމަށް ދަތިވާ ކަމަށާއި، ޖުލައި 26 ގެ ހަރަކާތްތަކުގައި ކުދިން ބައިވެރިވެ، ފަރިތަކުރަން މަޑުކުރަން ޖެހުމުގެ ސަބަބުން ބަންދުގެ ބޮޑުބައެއް ގެއްލޭ ކަމަށެވެ.
ނަމަވެސް ދެން ބޮޑު ބަންދު ޑިސެމްބަރަށް ބަދަލު ކުރެވޭނީ 2025 ވަނަ އަހަރުގެ ދިރާސީ އަހަރާ ދިމާކޮށް ކަމަށް މުއިއްޒު ވިދާޅުވިއެވެ.
އެހެންކަމުން މުއިއްޒުގެ ވެރިކަމެއްގައި އެކަން އެގޮތަށް ކޮށްދޭނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް