ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ލައްކައެއްހާ ސިނގިރޭޓާއި އިތުރު ބައެއް ތަކެތި މިއަދު ނައްތާލައިފިއެވެ.
މިކަން ހާމަކޮށް ކަސްޓަމްސްއިން ބުނެފައިވަނީ ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ގިނަ ބާވަތްތަކެއްގެ ތަކެތި ނައްތާލާފައިވާކަމަށާއި ނައްތާލެވުނު ތަކެތީގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ބަނގުރާ އެކުލެވޭ ބާވަތްތަކާއި، ދުންފަތުގެ ބާވަތްތަކާއި ގާނޫނާއި ގަވާއިދާ ހިލާފު ތަކެތި ކަމަށެވެ.
އެގޮތުން ނައްތާލި ތަކެތީގެ ތެރޭގައި ހިމެނެނީ
- 91119 ސިނގިރޭޓު
- 32 ފުޅި ބަނގުރާ
- 7 ދަޅު ބިޔަރު
- 119.44 ކިލޯ ދުންފަތް
- ގާނޫނާ ގަވާއިދާ ހިލާފު ތިން އައިޓަމް
ކަސްޓަމްސްއިން ބުނެފައިވާގޮތުގައި ހޯމަ ދުވަހު މި ތަކެތި ނައްތާލާފައިވަނީ ސ. ގަން، އައްޑޫ، ކަނެކްޓެޑް އައިލެންޑްސް ވޭސްތް ސެންޓަރ (ވެމްކޯ ސައިޓް) ސަރަހައްދުގައެވެ.
މި ތަކެއްޗަކީ ކަސްޓަމްސްގެ އާއްމު ގަވާއިދުގެ 422 ވަނަ މާއްދާގެ ދަށުން ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށުގައި ނުގެންގޮސް ހުންނަ ތަކެއްޗާއި، ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ހިފެހެއްޓޭ މަނާތަކެތި ނައްތާލުމުގައި ކަސްޓަމްސްއިން އަމަލުކުރާ އުސޫލުގެ ދަށުން ނައްތާލެވުނު ތަކެތި ކަމަށް ކަސްޓަމްސްއިން ބުނެއެވެ. އެކިއެކި ސަބަބުތަކާހުރެ ކަސްޓަމްސްގައި ހިފެހެއްޓިފައި ހުންނަ ތަކެތި ކަނޑައެޅިފައިވާ އުސޫލުގެ ދަށުން ނައްތާލެވިދާނެކަމަށް ކަސްޓަމްސްގެ އާންމު ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް