މުއިއްޒުގެ ކެމްޕޭނުގެ ދެވަނަ ދަތުރު ވ،މ،ފ އަދި ދ އަށް

ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕޭނުގެ ދެވަނަ ދަތުރުފުޅު ވ،މ،ފ އަދި ދ. އަތޮޅުގެ ރަށްތަކަށް މިއަދު ފައްޓަވައިފިއެވެ. އެގޮތުން މުއިއްޒު މިއަދު ފުރަތަމަ ވަޑައިގެންނެވީ ދ. ކުޑަހު...

16 Aug 2023 | 16:01

ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕޭނުގެ ދެވަނަ ދަތުރުފުޅު ވ،މ،ފ އަދި ދ. އަތޮޅުގެ ރަށްތަކަށް މިއަދު ފައްޓަވައިފިއެވެ.

އެގޮތުން މުއިއްޒު މިއަދު ފުރަތަމަ ވަޑައިގެންނެވީ ދ. ކުޑަހުވަދުއަށެވެ. އަދި މިރޭ ކުޑަހުވަދޫގައި ޖަލްސާ ބޭއްވުމަށްފަހު މާދަމާ އެ އަތޮޅު މާއެނބޫދޫ، ހުޅުދެލި އަދި މީދުއަށް ވަޑައިގަންނަވާނެއެވެ. އަދި އެއަށްފަހު ފ. ނިލަނދުއަށް ހަމަ އެ ދުވަހު ވަޑައިގެންނެވުމަށްފަހު އެ ރޭ ނިލަންދޫގައި ޖަލްސާ ބާއްވާނެއެވެ.

ކެމްޕޭނުގެ މި ދަތުރުގެ ތިންވަނަ ދުވަހު މ. ދިއްގަރު، މަޑުއްވަރީ އަދި މުލަކަށް ވަޑައިގެން އެ ރޭ މުލަކުގައި ޖަލްސާ ބޭއްވުމަށްފަހު ހަތަރުވަނަ ދުވަހު މ. މުލި، ކެޔޮދޫ، ވ. ފެލިދޫ، ފުލިދުއަށް ވަޑައިގަންނަވާނެއެވެ. އަދި އެ ދުވަހު މާލެ ވަޑައިގަންނަވާނެއެވެ.

ކެމްޕޭނުގެ ދެވަނަ ދަތުރުފުޅު ފެއްޓެވުމުގެ ކުރިން މުއިއްޒު ވިދާޅުވީ ކެމްޕޭނުގެ މި ދަތުރުތަކުގައި ހުރިހާ ރަށްރަކަށް ނުދެވުނަސް ހުރިހަ އަތޮޅެއް ކަވަރު ކުރާނެ ކަމަށާއި އެންމެ ފުރަތަމަ ހއ. އަދި ހދ. އަތޮޅަށް ކުރެވިގެންދިޔައީވެސް ވަރަށް ކާމިޔާބު ކެމްޕޭނު ދަތުރެއް ކަމަށެވެ.

"ފާހަގަ ކުރެވުނީ ރައްޔިތުންގެ ތަރުހީބު އެބަ އޮތްކަން، ޕީޕީއެމް ޕީއެންސީގެ ސަރުކާރެއް ރައްޔިތުން ބޭނުންވާކަން ފެނިގެންދިޔަ" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒުގެ މި ދަތުރުފުޅުތަކުގެ އިތުރުން މުއިއްޒުގެ ރަނިންމޭޓް ހުސެއިން މުހައްމަދު ލަތީފް (ސެމްބެ) ވެސް އަންނަނީ ވަކިން ކެމްޕޭނު ދަތުރުތަކެއް ކުރައްވަމުންނެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް 23 ދުވަހަށް ވެފައިވާއިރު ޑރ. މުއިއްޒަށް ރިޔާސީ ކެނޑިޑެސީ ކަށަވަރުވެގެންދިޔައީ ވަރަށް ކުއްލި ގޮތަކަށް، އަދި ރިޔާސީ އިންތިހާބަށް ގާތްވެފައިވަނިކޮށެވެ.

ޕީއެންސީގެ ޓިކެޓުގައި މުއިއްޒު ރިޔާސީ އިންތިހާބުގައި ވާދަކުރައްވާއިރު ޕީއެންސީއާއި އެއް ކޯލީޝަނެއްގައި އޮތް ޕީޕީއެމްއިންވެސް އަންނަނީ މުއިއްޒު ހޮވުމަށް އެކުގައި މަސައްކަތް ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް