ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އއ. ބޮޑުފޮޅުދޫއިން ބޮޑުކޮށް އެމްޑީޕީއަށް ތާއީދު ލިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، ރިޔާސީ ކެމްޕޭނަށް ކުރައްވާ ދަތުރުފުޅުގައި ބޮޑުފޮޅުދޫ ރައްޔިތުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ބޮޑުފުޅުދޫގެ ތަރައްގީއަށް އަދިވެސް ކޮށްދޭން ކަންތައްތަކެއް ކުރަން އެބަހުރިކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، މެނިފެސްޓޯ ތައްޔާރު ކުރީ ހުރިހާ ރަށަކަށް ގޮސްގެން، ރައްޔިތުންގެ ހިޔާލު ހޯދައިގެން ކަމަށެވެ. އަދި މެނިފެސްޓޯ ތަންފީޒުކުރާނެ ޕްލޭނާއި ފައިސާވެސް އެބަހުރި ކަމަށެވެ.
އަންނަ ދައުރުގައި ބޮޑުފޮޅުދޫ ރައްޔިތުންނަށް ކޮށްދޭން ރައީސް ވައުދުވި ކަންތައްތަކުގެ ތެރޭގައި:-
- ބަނދަރު ބޮޑުކުރުން
- · ރޯހައުސް އެޅުން
- ފެންބޮޑުވާ މަގުތަކުގައި ތާރުއަޅައި ޒަމާނީ ފެންވަރަށް ހެދުން
- ކައުންސިލްއާއި ކޯޓު، އަދި ފުލުހުންގެ ހިދުމަތް ދޭން އޮފީސް ކޮމްޕްލެކްސްއެއް ގާއިމު ކުރުން
- ޒުވާނުންގެ ހޭންޑްބޯލް ކޯޓާ ފުޓްސަލް ދަނޑު އެޅުން
- ސްކޫލްގެ 12 ކްލާސްރޫމް އެޅުން
- ޕިކްނިކް އައިލެންޑެއް ހަމަޖެއްސުން
މީގެ އިތުރުން ރައީސް ވިދާޅުވީ، ބޮޑުފޮޅުދޫ ކައުންސިލް މެމްބަރުންނާ ބައްދަލުވާ ކޮންމެ ފަހަރަކު، ރަށުގެ ބިން ހިއްކުމުގެ ވާހަކަ ހިއްސާކުރާ ކަމަށާއި، ހަފްތާއެއްގެ ތެރޭގައި އެ މަސައްކަތް ފަށައިދޭނެ ކަމަށެވެ.
މި ދައުރުގައި ވައުދުގެ 90 އިންސައްތަ ފުރިހަމަ ކޮށްފައިވާކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، މިއީ މީގެ ކުރީގެ އެއްވެސް ސަރުކާރަކަށް ނުވެފައިވާ ކަމެއް ކަމަށެވެ.
ވާދަވެރިން އިތުރަށް ވާނެ ވައުދެއް ނެތް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މިހާތަނަށް ހެދި އެންމެ ބޮޑު ކޯލިޝަނަކީ މި ސަރުކާރުގެ ކޯލިޝަން ކަމަށާއި މިހާތަނަށް އެއްވެސް އިންތިހާބެއްގައި މިވަރުގެ ކޯލިޝަނެއް ހެދިފައެއް ނެތް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިހާރުވެސް އެމްޑީޕީން ތިބީ އެހެން ޕާޓީތަކަށްވުރެ އެތައް ހަރުފަތެއް ކުރީގައި ކަމަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިހާރުވެސް މިތިބީ އެތައްއެތައް ސްޓެޕެއް ކުރީގަ. ކައިރިވެސް ކޮށް ނުލެވޭނެ ދެން ތިބި ޕާޓީތަކަށް. ކެމްޕޭނެއްގަވެސް ކައިރިވެސް ކޮށް ނުލެވޭނެ. ކައިރިއަށްވެސް ނާދެވޭނެ" ރައީސް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް