މޯލްޑިވިއަން އޭވިއޭޝަން އެކެޑަމީއިން މި އަހަރުގެ އޮކްޓޯބަރު އިންޓޭކަށް ހުޅުވާލައިފިއެވެ.
އެގޮތުން އެ އެކެޑަމީގެ ޕްރޮގްރާމް ސްޓްރަކްޗާގައިވަނީ، ހަ މަހުގެ އޭޓީޕީއެލް ތިއަރީ އާއި ހަ މަހުގެ ފްލައިޓް ޓްރެއިނިންނެވެ. އަދި ފްލައިޓް ޓްރެއިނިންގެ ތެރޭގައި ހިމެނެނީ، ސީޕީއެލް ވިތް އެމްއީޕީ ޓްރެއިނިންގެ އިތުރުން ސިންގަލް އެންޑް މަލްޓި އިންޖީން އިންސްޓްރޫމަންޓް ޓްރޭނިންއެވެ.
މި ޕްރޮގްރާމްތަކުން ޖާގަ ލިބޭނީ ވަކި އަދަދެއްގެ ދަރިވަރުންނަށް ކަމަށާއި އެ އަދަދު ހާމަނުކޮށް އެ އެކެޑަމީން ބުނީ، އެ ޖާގަތަކަށް ދަރިވަރުން ހަމަވުމާއެކު ފުރުސަތު ބަންދުވާނެކަމަށެވެ. މީގެ އިތުރުން، އެ އެކަޑަމީންވަނީ، އެޕްލައި ކުރާ ދިވެހިންނަށް އަހައްމިއްޔަތު ކަމެއް ދޭނެ ކަމަށް ބުނެފައެވެ.
އެ އެކަޑަމީއިން ކޮށްފައިވާ އިއުލާންގައި ބުނެފައިވަނީ މި ޕްރޮގްރާމްގައި ބައިވެރިވާ ކޮންމެ ދަރިވަރަކީ 17 އަހަރު ފުރި، އޯލެވެލް ނުވަތަ އެއާ އެއް ފެންވަރުގެ ކޯހަކުން، އިނގިރޭސި، ފިޒިކްސް އަދި ހިސާބު، މި ތިން މާއްދާއިން ފާސްވެފައިވާ ކުއްޖަކަށްވާން ޖެހޭކަމަށެވެ. އަދި ކްލާސް 1 މެޑިކަލްއެއް ވެސް އެ ކުއްޖަކު އަތުގައި އޮންނަންވާނެކަން ވެސް ވަނީ ހާމަކޮށްފައެވެ.
މީގެ އިތުރަށް، އެ އެކަޑަމީއިން ވަނީ އޮންލައިންކޮށް ކިޔެވުމުގެ ފުރުސަތުވެސް ހުޅުވާލާފައެވެ. އަދި ކޯހުގެ ފީ ހަތަރު އިންސްޓޯލްމަންޓަކަށް ބަހައިގެން ދެއްކުމުގެ ފުރުސަތު ވެސް ވަނީ ދީފައެވެ.
ފުރަތަމަ އިންސްޓޯލްމަންޓަށްވާ ފައިސާ ކޯސް ފެށުމުގެ ދެ ހަފްތާ ކުރިން ދައްކަން ޖެހެއެވެ. އަދި، ދެވަނަ އިންސްޓޯލްމަންޓް ކިޔަވަންފެށުމަށްފަހު ދެ މަސް ފަހުން ދައްކަން ޖެހެއެވެ.
ހަމައެފަދައިން، ތިންވަނަ އިންސްޓޯލްމަންޓްގެ ފައިސާ ފްލައިޓް ޓްރެއިނިން ފެށުމުގެ ދެ ހަފްތާ ކުރިން ދައްކަން ޖެހޭއިރު ހަތަރު ވަނަ އިންސްޓާލްމަންޓްގެ ފައިސާ އިންސްޓްރޫމަންޓް ރޭޓިން ފެށުމުގެ ދެ ހަފްތާ ކުރިން ދައްކަން ޖެހެއެވެ.
އައްޑޫ ސިޓީގައި ހުންނަ އޭވިއޭޝަން އެކަޑަމީން މިއަހަރުގެ އޮކްޓޯބަރު އިންޓޭކަށް ނަގާ ދަރިވަރުންވާނީ އެ އެކަޑަމީގެ ދެވަނަ ބެޗަށެވެ.
ޕައިލެޓުން ތަމްރީނު ކުރުމަށް އައިލެންޑް އޭވިއޭޝަން ސާވިސް އާއި މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގުޅިގެން ހަދާފައިވާ މޯލްޑިވްސް އޭވިއޭޝަން އެކަޑެމީގެ ކިޔެވުން ފެށީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 10ގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް