ވޯޓުލާން ދެތިން ހަފުތާއަށްވުމުން ހިލޭ ބިންބަހާލުމަކީ ދެވޭ ރިޝްވަތެއް ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.
ދުންޔާ މިހެން ވިދާޅުވީ، އަންނަ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައި ވާއިރު، މާލޭ މީހުންނަށް ހިލޭ ދޫކުރާ ގޯތީގެ ގުރު ނަގަން ފެށުމާ ގުޅިގެންނެވެ.
ދުންޔާ ވިދާޅުވީ، ގެދޮރުގެ ދަތިކަމަކީ ރާއްޖޭގެ ހުރިހާ ރައްޔިތުން ތަހައްމަލު ކުރަމުން ގެންދާ ވޭނެއް ކަމަށެވެ. ނަމަވެސް ވޯޓުލާން ދެތިން ހަފުތާއަށްވުމުން ވޯޓުލާ މީހުންނަށް ހިލޭ ބިންބަހާލުމަކީ ދެވޭ ރިޝްވަތެއް ކަމަށާއި އެއީ ވަންހަނާ ނުކުރެވޭނެ ކަމެއް ކަމަށެވެ.
"އެކަމަކު އޭސީސީ އަށް އެތަން ފެންނަ ކަމަކަށް ނުވޭ.!" ދުންޔާ ވިދާޅުވިއެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލެ ސަރަޙައްދުން ބަންޑާރަގޯތި ދޫކުރުމަށްޓަކައި ހިންގާ ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަޙައްދުން ގޯތި ލިބޭ ފަރާތްތަކަށް ލިބޭ ގޯތި ކަނޑައެޅުމަށްޓަކައި ގުރުއަތު ނަގަން ފެށީ އިއްޔެއެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން 18،955 ފަރާތެއް ގޯއްޗަށް ޝަރުތު ހަމަވެއެވެ.
މާލޭ މީހުންނަށް ގޯތި ދޫކުރުމަށް ހަމަޖެހިފައި ވަނީ ހުޅުމާލެ، ގުޅީފަޅު އަދި ގިރާވަރު ފަޅުންނެވެ.
ހައުސިންގް މިނިސްޓްރީން ބުނެފައި ވަނީ، ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުގެ ކުރިން ގޯތި ލިބޭ އެންމެންގެ ރަޖިސްޓްރީ ހަވާލު ކުރާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް