ކުޅުދުއްފުށީ ރައްޔިތުންގެ އުންމީދުތައް ހާސިލުކުރަން ގިރާނުކުރާނެ އެއްވެސް އޮޅިއެއް ނޯންނާނެ: މޭޔަރު

ކުޅުދުއްފުށީ ރައްޔިތުންގެ އުންމީދުތައް ހާސިލުކުރަން ގިރާނުކުރާނޭ އެއްވެސް އޮޅިއެއް ނޯންނާނެ ކަމަށް ކުޅުދުއްފުށީ މޭޔަރު އަހުމަދު އާތިފް ވިދާޅުވެއްޖެއެވެ. އާތިފް މިހެން ވިދާޅުވީ، ކުޅުދުއްފުށި ކައުންސިލް...

16 Aug 2023 | 09:45

ކުޅުދުއްފުށީ ރައްޔިތުންގެ އުންމީދުތައް ހާސިލުކުރަން ގިރާނުކުރާނޭ އެއްވެސް އޮޅިއެއް ނޯންނާނެ ކަމަށް ކުޅުދުއްފުށީ މޭޔަރު އަހުމަދު އާތިފް ވިދާޅުވެއްޖެއެވެ.

އާތިފް މިހެން ވިދާޅުވީ، ކުޅުދުއްފުށި ކައުންސިލް މެމްބަރުން އަނބުރާ އެމްޑީޕީއަށް ސޮއި ކުރުމާ ގުޅިގެން އާއްމުންގެ ފާޑުކިޔުން އަމާޒުވަމުން ދާތީއެވެ.

އެމްޑީޕީން ބުނެފައިވާގޮތުގައި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރާއި މޭޔަރު އާތިފާއި ޑެޕިއުޓީ މޭޔަރު އަލީ އަހްމަދުގެ އިތުރުން ތިން ކައުންސިލަރުންނާއި ކުޅުދުއްފުށީ ސިޓީ ދެކުނު ދާއިރާގެ ކުރީގެ ރައީސް އަކްރަމް ވަނީ މިރޭ އެ ޕާޓީއާއި ގުޅިވަޑައިގެންފައެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ގޮނޑި ކާމިޔާބު ކުރި ކުޅުދުއްފުށި ސިޓީގެ ހުރިހާ ކައުންސިލަރުން ޑިމޮކްރެޓްސްއަށް ސޮއިކުރެއްވީ މެއި މަހުގެ ފަހުކޮޅުގައެވެ. ނަމަވެސް އިއްޔެ ހުރިހާ ކައުންސިލަރުން ވަނީ އެނބުރި އެމްޑީޕީއަށް ސޮއިކޮށްފައެވެ.

އެކަމާ ގުޅިގެން ކުރިމަތިވަމުންދާ ފާޑުކިޔުންތަކަށް ރައްދު ދެއްވައި އާތިފް ވިދާޅުވީ، މަދުބައެއްގެ މަލާމާތާއި ފުރައްސާރަ ރައްދުވިޔަސް، އަސާސެއްނެތް ދޮގު އިލްޒާމުތައް ބޮލުގައި އެޅުވިޔަސް ކުޅުދުއްފުށީގެ ރައްޔިތުންގެ އުންމީދުތައް ހާސިލުކުރުމަށް ގިރާނުކުރާނޭ އެއްވެސް އޮޅިއެއް، ނޫފުލާނޭ އެއްވެސް ތަކުލީފެއް، ނާޅާނޭ އެއްވެސް ފިޔަވަޅެއް ނޯންނާނޭކަމުގެ ފުރިހަމަ ޔަޤީންކަން ކުޅުދުއްފުށީގެ އެންމެހާ ރައްޔިތުންނަށް އަރުވާ ކަމަށެވެ.

"އަޅުގަނޑުމެން މި މަސައްކަތައް ނިކުތީ ހިތްވަރުގަދަ ޓީމަކާއިއެކު ފިސާރި ކެރިގެން" އާތިފް ވިދާޅުވިއެވެ.

މީގެ އިތުރުން އާތިފް ވިދާޅުވީ، ކުޅުދުއްފުށީގެ މުހިންމު މަޝްރޫތައް އެކަށީގެންވާ ސްޕީޑްގައި ނުހިނގާ ކަމަށެވެ. އަދި އެކަމާ ގުޅިގެން ސަރުކާރުގެ ސަމާލުކަމަށް އެކަންގެ ނައުމަށްޓަކައި، ދާންޖެހުނު ކޮންމެ ހިސާބަކަށް ގޮސް، ރަށުގެ ކުރިއެރުމަށް އެކުގައި މަސައްކަތުގައި ބައިވެރިވަމުންގެންދާ އެންމެންނަށް ފައްފަށުން ޝުކުރު އަދާކުރާ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ މާ ލަސްތަކެއްނުވެ މި މަސައްކަތުގެ ނަތީޖާ ހަމަ ރައީސް ސޯލިހާއިއެކު ރައްޔިތުންނަށް ފެންނާންފަށާނެ" އާތިފް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް