ގައުމީ އެއާލައިން، މޯލްޑިވިއަން އިން އިންޑިއާގެ ބެންގަލޫރަށް ޝެޑިއުލް ދަތުރުތައް ފަށަން ނިންމައި އެކަން އިއުލާނުކޮށްފިއެވެ.
އެގޮތުން މޯލްޑިވިއަން އިން މިއަދު ބުނެފައިވާގޮތުގައި އިފްތިތާހީ ދަތުރު އޮކްޓޯބަރު 30 ގައި ކުރާނެއެވެ. އަދި މިއަދުން ފެށިގެން މޯލްޑިވިއަންގެ ވެބްސައިޓުން އަދި ކޯލް ސެންޓަރ މެދުވެރިކޮށާއި ޓިކެޓިން އޭޖެންޓުން މެދުވެރިކޮށް ޓިކެޓް ބުކް ކުރެވޭނެއެވެ.
ބެންގަލޯރަށް ހަފްތާއަކު ދެ ދަތުރު ކުރުމަށް މޯލްޑިވިއަންއިން ނިންމާފައިވެއެވެ. އެއީ ކޮންމެ ހަފްތާއެއްގެވެސް ހޯމަ އަދި ބުރާސްފަތި ދުވަހުގައެވެ.
ބެންގަލޯރަކީ ދިވެހިން ވަރަށް ގިނައިން ދަތުރުކޮށް އުޅޭ މަންޒިލެއް ކަމުގައިވާއިރު މޯލްޑިވިއަންއިން ބުނެފައިވާގޮތުގައި ބެންގަލޯރަށް މޯލްޑިވިއަންގެ ދަތުރުތައް ފެށުމަކީ ބައިނަލްއަގްވާމީ މަންޒިލްތަކާއި ރާއްޖެ ގުޅުވާލުމުގައި އެ ކުންފުންޏަށް ހާސިލްކުރެވިގެންދާ އިތުރު ލަނޑުދަނޑިއެކެވެ.
މިއާއެކު މޯލްޑިވިއަން އިން ދަތުރުކުރާ ބައިނަލްއަގްވާމީ މަންޒިލްތަކުގެ އަދަދު ހަތަރަކަށް އިތުރުވެގެންދާނެއެވެ.
މިހާރު މޯލްޑިވިއަންއިން ދަތުރުކުރަމުން އަންނަނީ އިންޑިއާގެ ކޮޗިން އަށާއި ޓްރިވެންޑްރަމަށާއި ބަންގްލަދޭޝްގެ ޑާކާއަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް