ހުޅުމާލޭގައި އިތުރު ދެ ބަސް ސްޓޮޕް ގާއިމު ކޮށްފައި ވާކަމަށް އެމްޓީސީސީއިން ބުނެފިއެވެ.
އެމްޓީސީސީއިން ބުނީ، އެ ކުންފުނިން ފޯރުކޮށްދޭ އާރްޓީއެލް ބަހުގެ ހިދުމަތުގައި ހިމެނޭ އާރް5 ރޫޓުގެ ޝެޑިއަށް ބަދަލުތަކެއް ގެނެވިފައިވާ ކަމަށެވެ.
އެގޮތުން އެ ރޫޓްގެ ޝެޑިއުލް ދަތުރުތައް ކުރުމަށް މިހާރު ހަމަޖެހިފައި ވަނީ ހެނދުނު 6:00 އިން ފެށިގެން ރޭގަނޑު 10:30ށް ކަމަށް އެމްޓީސީސީއިން މައުލޫމާތު ދެއެވެ.
އެމްޓީސީސީއިން ބުނީ، އެ ރޫޓަށް ދެ ބަސްހުއްޓި އިތުރު ކުރަން ނިންމީ ގިނަ ކަސްޓަމަރުންގެ އެދުމުގެ މަތިން ކަމަށެވެ.
"މިގޮތުން ޓްރީޓޮޕް އަދި އޮރެންޖެ ހިޔާ ކައިރީގައި ބަސް ހުއްޓި ގާއިމު ކުރެވިފައިވާ ކަމުގެ އުފާވެރި ހަބަރު ކަސްޓަމަރުންނަށް އަރުވަން" އެމްޓީސީސީއިން ބުންޏެވެ.
މި މަހުގެ ކުރީކޮޅުގައިވެސް ހުޅުމާލޭގައި ވަނީ އިތުރު ބަސް ސްޓޮޕްއެއް ގާއިމު ކޮށްފައެވެ.
އެ ބަސް ސްޓޮޕް ގާއިމު ކޮށްފައި ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ސަރަހައްދުގެ 14، 15 އަދި 16 ވަނަ ޓަވަރުގައި ދިރިއުޅޭ ގިނަ ރައްޔިތުންގެ އެދުމުގެ މަތިންނެވެ.
އެގޮތުން އެޗް16 ކައިރީގައި ގާއިމު ކޮށްފައިވާ ބަސް ރޫޓުގެ ހިދުމަތް އާރް 6،7 8 އަދި 9 ބަސް ރޫޓު މެދުވެރިކޮށް މިހާރު ލިބެމުން ދާނެއެވެ.
މި ބަސްހުއްޓީގެ ސަބަބުން އާރްޓީއެލް ބަހުގެ ޙިދުމަތް ހޯދުމުގައި ގިނަ ލުއިފަސޭހަތަކެއް މި ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ލިބިގެންދާނެކަމަށް އެ އުންމީދުކުރާ ކަމަށް އެ ކުންފުނިން ބުނެއެވެ.
އަދި އެ ކުންފުނިން ޙިދުމަތް ފޯރުކޮށްދިނުމުގައި އަބަދުވެސް ކަސްޓަމަރުންގެ ބޭނުންތަކާއި، އުފެއްދުންތެރި ހިޔާލުތަކަށް ރިއާޔައްކުރާނެކަމުގައި އެމްޓީސީސީ އިން ބުނެފައިވެއެވެ.
އިތުރު މަޢުލޫމާތު ހޯދެއްވުމަށް އެމްޓީސީސީގެ ހޮޓްލައިން ނަންބަރު 1650 އަށް ގުޅުއްވުމަށް އެ ކުންފުނިން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް