'ދީފާ އަތުލި ފްލެޓް'ގެ ވެރިން ނަޝީދަށް: "އަހަރެމެންގެ އަދަދު 5000ށް ވުރެގިނަ"
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާގެ ފްލެޓްތައް ނުލިބި، ކެންސަލްވީ ތިން މީހުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާ ގުޅިގެން. "ދީފާ އަތުލި ފްލެޓް" ގެ ހައްގުވެރިން އެކަމާ ނުރުހުން ފާޅުކޮށްފިއެވެ.
ޑިމޮކްރެޓްސްގެ ރިޔާސީ މެނިފެސްޓޯ އިފްތިތާހު ކުރުމަށްޓަކައި ރޭ ސަލްޓަން ޕާކުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ހިޔާ މަޝްރޫއުގެ ފްލެޓްތައް ނުލިބި، އެކަން މުޅިން ‘ކެންސަލް’ ވާނެ ކަމަށް އޭރުގައި ވާދަވެރިންގެ ގޮތުގައި ތިބި މިހާރުގެ އެމްޑީޕީގެ ބައެއް މެމްބަރުން ވިދާޅުވަމުން ގެންދެވި ކަމަށެވެ. އެ 7000 ފްލެޓަށް ފޯމު ހުށަހެޅި މީހުންނާއި އެދުނި މީހުން އަދި ހައްގުވެފައި އޮތް ކަމަށް ބުނި އެންމެން ކެންސަލް ވާނޭ ކިޔައި އަޑު ފެތުރުނު ކަމަށް ނަޝީދު ވިދާޅުވިއެވެ.
“އެހެން ނަމަވެސް ފްލެޓް ދީ ނިމިއްޖެ. އަޅުގަނޑު ހަނދާންވާ ގޮތުގާ ކެންސަލްވީ ތިން މީހުން” ނަޝީދު ވިދާޅުވިއެވެ.
އެކަމާ ގުޅިގެން "ދީފާ އަތުލި ފްލެޓް" ގެ ހައްގުވެރިންގެ ތެރޭގައި އިސްކޮށް ހަރަކާތްތެރިވާ މިދުއަމް ސައުދު ބުނީ، "ދީފާ އަތުލި ފްލެޓް" ޓީމް އިން ދަނީ އިދިކޮޅުގެ ހުރިހާ ކެނޑިޑޭޓުންނާ ބައްދަލު ކުރަމުން ކަމަށާއި އެމީހުންނާ ގުޅޭގޮތުން އެހާ ޒިންމާދާރުކަން ކުޑަކޮށް ވާހަކަ ދެއްކުމަކީ، އެމީހުން ޑިމޮކްރެޓްސްގެ ކެނޑިޑޭޓާއި ބައްދަލު ނުކުރަން ޖެހިދާނެ ކަމެއް ކަމަށެވެ.
އެހެންކަމުން "ދީފާ އަތުލި ފްލެޓް" ގެ ހައްގުވެރިންގެ އަދަދު މަދުކަކަށް ނަޝީދު ވިދާޅުވި ވިދާޅުވުން އިސްލާހު ކުރުމަށް މިދުއަމް އެދުނެވެ.
"ޔާމީން އިރުގަ ލިޔުން ލިބި، އިބްރާހީމް ކަޓުވާލި މީހުންގެ އަދަދު 5000ށް ވުރެ ގިނަ. ދީފާ އަތުލި ފްލެޓް ކިޔާ، އެމީހުންގެ ވަކި ގްރޫޕެއް އޮވޭ. އެމީހުންގެ ވޯޓަކީ އިބްރާހީމަށް ނުލިބޭނެ ވޯޓެއް. ޑިމޮކްރެޓްސްއިން މިގޮތަށް ވާހަކަ ދައްކާނަމަ ޑިމޮކްރެޓްސްއަށްވެސް އެ ވޯޓު ގެއްލޭނެ" މިދުއަމް ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް