ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާގެ ފްލެޓްތައް ނުލިބި، ކެންސަލްވީ ތިން މީހުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިހެން ވިދާޅުވީ، ޑިމޮކްރެޓްސްގެ ރިޔާސީ މެނިފެސްޓޯ އިފްތިތާހު ކުރުމަށްޓަކައި ރޭ ސަލްޓަން ޕާކުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ނަޝީދު ވިދާޅުވީ، ބޯހިޔާވަހިކަމުގެ މައްސަލަ އެއީ މިވަގުތު ދިވެހިރާއްޖެއަށް މައްސަލައެއްގެ ގޮތުގަ ދިމާވެފައި އޮތް އެންމެ ބޮޑު އެއް މައްސަލަ ކަމަށެވެ. އެއީ މާލެއަށް އެކަނި ދިމާވެފަ އޮތް މައްސަލައެއް ނޫން ކަމަށާއި، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދިއުމުން، މި މައްސަލަ ހައްލު ކުރަން ޖެހިފައި އޮތް މިންވަރު އެނގިގެން ދާ ކަމަށް ނަޝީދު ވިދާޅުވިއެވެ.
އެހެންކަމުން 'އިއްލިއަމްރު' ގެ މެނިފެސްޓޯގައި އެ މައްސަލަ ހައްލު ކުރުމަށް ސާފު ޕްލޭނެއް ދީފައި އޮންނާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ބޯހިޔާވަހިކަމުގެ މައުލޫއަށް ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން ހިންގެވި ހިޔާ މަޝްރޫއު، 7000 ފްލެޓް އިމާރާތް ކުރަން ފަށައި، އެ މަސައްކަތް ނިންމުނީ މިހާރު މި ހިނގާ ރައީސް ސޯލިހުގެ ސަރުކާރުގައި ކަމަށެވެ. އެ މަސައްކަތްތައް ނިންމުމަށްފަހު ފްލެޓްތަކަށް މީހުން ވެއްދުމަށްޓަކައި، އޭގެ ހައްގުވެރިން ހޯދުމަށް ޔާމީނުގެ ސަރުކާރުގައި ކުއްލިއަކަށް ހަރަކާތްތަކެއް ހިނގަން ފަށައި، ބައެއް ތަންތަނުން ފޯމު ދޫކުރުމާއި، ފޯމަށް އަރައިގަތުމުހެ ކަންކަން ކުރިއަށް ސދިޔަ ކަމަށް ނަޝީދު ފާހަގަ ކުރެއްވިއެވެ.
ހިޔާ މަޝްރޫއުގެ ފްލެޓްތައް ނުލިބި، އެކަން މުޅިން 'ކެންސަލް' ވާނެ ކަމަށް އޭރުގައި ވާދަވެރިންގެ ގޮތުގައި ތިބި މިހާރުގެ އެމްޑީޕީގެ ބައެއް މެމްބަރުން ވިދާޅުވަމުން ގެންދެވި ކަމަށް ނަޝީދު ވިދާޅުވިއެވެ. އެ 7000 ފްލެޓަށް ފޯމު ހުށަހެޅި މީހުންނާއި އެދުނި މީހުން އަދި ހައްގުވެފައި އޮތް ކަމަށް ބުނި އެންމެން ކެންސަލް ވާނޭ ކިޔައި އަޑު ފެތުރުނު ކަމަށް ނަޝީދު ވިދާޅުވިއެވެ.
"އެހެން ނަމަވެސް ފްލެޓް ދީ ނިމިއްޖެ. އަޅުގަނޑު ހަނދާންވާ ގޮތުގާ ކެންސަލްވީ ތިން މީހުން" ނަޝީދު ވިދާޅުވިއެވެ.
އޭގެ އިތުރުން، މި ސަރުކާރުން ދޫކުރަމުންދާ ގޯތި މަޝްރޫއަށް ފާޑުވިދާޅުވަމުން ނަޝީދު ފާހަގަ ކުރެއްވި ގޮތުގައި، އެ މަޝްރޫއުއަކީ އެއްވެސް ޕްލޭނެއް ނެތި ކުރިއަށް ގެންދާ މަޝްރޫއުއެކެވެ.
ހިޔާ ފްލެޓުން އެޕާޓްމެންޓް ނުލިބުނީ ތިން މީހުންނަށް ކަމަށް ރައީސް ނަޝީދު ވިދާޅުވި އިރު، ރައީސް ޔާމީނުގެ ވެރިކަމުގައި ފްލެޓް ލިބުނު ލިޔުން ލިބި، މި ވެރިކަމުގައި ފްލެޓް ނުލިބުނު ގިނަ އަދަދެއްގެ މީހުން އެއްވެ "ދީފާ އަތުލި ފްލެޓް" ގެ ނަމުގައި ދަނީ ހަރަކާތްތައް ހިންގަމުންނެވެ. ރައީސް ޔާމީނުގެ ސަރުކާރުގައި އަލަތު ކައިވެނީގެ ކެޓަގަރީއެއް ހަދައި، ޝަރުތު ހަމަވާ އެންމެންނަށް އެ ކެޓަގަރީން ފްލެޓް ދޭން ނިންމި ނަމަވެސް، މި ވެރިކަމުގައި ބުނެފައި ވަނީ އެ ފްލެޓްތައް ނެތް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް