ދީނީ އިލްމުވެރިޔާ ޝެއިހް އާދަމް ނިޝަން، ކްރިމިނަލް ކޯޓުން ދޫކޮށްލި މައްސަލައިގަ ދައުލަތުން ކުރި އިސްތިއުނާފު ހައި ކޯޓުން ބަލައެއް ނުގަތެވެ.
ގަލޮޅު ދަނޑުގައި ޔޯގާ ކުރަން ތިބި މީހުންނަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ޝެއިހް ނިޝާން ހައްޔަރު ކުރީ މިދިޔަ މަހު ކުރީކޮޅެވެ. އޭނާ ދޫކޮށްލީ މަހެއް ފަހުން މިމަހު ކުރީކޮޅެވެ.
އެ ނިންމުން އިސްތިއުނާފް ކުރަން ދައުލަތުން ހުށަހެޅުމުން ހައި ކޯޓުގެ ރަޖިސްޓްރާ ނިންމެވި ނިންމުމުގައިވަނީ ނިޝާންގެ ބަންދު މުއްދަތު އިތުރުކުރަން ފުލުހުން އެދުނީ ގާނޫނުގެ ނުބައި މާއްދާއެއްގެ ދަށުން ކަމަށާއި އަދި އެ ނޫން މާއްދާއެއްގެ ދަށުން ނިޝާން ބަންދުކުރަން ކޯޓަށް ހުރަހެއް ނެތް ކަމަށް ބުނެ ކަމަށެވެ.
ނަމަވެސް އެފަދަ ގާނޫނީ ނައްސެއް ދައުލަތަށް ނުދެއްކޭ ކަމަށާއި އަދި އެ މައްސަލާގައި ހުށަހެޅި ކަންކަމުގެ ބޭރުން ފަނޑިޔާރުން ގޮތް ނިންމާފައިނުވާ ކަމަށް އެ ނިންމުމުގައިވެ އެވެ.
ނިޝާންގެ އިތުރުން ޝައިހް ފަޒްލޫން މުހައްމަދު ވެސް އެ މައްސަލާގައި ހައްޔަރުކުރި އެވެ. އޭނާ ވެސް ކުރިން ވަނީ ބަންދުން ދޫކޮށްލައިފަ އެވެ. އެ ދެ ބޭފުޅުންގެ ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ މިހާރު އޮތީ ސަސްޕެންޑްކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް