ބަރުލަމާނީ ނިޒާމަށް ތާއީދު ނުކުރައްވާކަން ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދުވެސް ހާމަކުރައްވައިފިއެވެ.
އެމަނިކުފާނުގެ ފޭސްބުކް ގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ "އަޅުގަނޑު ތާއީދުކުރަނީ ރައްޔިތުންގެ ސީދާ ވޯޓަކުން ދައުލަތުގެ އަދި ސަރުކާރުގެ އެންމެ މަތީ ވެރިޔާ ހޮވުމަށް." ކަމަށެވެ.
މީގެ އިތުރުން ޤާނޫނު ހެދުމުގެ ބާރާއި ސަރުކާރު ޒިންމާދާރުކުރުވުގެ ބާރު ރައްޔިތުންގެ މަޖިލީހުގައި އޮތުމަށް ކަމަށާއި އަދުލު އިންސާފު ގާއިމްކުރުން ފަނޑިޔާރު ގޭގައި އޮތުމަށް ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
"ތެދުވެރިކަމާއި އިޚްލާސްތެރިކަމާއި ޤާނޫނަށް ބޯލެނބުމުގެ މަތިވެރި ސިފަ ވެރިންގެ ކިބައިގައި ހުރުމަށް." ޝާހިދު ވިދާޅުވެފައިވެއެވެ.
ފޮރިން މިނިސްޓަރ މިހެން ވިދާޅުވެފައިވާއިރު، ބަރުލަމާނީ ނިޒާމަށް ތާއީދު ނުރައްވާކަމަށް ރައީސް ސާލިހު ވެސް ވަނީ ވިދާޅުވެފައެވެ.
ރާއްޖެ ޓީވީއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ރައީސް ވިދާޅުވެފައިވަނީ މިވަގުތަށް ރާއްޖެއަށް މުހިންމީ، ގައުމަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުން ކަމަށާއި، މިވަގުތަކީ ނިޒާމު ކަނޑައެޅުމަށް މަސައްކަތް ކުރައްވަންވީ ވަގުތު ނޫން ކަމަށެވެ.
ރައީސް ވިދާޅުވީ ރާއްޖޭއަށް ބަރުލަމާނީ ނިޒާމެއް ގެނައުމަށްވުރެ އަދި އޮތީ މާ ޅަފަތުގައި ކަމަށާއި، އެހެންނަމަވެސް، ބަރުލަމާނީ ނިޒާމް ގެންނަން މަސައްކަތް ކުރާ ނަމަ އެ މަސައްކަތް ކުރެއްވިދާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް