ކުޅިވަރާއި ފަންނީ ކަންކަމުގައި ނުކުޅެދުންތެރިކަން ހުންނަ ޒުވާނުން ޝާމިލުވާ މިންވަރު އިތުރުވަމުން އަންނަކަމަށް ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރ އަހްމަދު މަހްލޫފު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ މޯލްޑިވްސް އެސޯސިއޭޝަން ފޯރ ޕާސަންސް ވިތް ފިޒިކަލް ޑިސްއެބިލިޓީޒް (އެމްއޭޕީޑީ) އަށް ޖަޕާނުން ޚާއްސަ އެއްގަމު އުޅަނދުތަކެއް ހަދިޔާކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ހުޅުމާލޭ ރުއްގަނޑު ސަރަހައްދުގައި ބޭއްވި ރސްމިއްޔާތުގައި މިނިސްޓަރ ވިދާޅުވީ ޖަޕާނުން ހަދިޔާކުރި އުޅަނދުތަކުގެ ސަބަބުން ވެސް އެފަދަ ޒުވާނުންނަށް އެތަކެއް ފަސޭހައެއް ލިބިގެންދާނެ ކަމަށެވެ.
ޚާއްސަކޮށް ވީލްޗެއާރގައި އުޅޭ މީހުންނަށް ފަސޭހައިން އެރޭ ގޮތަށް ފަރުމާކޮށްފައިވާ ހަތަރުފުރޮޅުލީ މި އުޅަނދުތަކަށް އެރުމަށް ރިމޯޓެއް ބޭނުންކޮށްގެން އޮޕަރޭޓްކުރެވޭ ޚާއްސަ ރޭމްޕެއް ވަނީ ގާއިމުކޮށްފައެވެ.
އެމްއޭޕީޑީއަށް މި އުޅަނދުތަށް ހަދިޔާކުރެއްވި ކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މިދޮރި ތަކެއުޗިއެވެ.
މި ރަސްމިއްޔާތުގައި އެމްއޭޕީޑީގެ އިސްވެރިންނާއި ބައެއް މެމްބަރުން އަދި ހައުސިންގ ޑެވެލޮޕްމަންޓް ކޯޕަރޭޝަންގެ ބައެއް ބޭފުޅުން ވަނީ ބައިވެރިވެވަދައިގެންފައެވެ.
މި އުޅަނދުތައް ބޭނުންކުރާނެ ގޮތުގެ ޑެމޮންސްޓްރޭޝަނެއް މި ރަސްމިއްޔާތުގައި ދައްކާލާފައިވާއިރު، އެމްއޭޕީޑީން ބުނީ މި އުޅަނދުތައް ބޭނުން ކުރުމަށް ނިންމާފައިވަނީ މާލޭ ސަރަހައްދުގައި ކަމަށެވެ.
އެހެންނަމަވެސް ކުރިއަށް އޮތް ތަނުގައި އަތޮޅު ތެރެއަށް ވެސް މިފަދަ އުލަނދުތައް ފޮނުވައި ޚިދުމަތް ދިނުމަށް ނިންމާފައިވާ ކަމަށް އެމްއޭޕީޑީން ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް