ގައުމު ހިންގަން ޒުވާން ފިކުރެއް ގެނައުމުގެ ޢަޒުމުގައި ޝުޖާޢު ރިޔާސީ ރޭހަށް

ދިވެހިރާއްޖެއަށް މިވަގުތު ދިމާވެފައިމިވާ އިޖްތިމާއީ އިގްތިސޯދީ މައްސަލަތައް ހައްލުކޮށް ގައުމު ހިންގުމުގައި ޒުވާން ފިކުރެއް ގެނައުމުގެ ވިސްނުމުގައި 2023 ގެ ރިޔާސީ ރޭހަށް ނިކުންނަވަން ޝުޖާޢު ޙުސެއިން ނި...

16 Aug 2022 | 05:30

ދިވެހިރާއްޖެއަށް މިވަގުތު ދިމާވެފައިމިވާ އިޖްތިމާއީ އިގްތިސޯދީ މައްސަލަތައް ހައްލުކޮށް ގައުމު ހިންގުމުގައި ޒުވާން ފިކުރެއް ގެނައުމުގެ ވިސްނުމުގައި 2023 ގެ ރިޔާސީ ރޭހަށް ނިކުންނަވަން ޝުޖާޢު ޙުސެއިން ނިންމަވައިފިއެވެ.

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ނައިބު ރައީސްކަން ކުރެއްވި ޝުޖާޢުގެ މި ނިންމެވުން ނިންމެވި ސަބަބު ޝުޖާޢު ވަނީ ދުވަސް ނޫހާއި ހިއްސާ ކުރައްވާފައެވެ.

އެގޮތުން ޝުޖާޢު ވިދާޅުވީ ގައުމުގައި ބަލާލި ކޮންމެ ދިމާއަކުން ފެންނަނީ މައްސަލަތައް ކަމަށާއި ގައުމު ހިންގުމަށް ޒުވާން ފިކުރެއް ބޭނުންވާކަމަށެވެ. އާ ބަދަލެއް ގެންނަންޖެހޭ ކަމަށެވެ.

އެގޮތުން ޝުޖާޢު ވިދާޅުވީ ތަކުރާރުކޮށް ފެންނަމުން އަންނަނީ އެއް މަންޒަރު ތަކެއް ކަމަށާއި ރާއްޖޭގައި އޮތީ ކުދި ކަލްޓްތަކެއް އުފެދިފައި ކަމަށެވެ. ވެރިކަމަށް އައުމަށް އަބަދުވެސް އެއްބަޔަކީ ހަމަ އެކަނި ޗޮއިސްކަމުގައި ސިފަކުރަމުން އަންނަ ކަމަށެވެ.

"އެމްޑީޕީއަކީވެސް ކަލްޓެއް،ޕީޕީއެމް އަކީ ކަލްޓެއް، ޑީއާރުޕީއަކީވެސް ކަލްޓެއް، ޖޭޕީއަކީވެސް ކަލްޓެއް، ގާސިމް އިބްރާހިމް ނެތް ދުވަހެއްގައި ގާސިމް އިބްރާހިމްގެ ހަނދާނަށް ކަންނޭނގެ ރިޔާސީ ޓިކެޓް ދޭން ނިންމާނީ" ޝުޖާޢު ވިދާޅުވިއެވެ.

މި މޭރުމުން ވާހަކަފުޅު ދައްކަވަމުން ޝުޖާޢު ވިދާޅުވީ ޒުވާނުން ބާރުވެރިކުރުވާ ވާހަކަ ލީޑަރުން ދެއްކެވުމަށްފަހު ރިޔާސީ ރޭހަށް ނިކުންނަންވީމާ ޒުވާނުން އެކަހެރިކޮށް ވެރިކަމަށް ފައި ނަގަނީ ހަމަ އެ ލީޑަރުން ކަމަށެވެ.

"ގައުމު އެބަޖެހޭ މުޅިން އެހެން މިސްރާބަކަށް ދާން، މިއީ ވަށް މުއްސަނދި ގައުމެއް، ގުދުރަތީ ވަސީލަތްތައް ވަރަށް ގިނަ ގައުމެއް، މުއްސަނދިކަމާ ފަގީރުކަމާ ފަރަގު ކުޑަކުރަން އެބަޖެހޭ، ރީތި ދިރިއުޅުމެއް އެބަ ދަސްކުރަން ޖެހޭ، މުއްސަނދިކަން އެންމެންނަށް ބެހެން އެބަ ޖެހޭ، ޒުވާނުންނަށް ވަރަށްގިނަ ފުރުސަތު އެބަ ލިބެންޖެހޭ" ޝުޖާޢު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މަގުމަތީ ކުނިކޮތަޅު ހިފާލައިގެން ޒުވާނަކު ހުރުން އެއީ ފަހުރުވެރިވާންޖެހޭ ކަމެއް ނޫންކަމަށާއި ޒުވާނުންނަކީ މަގުމަތީގައި ކުނިކޮތަޅު އުފުލަންޖެހޭވަރަށްވުރެ މުއްސަނދި ޒުވާނަކަށް ޒުވާނުން ހަދަންޖެހޭ ކަމަށެވެ.

"ހެދޭނެ، ދުބާއީ އެއޮތީ އެކަން ސާބިތުކޮށްދީފަ" ޝުޖާޢު ވިދާޅުވިއެވެ.

މިހާރު ރިޔާސީ ރޭހުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވާފައިވާ ބޭފުޅުންނަށް ޖުމްލަކޮށް އިޝާރާތްކުރައްވައި ޝުޖާޢު ވިދާޅުވީ އެ އެންމެ ފަރާތްތަކަކީވެސް ސާފުކޮށް "ޓެސްޓެޑް އެންޑް ފެއިލްޑް" ބޭފުޅުން ކަމަށެވެ.

ޝުޖާޢު ވަރަށް މުހިންމު އިތުރު ކަމެއް ފާހަގަކުރައްވައި އިތުރު ޗެލެންޖެއްވެސް ރިޔާސީ ރޭހަށް ފައި ނަންގަވައިގެން ތިއްބެވި ފަރާތްތަކަށް ކުރެއްވިއެވެ. އެއީ ރިޔާސީ ބަހުސެއް ފަހުވަގުތު ބޭއްވުމުގެ ބަދަލުގައި މިހާރުއްސުރެ އެ ބަހުސް ކުރިއަށް ގެންދިއުމެވެ.

"ހިންގަވާށޭ، އެންމެ ފަހު ދުވަހު ބަހުސެއް ނުކުރިޔަސް އަބަދުވެސް މި ބަހުސް ކުރަން. ޑިމޮކްރެޓިކް ވެރިކަމުގަ އެކަންތައް އޮންނަނީ އެހެން ނޫންތޯ؟ ހަމަ ބަހުސްތައް ކުރަމުންގޮސް ފެއިލްވާ މީހުން ފެއިލްވެގެން ދާނެނޫންތޯ؟ ގާބިލުކަން ހުރި މިންވަރަކުން. އޭރުންތާ ރައްޔިތުންނަށްވެސް އެނގޭނީ އާ، މި ސިޔާސަތު ރަނގަޅޭ، މި ސިޔާސަތު ގޯހޭ. " ޝުޖާޢު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ 500 ރުފިޔާއަށް 2000 ރުފިޔާއަށް އެއްވެސް ދިވެއްސަކު މުސްތަގްބަލު ވިއްކާލަފާނެކަމަށް އެއްވެސް ސިޔާސީ ލީޑަރަކު ގަބޫލުފުޅު ކުރައްވައި އެފަދަ ވިސްނުމެއް ގެންގުޅުން އެއީ މޮޔަ ވިސްނުމެއް ކަމަށާއި ދިވެހިންގެ މުސްތަގްބަލު އަގު ކިޔާ ވިއްކައިނުލާނެކަމުގެ ޔަގީންކަން ޝުޖާޢު އަށް އެބަ އޮތް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް