ދަރިފުޅު ހަމައެކަނި ސްކޫލަށް ފޮނުވުމަކުން ނުފުދެއެވެ.!

ކޮންމެ ބެލެނިވެރިޔަކުވެސް އެމީހުންގެ ދަރިން ތަޢުލީމު ހޯދުމަށް ސްކޫލަށް ފޮނުވަނީ ވަރަށް ފޮނި އުންމީދުތަކަކާއި އެކުގައެވެ. އެދަރިންނަށް ރަނގަޅު ތަޢުލީމެއް އުގަންނައިދީ މޮޅު ތަރުބަވީ ދަރިންތަކަކަށް ހެދުމ...

16 Aug 2021 | 18:36

ކޮންމެ ބެލެނިވެރިޔަކުވެސް އެމީހުންގެ ދަރިން ތަޢުލީމު ހޯދުމަށް ސްކޫލަށް ފޮނުވަނީ ވަރަށް ފޮނި އުންމީދުތަކަކާއި އެކުގައެވެ. އެދަރިންނަށް ރަނގަޅު ތަޢުލީމެއް އުގަންނައިދީ މޮޅު ތަރުބަވީ ދަރިންތަކަކަށް ހެދުމުގެ މަޤުސަދުގައެވެ.

ކޮނެމެ ދުވަހަކުވެސް ހެނދުނު ނިދި ނަގާލާ ތެދުވެ ދަރިފުޅު ފެންވަރުވާ ރީތިކޮށް ނަލަހައްދާ ޔުނީފޯމު ލައްވައިގެން ގެންގޮސް ސްކޫލަށް ލުމަށްފަހު ބެލެނިވެރިން ކުރާ އުއްމީދުތައް ފޮންޏެވެ. އެގޮތުން ކޮންމެ ދުވަހަކުވެސް ދަރިފުޅު ސްކޫލުން އެނބުރި ގެއަށް އަންނާނީ ސްކޫލުން ކޮންމެވެސް މިންވަރެއް އުނގެނިގެން ކަމަށް ބެލެނިވެރިން ދެކެއެވެ. މިއީ ހަމައެކަނި ބެލެނިވެރިންނަށް ކުރެވޭ އުއްމީދެކެވެ. މި އުއްމީދު ހަޤީޤަތަކަށް ހެދުމަށްޓަކައި ބެލެނިވެރިންގެ ދައުރަކީ ކޮބައިތޯއެވެ.؟

ގިނަ ބެލެނިވެރިންނަށް ގަބޫލުކުރެވިފައި އޮންނަނީ ކޮންމެދުވަހަކުވެސް ދަރިފުޅު ގޮވައިގެން ގޮސް ސްކޫލް ގޭޓާއި ހަމައަށް ގެންގޮސް ދިނުމުން އެއީ އެމީހުންގެ ވާޖިބު އަދާކުރެވުނީ ކަމަށެވެ.  ނަމަވެސް އެއީ ކުއްހީއެކެވެ. ހަޤީޤަތުގައި ތިމާމެންގެ ދަރިން ހަމަ އެކަނި ސްކޫލުގެ ގޭޓާއި ހަމައަށް ގެނެވުމަކީ ހުރިހާކަމެއް ފުރިހަމަވީކީ ނޫނެވެ. އެ ދަރިންނަށް ރަނގަޚު ތަރުބިއްޔަތާއި ތަޢުލީމު ދެވުނީކީވެސް ނޫނެވެ. ހަމަ އެކަނި ދަރިފުޅު ސްކޫލަށް ފޮނުވުމަކުން ނުފުދޭނެއެވެ. ގަބޫލުކުރަންޖެހޭ ހަޤީޤަތަކީ ހަމައެކަނި ސްކޫލަށް ފޮނުވުމަކުން ދަރިފުޅު މޮޅުނުވާނެކަމެވެ. ފަހުގެ ދިރާސާތަކުން ދައްކާގޮތުން ތިމާގެ ދަރިންގެ ތައުލީމީ ހަޔާތް ކާމިޔާބުކުރުމަށްޓަކައި އެ ދަރިފުޅުގެ ތައުލީމީ ހަޔާތުގައި ބެލެނިވެރިން ވަރަށް ބޮޑަށް ބައިވެރިވާންޖެހެއެވެ.

މިކަމަށްޓަކައި ތިމާ ކުރަންޖެހޭ އެއްމެ މުހިންމު ކަމަކީ ދަރިފުޅު ކިޔަވަންދާ ސްކޫލާއި ސީދާގޮތުން ގުޅުމެވެ. ސްކޫލާއި ދެމެދު ގާތް ގުޅުމެއް ބޭއްވުމެވެ. ދަރިފުޅުގެ ކިޔެވުމާއި ބެހޭގޮތުން ސީދާ އެ މާއްދާއެއްގެ ޓީޗަރާއި އަދި ހާއްސަކޮއް ކުލާސްޓީޗަރުންނާއި ބައްދަލުކޮށް ދަރިފުޅަށް އެހީތެރިކަން އެންމެ ބޮޑަށް ބޭނުންވަނީ ކޮން މާއްދާތަކުންތޯ ނުވަތަ ކޮންކަމަކުންތޯ ބަލައި ސާފުކުރުމެވެ.  އެ ދަރިފުޅަށް ގޭގައި އެހީތެރިކަން ފޯރުކޮށްދެވޭނީ ކޮންގޮތަކުންތޯ ބަލުމެވެ.

ދެވަނަ ކަމަކީ ދަރިފުޅު ސްކޫލުން ގެއަށް އައުމުން ބެލެނިވެރިޔާ  ކުރަންޖެހޭ އެންމެ މުހިންމު ކަންތައް ކުރުމަށް އަވަސްވެގަތުމެވެ. އެގޮތުން ދަރިފުޅު ސްކޫލުގައި ވަގުތު ހޭދަކުރި ގޮތާއި ބެހޭގޮތުންނާއި ސްކޫލުން ކިޔަވައިދީ ކޮންކޮން  ފިލާވަޅުތަކެއްތޯ ބަލާ އޮޅުންފިލުވުމެވެ. އަދި ދުވަހުން ދުވަހަށް ސްކޫލުން ދޭ ފިލާވަޅުތައް ދަރިފުޅުލައްވައި ދަސްކުރުމަށް ބާރުއެޅުމެވެ. މިއީ ދަރިފުޅަށް ރަނގަޅު ތަޢުލީމެއް ލިބުމަށް މަގުފަހިވެގެންދާނެ މުހިންމު ކަމެކެވެ. އެހެންގޮތަކަށް ބުނާނަމަ  މިގޮތަށް ކަންތައް ކުރުމުން ދަރިފުޅުގެ ކިޔެވުމަށް މައިންބަފައިން ދޭ ސަމާލުކަން އެ ދަރިފުޅަށް ގަބޫލުކުރެވި ކިޔެވުމަށް އިތުރަށް ހިތްވަރު ލިބިގެންދާނެއެވެ.

މީގެ އިތުރުން ދަރިފުޅަށް ސްކޫލުން ނަގައިދޭ ފިލާވަޅުތަކުގެ އިތުރަށް ގޭގައި އަމިއްލައަށްވެސް ފިލާވަޅުތަކެއް ނަގައިދެވިދާނެއެވެ. މިގޮތަށް މަސައްކަތް ކުރެވިއްޖެނަމަ ދަރިފުޅު ސްކޫލަށްދާ ކޮންމެ ދުވަހަކީ އެ ދަރިފުޅުގެ ތައުލީމީ ހަޔާތުގައި ކާމިޔާބު ދުވަހަކަށް ވެގެންދާނެއެވެ.

އަދި މީގެއިތުރުންވެސް ދަރިންނަށް އިސްލާމްދީނުގެ ރިވެތި އުސޫލުން ތެދުވެރި ކަމާއި އަމާނާތްތެރި ކަމާއިއެކު ސާފުތާހިރުވެއްޓެއްގައި ދިރިއުޅެން ދަސްކޮށްދެވިއްޖެނަމަ ދަރިންގެ ތައުލީމީ ބިންގާ ވަރަށް ވަރުގަދަވެ ބެލެނިވެރިންގެ އުންމީދުތަކުގައި ކުލަޖެހި ކާމިޔާބުވެގެން ދާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް