ތުލުސްދޫގައި ހުރި ކަސްޓަމްސް އޮފީސް ބަންދުކޮށްފި

މާލެ އަތޮޅު ތުލުސްދޫގައި ގާއިމްކުރެވިފައިވާ ކަސްޓަމްސް އޮފީސް ބަންދުކޮށްފި އެވެ. ކަސްޓަމްސް އިން ބުނީ މި އޮފީސް ބަންދުކޮށްފައިވަނީ މި އޮގަސްޓް 15 ވަނަ ދުވަހުން ފެށިގެން ކަމަށެވެ. ތުލުސްދޫގައި ކަސްޓަމް...

16 Aug 2021 | 16:58

މާލެ އަތޮޅު ތުލުސްދޫގައި ގާއިމްކުރެވިފައިވާ ކަސްޓަމްސް އޮފީސް ބަންދުކޮށްފި އެވެ.

ކަސްޓަމްސް އިން ބުނީ މި އޮފީސް ބަންދުކޮށްފައިވަނީ މި އޮގަސްޓް 15 ވަނަ ދުވަހުން ފެށިގެން ކަމަށެވެ.

ތުލުސްދޫގައި ކަސްޓަމްސްގެ ޚިދުމަތް ޤާއިމް ކުރެވިފައިވަނީ ތުލުސްދޫގައި ހިކި ކަނޑުމަސް ރައްކާކުރުމާއި ބަންދުކޮށް ރާއްޖެއިން ބޭރުކުރުމުގެ މަސައްކަތް ފުޅާދާއިރާއެއްގައި ގިނަ ފަރާތްތަކުން ކުރަމުންދިއުމާއި ގުޅިގެން މަސް އެކްސްޕޯރޓް ކުރާ ފަރާތްތަކަށް ކަސްޓަމްސްގެ ޚިދުމަތް ލުއިފަސޭހަކޮށް ފޯރުކޮށްދިނުމަށެވެ.

ނަމަވެސް، މި ވޭތުވެދިޔަ ދުވަސްތަކުގައި ކަސްޓަމްސްގެ ރަސްމީ ބަނދަރުތައް ކަމުގައިވާ މާލޭ ކޮމަރޝަލް ހާބަރު އަދި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ދެމުންދާ ޚިދުމަތްތައް ވަރަށް ބޮޑަށް ފުޅާވެ ތަރައްޤީ ކުރެވިފައިވުމާއެކު، މާލެއާއި ކައިރި ސަރަހައްދުތަކުގައި މަސައްކަތް ކުރަމުންދާ، މުދާ އެކްސްޕޯރޓްކުރާ ފަރާތްތަކުން ރަސްމީ ބަނދަރުތަކުން ޚިދުމަތް ހޯދުން ވަނީ އިތުރުވެފަ އެވެ.

މީގެ އިތުރުން ވޭތުވެދިޔަ 7 އަހަރުގެ ތެރޭގައި ތުލުސްދޫގައި ގާއިމްކުރެވިފައިވާ ކަސްޓަމްސް އޮފީހުން، މުދާ އެކްސްޕޯރޓް ކުރާ ފަރާތްތަކުން އެއްގޮތަކަށްވެސް ޚިދުމަތް ނުހޯދާ ކަމަށާއި އެހެންކަމުން އެރަށުގައި ގާއިމްކުރެވިފައިވާ ކަސްޓަމްސް އޮފީހުގެ އޮޕަރޭޝަންތައް ފާއިތުވި އަހަރުތަކުގައި ވަނީ އެއްކޮށް ހުއްޓިފައި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އަދި އެކްސްޕޯރޓް ކްލިއަރަންސް މަރުހަލާގައި ހަރަކާތްތެރިވާ އެހެނިހެން ކަމާގުޅޭ ރަސްމީ އިދާރާތައްވެސް މިހާރު ތުލުސްދޫގައި ޤާއިމްވެ، ޚިދުމަތް ދިނުމުގެ ބަދަލުގައި ރަސްމީ ބަނދަރުތަކަށް ބަދަލުވެފައިވާކަން ވަނީ ފާހަގަކޮށްފަ އެވެ.

ކަސްޓަމްސް އިން ބުނީ ތުލުސްދޫ ކަސްޓަމްސްގައި މަސައްކަތްކުރަމުންއައި އޮފިސަރުންގެ ޚިދުމަތް ދިވެހި ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތުގައި މިވަގުތު ދެވޭނީ ކަސްޓަމްސްގެ ޚިދުމަތްތައް އެކަށީގެންވާ ގޮތެއްގެމަތީން ފޯރުކޮށްދެމުންދާ އޮފީހެއްގައި ޚިދުމަތްކުރެވިގެން ކަމުގައިވާތީވެ، އެ އޮފީހުގައި މަސައްކަތްކުރަމުން އައި އޮފިސަރުން ވަނީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ މުވައްޒަފުންގެ ގަވާއިދު (ގަވާއިދު ނަންބަރު 2012/R-35 ) ގެ ދަށުން، ކަސްޓަމްސްގެ އެހެން ސެކްޝަންތަކަށް ބަދަލުކުރެވިފައި ކަމަށެވެ.

ތުލުސްދޫ ކަސްޓަމްސް އޮފީސް ބަންދު ކުރުމަށް ނިންމާފައިވަނީ ކަމާގުޅޭ ފަރާތްތަކާ މަޝްވަރާ ކުރުމަށްފަހު އެފަރާތްތަކުގެ ލަފާގެމަތިން ކަމަށް ވެސް ބުނެފައި ވެއެވެ. އަދި އިމްޕޯރޓް އެކްސްޕޯރޓް ކުރާ ފަރާތްތަކަށް އަވަސް އަދި ލުއިފަސޭހަ އިންތިޒާމުތައް ހަމަޖައްސައިދިނުމަށް މި މުއައްސަސާއިން އަބަދުވެސް މަސައްކަތްކުރާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް