ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިނގިރޭސިވިލާތަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ބައްދަލު ކުރައްވައިފި އެވެ.
މިއީ ނަޝީދަށް އަމާޒުކޮށް ހައެއް މެއި ގައި ބޮން ގޮއްވާލި ހާދިސާ އާއި ގުޅިގެން އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގެންނެވި ފަހުން ސަރުކާރުގެ އިސްވެރި އަކާއި ނަޝީދު ބައްދަލު ކުރެއްވި ފުރަތަމަ ފަހަރެވެ.
މި ބައްދަލުކުރެއްވުމާއި ގުޅޭގޮތުން ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމަނިކުފާނުގެ ރަހުމަތްތެރިޔާ އަދި އދ. ގެ ޖެނަރަލް އެސެމްބްލީގެ ވެސް ރައީސް، ޝާހިދު އާ ބައްދަލު ކުރެއްވުމަކީ ލިބިވަޑައިގަތް އުފަލެއް ކަމަށެވެ. އެ މަނކުފާނުވެސް ވަނީ މިއީ ހަމަލާގެ ފަހުން ސަރުކާރުގެ ވަޒީރަކާއި ބައްދަލު ކުރެއްވި ފުރަތަމަ ފަހަރުކަން ފާހަގަ ކުރައްވާފަ އެވެ.
އެ ބައްދަލުވުމާ ގުޅޭ ގޮތުން ޝާހިދު ވެސް މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނު ނަމަވެސް ނަޝީދު ފަރާތްޕުޅުން ދައްކަވާ ހިތްވަރާ މެދު ހައިރާންވެ ވަޑައިގަންނަވާ ކަމަށެވެ.
https://twitter.com/MohamedNasheed/status/1427256290795921408
ހަމަލާގެ ފަހުން ނަޝީދު އިތުރު ފަރުވާއަށް އިނގިރޭސިވިލާތަށް ވަޑައިގެންނެވީ އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ހޯއްދެވުމަށް ފަހު ޖަރުމަނުވިލާތަށް ވަޑައިގެން އެ ގައުމުންވެސް ފަރުވާ ހޯއްދެވުމަށް ފަހު އެވެ.
މިއަދު ނަޝީދު ވަނީ ހަމަލާއަށް ފަންޑުކުރި ބަޔަކު އަދި ހަމަލާގެ ހަގީގަތް ހޯދިފައި ނުވާތީ ޗުއްޓީ އިތުރުކޮށްދެއްވުމަށް އެދި މަޖިލީހަށް ސިޓީއެއް ފޮނުވައްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް