މަގުމަތިވި 27 ފަތުރުވެރިންނަށް މިނިސްޓަރު މަހްލޫފްގެ އެހީތެރިކަން!

ހޮޓަލެއްގެ ނަމުގައި ބުކިން ހައްދައިދީ, އޮޅުވާލައިގެން ރާއްޖެއަށް ފަތުރުވެރިންތަކެއް ގެނެސް އެ މީހުން މަގުމަތިކޮށްފައި ވަނިކޮށް ވަގުތީ ގޮތުން މަގާމުގެ މަސްއޫލިއްޔަތާ އެކަހެރިކޮށްފައި ހުންނެވި ޔޫތު މިނި...

16 Aug 2021 | 11:57

ހޮޓަލެއްގެ ނަމުގައި ބުކިން ހައްދައިދީ, އޮޅުވާލައިގެން ރާއްޖެއަށް ފަތުރުވެރިންތަކެއް ގެނެސް އެ މީހުން މަގުމަތިކޮށްފައި ވަނިކޮށް ވަގުތީ ގޮތުން މަގާމުގެ މަސްއޫލިއްޔަތާ އެކަހެރިކޮށްފައި ހުންނެވި ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް އެހީތެރިކަން ފޯރުކޮށްދެއްވައިފިއެވެ.

އެގޮތުން، މަހްލޫފް ވަނީ އެ ހުރިހާ އެންމެން ހުޅުމާލެ ފުޓްބޯޅަ ސްކޫލްގެ އެކޮމަޑޭޝަން ބްލޮކަށް ބަދަލުކޮށް ތިބެވޭނެ އިންތިޒާމް ހަމަޖައްސައިފައެވެ.

މާލޭގައި ހިންގަމުންދާ ފެންވަރު ރަނގަޅު ހޮޓަލަކުން ހިދުމަތް ދޭނެކަމަށް ބުނެ އެ މީހުންގެ އަތުން ޖުމްލަ 32،000 ޑޮލަރު ނަގާފައިވާކަމަށް މައުލޫމާތު ލިބެ އެވެ. މަގުމަތިވެފައި ތިބި 27 މީހުންގެ ތެރޭގައި އަހަރު ނުފުރޭ ތުއްތު ކުދިންނާއި، ޅަ އުމުރުގެ ކުދިން ހިމެނެ އެވެ.

އާއިލާއާއި އެކު މާލެ އައުމުން އެ މީހުން ހުންނާނެ ތަނެއްގެ ގޮތުގައި ދެއްކީ އިންސާނުން އުޅެން ހެޔޮވާވަރު ވެސް ނުވާ، ބަންކު ބެޑު ޖަހާފައި ހުރި ކުޑަ ގޮޅި އެކެވެ. އަދި އެއީ ދެއްކި ފައިސާއާއި ނުބައްދަލުތަނެއްކަމާއި، އެތަނަށް ވަންނަން ދެކޮޅު ހެދުމުން އެކަމަށް އަޅާނުލައި އެ މީހުން މަގުމައްޗަށް ދޫކޮށްލީ އެވެ.

މި މީހުން ރާއްޖެ ގެނައުމުގައި އިސްކޮށް އުޅުނީ، އިންޑިއާގެ އޭޖެންޓެއްކަމަށް ވެއެވެ. އަދި މާލެއިން އެ މީހުންނާއި ބަޔަކު މުއާމަލާތް ކުރި އެވެ. ދާގޮތަށް ހަމަޖެހިފައި އޮތީ މާފުއްޓަށެވެ. މިއީ އެހެން މީހުންނެކޭ ވެސް އެއް ގޮތަށް ޓްރާންސިޓެއްގަައި ރާއްޖެ އައި މީހުންނެވެ. އަދި ދަތުރު ކުރަން ހަމަޖެހިފައި ސައުދީއަށެވެ.

އެމީހުން ރޭގައި ތިބީ ވަންނާނެ ތަނެއް ނެތި މާލޭގެ މަގުމަތީގައެވެ. އަދި ކަމާބެހޭ އެއްވެސް އިދާރާއަކަށް އެކަން ހައްލުކޮށް ދެވިފައެއް ނުވެއެވެ. އެހެންވެ އެކަމުގައި ރޭ ދަންވަރު އިސް ނަންގަވާފައި ވަނީ މިނިސްޓަރު މަހްލޫފެވެ.

މައްސަލައިގެ ތަހުގީގު ފުލުހުން ކުރިޔަށްދާއިރު، އެ އިދާރާއިން ވަކި އެއްޗެއް ހާމައެއް ނުކުރެ އެވެ. އަދި މީހަކު ހައްޔަރު ކުރިކަން ވެސް ސާފެއް ނޫނެވެ. ނަމަވެސް އެ މީހުން ބަލާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދިޔަ މީހާ ހޯދުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

ރޭގެ ހިނގައިދިޔަ ހާދިސާ ކުށްވެރި ކުރައްވައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ، ހުއްދަ ނެތި ޓޫރިސްޓުން ބޭތިއްބުން އެއީ ފަތުރުވެރިކަމެއް ނޫން ކަމަށެވެ. އަދި އޮޅުވާލައިގެން މިހެން ބަޔަކު ރާއްޖެ ގެނައުމަކީ ގާނޫނުގެ ދަށުން ބޮޑެތި އަދަބުތަކެއް ކަނޑައެޅިފައިވާ ކުށެއްގެ ގޮތުގައި ވިދާޅުވި އެވެ.

މައުސޫމް ވިދާޅުވީ މިއީ އިންސާނީ ވަގުފާރީގެ އަމަލެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް