ބޭނުންވާ މީހުން އަފްގާނުން ބޭލެންދެން ކާބުލް އެއާޕޯޓު އެމެރިކާ ބާރުގެ ދަށަށް ގެންގޮސްފި

އަފްގާނިސްތާނުގެ ވެރިރަށް ކާބުލް ދޫކޮށް ދިއުމަށް މަސައްކަތް ކުރާ އެތައް ހާސް މީހުންނާއިއެކު ކާބުލް އެއާޕޯޓުގައި ތޮއް ޖެހި، ބަޔަކު މަރުވުމާއި ގުޅިގެން އެމެރިކާގެ ފައުޖުތަކުން އެ އެއަރޕޯޓު އެމެރިކާގެ ބާ...

16 Aug 2021 | 11:40

އަފްގާނިސްތާނުގެ ވެރިރަށް ކާބުލް ދޫކޮށް ދިއުމަށް މަސައްކަތް ކުރާ އެތައް ހާސް މީހުންނާއިއެކު ކާބުލް އެއާޕޯޓުގައި ތޮއް ޖެހި، ބަޔަކު މަރުވުމާއި ގުޅިގެން އެމެރިކާގެ ފައުޖުތަކުން އެ އެއަރޕޯޓު އެމެރިކާގެ ބާރުގެ ދަށަށް ގެންގޮސްފި އެވެ.

ބީބީސީއިން ރިޕޯޓު ކޮށްފައިވާ ގޮތުގައި ކާބުލް ޠާލިބާނުންގެ އަތްދަށަށް ދިއުމާއިއެކު ގިނަ ބަޔަކު ވަނީ ކާބުލް ދޫކޮށް ދިއުމަށް އެއަރޕޯޓަށް ޖަމާވާން ފަށާފައެވެ. އެއަރޕޯޓުގައި ބާރު ބޮޑުވުމުގެ ސަބަބުން ހޯމަ ދުވަހު ވަނީ އަފްޣާނިސްތާނުގެ 2 ރައްޔިތުން މަރުވެފައެވެ.

ކޮމަރޝަލް ފްލައިޓުތަކުގެ ދަތުރުތައް ވަގުތީ ގޮތުން ހުއްޓާލާފައި އޮތުމުގެ ސަބަބުން އަފްޣާނު ރައްޔިތުންގެ އިތުރުން އެހެން ޤައުމުތަކުގެ ގިނަ ބަޔަކުވެސް ވަނީ އެއަރޕޯޓުގައި ތާށި ވެފައެވެ.އެހެން ކަމުން، އެމެރިކާއާއި އެހެން ޤައުމުތަކުން މިހާރު އަންނަނީ އަފްޣާނިސްތާނުގައި ތިބި އެ ޤައުމުތަކުގެ ސްޓާފުން އެ ޤައުމުން ބޭލުމަށް މަސައްކަތް ކުރަމުންނެވެ.

އަފްޣާނިސްތާނުގެ ރައީސް އަޝްރަފް ޣަނީ ޤައުމު ދޫކުރައްވާ ފިއްލެވުމާއިއެކު ޠާލިބާނުން ވަނީ އާދިއްތަ ދުވަހު އެ މީހުންގެ ކާމިޔާބީ އިއުލާންކޮށް އަފްޣާނިސްތާނު އެމީހުންގެ ބާރުގެ ދަށަށް ގެނައިކަން ރަސްމީކޮށް އިއުލާން ކޮށްފައެވެ.މިއާއިއެކު، އެމެރިކާގެ ކޯލިޝަނުން އަފްޣާނިސްތާނުގައި ކުރަމުން އައި 20 އަހަރުގެ ވެރިކަން ވަނީ ނިމުމަކަށް އައިސްފައެވެ.އެހެން ޤައުމުތަކުގެ ފައުޖުތައް އަފްޣާނިސްތާނުން ފޭބުން ވެގެން ދިޔައީ ޠާލިބާނުންނަށް އަފްޣާނިސްތާނު އެމީހުންގެ ބާރުގެ ދަށަށް ގެންދަން ފަސޭހަ ވެގެން ދިޔަ ސަބަބަކަށެވެ.ރައީސް ޖޯވް ބައިޑެން އެމެރިކާގެ ފައުޖުތައް އަފްޣާނިސްތާނުން ފެއިބުމަށް އަންގަވާފައިވާ އެންގެވުން ދިފާއު ކުރައްވާ ވިދާޅުވެފައި ވަނީ އެހެން ޤައުމެއްގެ ދާޚިލީ ހަމަނުޖެހުމެއްގެ މެދު ތެރޭގައި އެމެރިކާއަށް ދާއިމީ ގޮތެއްގައި ނުތިބެވޭނެ ކަމަށެވެ.

ޠާލިބާނުން ކާބުލް ހިފުމާއިއެކު އެތައް ސަތޭކަ ބަޔަކު ވަނީ އެއަރޕޯޓަށް ގޮސްފައެވެ.އަފްޣާނިސްތާނުގެ ނޫސްވެރިޔާ ޖަވާދު ސުޚަންޔާރު އާންމު ކޮށްފައިވާ ވީޑިއޯއަކުން ގިނަ ބަޔަކު ފޮށިތަންމަތި ބަނދެ ދަރިންނާއިއެކު ބައިބަޔަށް އެއަރޕޯޓުގެ ޓަރމިނަލް ތެރެއަށް ދުވެފައި ވަންނަ މަންޒަރު ފެނެއެވެ. އަފްޣާނު ރައްޔިތުން ތާރު މަތީގައި މަޑުކޮށްގެން ތިބި އިރު، އެމެރިކާގެ ފައުޖުތައް ސަލާމަތީ ކަންކަން ބަލަހައްޓަން ތިބޭ މަންޒަރު ފެންނަ ފޮޓޯތަކެއްވެސް އަންނަނީ ދައުރު ވަމުންނެވެ.އެއަރޕޯޓުގައި ހުރި އަފްޣާނިސްތާނުގެ އިންސާނީ ޙައްޤުތަކަށް ވަކާލާތު ކުރާ އެކްޓިވިސްޓެއް ކަމަށްވާ ރަކްޝަންދާ ޖިލާލީ ބުނެފައި ވަނީ އެމެރިކާއިން އަފްޣާނިސްތާނުގެ އެއަރޕޯޓުގައި ގެންގުޅޭނީ ޚުދުމުޚުތާރު އުސޫލުތަކެއް ކަމަށެވެ.އަދި މި އެއަރޕޯޓަކީ އަފްޣާން ރައްޔިތުންގެ އެއަރޕޯޓެއް ކަމަށް ވާއިރު، އަފްޣާން ރައްޔިތުން ފަހަތަށް ޖައްސާ ހަަމައެކަނި ޑިޕްލޮމެޓުން ރައްކާތެރި ހިސާބުތަކަށް ގެންދާ ކަމަށްވެސް ޖިލާލީ ވަނީ ބުނެފައެވެ.އެއަރޕޯޓުގައި ތިބި ބައެއް މީހުން ބުނާ ގޮތުގައި މީހުން މައިތިރި ކުރުމަށް އެމެރިކާގެ ފައުޖަކުން ޖެހި އިންޒާރުގެ ބަޑިއާއިއެކު ތޮއްޖެހި ބަޔަކު މަރުވެފައި ވެއެވެ.

އިނގިރޭސިވިލާތުގެ ޑިފެންސް ސެކްރެޓަރީ ބެން ވޮލޭސް ބީބީސީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ކާބުލްގެ އެއަރޕޯޓު މިހާރު ވަނީ ކޮމާރޝަލް އަދި މިލިޓަރީ ބަޔަކަށް ބެހިފައި ކަމަށާއި، ކޮމާރޝަލް ބައިގެ ހަރަކާތްތައް މިވަގުތު ހުއްޓިފައިވާ ކަމަށެވެ.އަދި މިލިޓަރީ ބައިގައި މީހުން ހުސް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، މިކަމުގައި އެހީތެރި ވުމުގެ ގޮތުން އެމެރިކާގެ 6000 ސިފައިންގެ ފައުޖެއް ފޮނުވާފައިވާ ކަަމަށެވެ.އަފްޣާނިސްތާނުގައި ތިބި އެތައް ހާސް އެމެރިކާގެ ރައްޔިތުންނާއި، އެމްބަސީ ސްޓާފުންނާއި އެމީހުންގެ އާއިލާތަކުގެ އިތުރުން ހާލުގައި ޖެހިފައިވާ އަފްޣާނު ރައްޔިތުންވެސް ކުރިއަށް އޮތް ދުވަސްތަކުގައި އެއަރލިފްޓު ކުރާނެ ކަމަށް އެމެރިކާއިން މިކަމާއި ގުޅިގެން ނެރުނު ބަޔާނެއްގައި ވެއެވެ.

އެމެރިކާއާއި އިތުރު 60 ޤައުމަކުން ވަނީ އަފްޣާނިސްތާނުގެ ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރުވާން ޖެހޭނެ ކަަމަށް ބުނެ ބަޔާނެއް ނެރެފައެވެ.އަދި ބޭނުން ބަޔަކަށް ޤައުމު ދޫކޮށް ދިއުމުގެ ފުރުސަތު ދީ، މަގުތަކާއި ބޯޑަރުތައް އަދި އެއަރޕޯޓުތައް ހުޅުވާލާފައި ބޭއްވުމަށްވެސް މި ބަޔާނުގައި ޠާލިބާނަށް ވަނީ ގޮވާލާފައެވެ.ޠަލިބާނުގެ ތަރުޖަމާނު ވަނީ އެއަރޕޯޓުން އަމިއްލަ ޤައުމަށް ދިއުމުގެ ފުރުސަތު އެންމެންނަށްވެސް ދޭނެ ކަމަށް ބުނެފައެވެ.އަދި މީހުންނާއި މުދަލަށް ރައްކާތެރިކަން އޮތް ކަމަށާއި، ޠާލިބާނުންނަނީ އަފްޣާނިސްތާނު ރައްޔިތުންނަށް ޚިދުމަތް ކުރުމަށް އައި ބައެއް ކަމަށްވެސް ޠާލިބާނުންވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް