އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަށް މައްސަލަ ހުށަހެޅުމަށް ހުޅުވާލި ފުރުޞަތުގައި މިހާތަނަށް ޖުމުލަ 164 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް އެ އޮފީހުން ހާމަކޮށްފި އެވެ.
މީގައި ހިމެނޭ 105 މައްސަލައެއް ހުށަހަޅާފައިވަނީ 14 ޖުލައި 2021 ން 12 އޯގަސްޓް 2021 އާ ދެމެދު އެވެ. މީގެތެރޭގައި ހިމެނެނީ މަސައްކަތްކުރުމުގެ ޙައްޤާ ގުޅޭ 47 މައްސަލައަކާއި، ބޯހިޔާވަހިކަމުގެ ޙައްޤާ ގުޅޭ 42 މައްސަލައަކާއި، ޤާނޫނާ ޚިލާފަށް ހައްޔަރުކުރުމާ ގުޅޭ 12 މައްސަލައެކެވެ. އަދި މުދާ ހޯދައި ލިބިގަތުމުގެ ޙައްޤާ ގުޅޭ 02 މައްސަލައަކާއި ޕެންޝަން ލިބުމުގެ ޙައްޤާ ގުޅޭ 02 މައްސަލައެއް ވެސް ހިމެނެ އެވެ.
އޯޓީޖޭ އިން މިހާތަނަށް ހާމަކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، އެ އޮފީހަށް މައްސަލަ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލި ފުރަތަމަ މަހު 59 މައްސަލައެއް ވަނީ ލިބިފަ އެވެ. އެހެންކަމުން، ދެވަނަ މަހު އެ އޮފީހަށް ހުށަހެޅުނު މައްސަލަތަކުގެ އަދަދު މިވަނީ ދެގުނައަށްވުރެ އިތުރުވެފަ އެވެ.
އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަށް މައްސަލަ ހުށަހެޅުމުގެ ފުރުޞަތު އެންމެ ފުރަތަމަ ހުޅުވާލީ 13 ޖޫން 2021 އިން 13 އޯގަސްޓް 2021ގެ ނިޔަލަށެވެ. ނަމަވެސް، އެ މުއްދަތުގެ ތެރޭގައި އަޟްހާ ޢީދު އަދި މިނިވަން ދުވަހާ ގުޅިގެން ގިނަ އަދަދެއްގެ ބަންދު ދުވަސްތަކެއް އައުމާ ގުޅިގެން، އެ އޮފީހުން ވަނީ ވީހާވެސް ގިނަ ރައްޔިތުންނަށް މައްސަލަ ހުށަހެޅުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ މަޤްޞަދުގައި، މައްސަލަ ހުށަހެޅުމުގެ މުއްދަތު 13 ސެޕްޓެންބަރު 2021 ވާ ހޯމަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފަ އެވެ.
އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަށް ހުށަހެޅޭނީ ޤާނޫނު ނަންބަރު 28/2020 (އިންތިޤާލީ އިންސާފުގެ ޤާނޫނު) ގައި ބަޔާންކޮށްފައިވާފަދައިން 1 ޖަނަވަރީ 1953 އިން ފެށިގެން 17 ނޮވެމްބަރު 2018 އާ ހަމައަށް ދައުލަތުގެ މުއައްސަސާއަކުން ނުވަތަ ދައުލަތުގެ މުއައްސަސާއެއްގެ އިސް ހިންގުންތެރިއެއްގެ ގޮތުގައި މަސައްކަތްކުރި ފަރާތަކުން ނުވަތަ މަސައްކަތްކުރަމުންދާ ފަރާތަކުން ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގާފައިވާ އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމާ ޚިލާފު ޢަމަލުތަކާ ގުޅޭ މައްސަލަތަކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް