ފިނިހަކައިގެ އުނދަގުލުން ގަން ފޮނަދޫ ސަލާމަތް ނުވެވިފައި !

ފޮނަދުއަށް ނިސްބަތްވާ އަޒީމާ އޭނާގެ ދުވަސް ފަށަން ޖެހެނީ ފިނި ހަނގުރާމަޔަކުންނެވެ. އެއީ ހަމަ ކޮންމެ ދުވަހަކުމެ ހެނދުނު ހެނދުނާ ފިނިހަކައާއި ދެކޮޅަށް އޭނާ ކުރަން ޖެހިފައި އޮތް ހަނގުރާމައެކެވެ. ގޭދޮށުގަ...

16 Aug 2021 | 10:33

ފޮނަދުއަށް ނިސްބަތްވާ އަޒީމާ އޭނާގެ ދުވަސް ފަށަން ޖެހެނީ ފިނި ހަނގުރާމަޔަކުންނެވެ. އެއީ ހަމަ ކޮންމެ ދުވަހަކުމެ ހެނދުނު ހެނދުނާ ފިނިހަކައާއި ދެކޮޅަށް އޭނާ ކުރަން ޖެހިފައި އޮތް ހަނގުރާމައެކެވެ. ގޭދޮށުގައި ކުނި ކަހާއިރު ހަމަ ކޮންމެ ދުވަހަކުމެ ފަންސާހަކަށް ފިނިހަކަ ނަގައި ނައްތާލަން ޖެހެއެވެ. ގޯތީގައި ގަހެއް ހެއްދޭކަށް އޮތީކީ ނޫނެވެ. ނުވިތާކަށް އާއްމު ސިއްހަތަށް މިކަމުން ނުރައްކާވެދާނެހާ ބޮޑަށް ފިނިހަކައިގެ ބިރު އަޒީމާއަށް މިވަނީ ކުރިމަތިވެފައެވެެ.

ފޮނަދުއަށް ނިސްބަތްވާ އަދީލަށްވެސް ޖެހިފައިމިވަނީ ހަމަ މި ފިނިހަކައެއްގެ އުނދަގުލެވެ. އެތައް ލައްކައެއް ހަރަދުކޮށް ގެއެއް ބިނާކޮށް ނިމެން ގާތްވެފައިވާ ގޯތީގައި މިހާރު ރަސްކަން ކުރަމުން އަންނަނީ ފިނިހަކައެވެ. މި ފިނިހަކައެއްގެ އުނދަގުލުން އަދީލު އެހުންނަނީ ގޯތީގެ މަސައްކަތްވެސް އިތުރަށް ނުކުރެވޭހާ ފޫއްސެއް، އުނދަގުލެއް ތުރާލެއް ވެފައެވެ.

މި ދައްކަނީ ގަން އަދި ފޮނަދޫގައި ބާރު ސްޕީޑެއްގައި އާލާ ވަމުން އަންނަ ފިނިހަކައިގެ ވާހަކައެވެ. މި ވާހަކަތައް ގަން އަދި ފޮނަދޫގެ އެތައް ރައްޔިތަކު އަންނަނީ ސޯޝަލް މީޑިއާގައިވެސް ހިއްސާ ކުރަމުންނެވެ. ހަމަ ކޮންމެ ދުވަހަކުމެ މި ފިނިހަކައަކާ ކުރިމަތިލާން ޖެހިފައިވީނަމަވެސް މިކަމުގައި އަދި މިދަނީ ހައްލެއް ނުލިބިއެވެ.

ގަން ފޮނަދޫގައި އާލާވަމުން އަންނަނީ އެފްރިކަން ޖަޔަންޓް ސްނެއިލް ނަމަކަށްކިޔާ ބާވަތެއްގެ ފިނިހަކައެކެވެ. 2018 ވަނަ އަހަރު ގަމުގައި އާލާވާންފެށި މި ފިނިހަކަ ގަމުގެ ތިން އަވަށް ފަތަހަކޮށް ފޮނަދުއާ ހަމައަށް މިހާރު މިވަނީ ފެތުރިފައެވެ. މިހާރު އެންމެ ބޮޑަށް ފިނިހަކައިގެ އުނދަގޫ ވާ އެއް ހިސާބަކަށް ފޮނަދޫ ބަރާސިލު އަވަށު ބޯޅަދަނޑު ސަރަހައްދަށް ނިސްބަތްވާ ގެތަކާއި ފަޅު ގޯތިތައް ވެފައިވާއިރު ގަމުގެ ތިން އަވަށުގައިވެސް މިހާރުވެސް ފިނިހަކައިގެ އުނދަގޫ ބޮޑެވެ. ވަކިން ހާއްސަކޮށް ގަމުގެ ދަނޑުވެރިންނަށް މި ކަމުގެ އުނދަގޫ ވަރަށް ބޮޑަށް ކުރަމުންދެއެވެ.

ސަބަބަކަށްވެފައިވަނީ 100 އަށްވުރެ ގިނަ ބާވަތުގެ ގަސްގަހަށް މި ނިސްބަތްކުރެވޭ ޒާތުގެ ފިނިހަކަ އަރައި، އެ ގަސްގަހާގެހި ހަލާކުކޮށް އެ ގަސްގަހާގެހީގައި އަޅާ މޭވާ ތަރުކާރީ ހަލާކުކުރަމުން އަންނައިރު ދުވަހެއް ދުވަހަކަށް ފިނިހަކަ އަންނަނީ އިތުރުވަމުންކަން ފާހަަގަކޮށްލަން ޖެހެއެވެ.

މި ނިސްބަތްކުރާ ޒާތުގެ ފިނިހަކަ ބޮޑުވާ ސައިޒަށް ބަލާއިރު އަތްތިލައަކަށްވުރެ ސައިޒުން ބޮޑު ފިނިހަކަވެސް މި ސަރަހައްދުން ފެންނަކަން ފާހަގަކޮށްލެވެއެވެ. އަދި ހެދިބޮޑުވާ ސްޕީޑް އަަވަސްވުމާއި ވިހާ އާލާވުމުގެ ސްޕީޑް މި ނިސްބަތްކުރާ ޒާތުގެ ފިނިހަކައިގެ އަވަސްކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.

"މިރުސް ގަހެއް، ހިކަނދިފަތްގަހެއް ރާނބާފަތްގަހެއް، މިހެން ގޮސް އެއްވެސް ބާވަތެއްގެ ގަހެއް މިހާރު ގޯތީގައި ހެއްދޭކަށް ނެތް" ކަންބޮޑުވުން ފާޅުކުރި ފޮނަދޫ ރައްޔިތަކު ބުންޏެވެ.

ގަމަށް ނިސްބަތްވާ ދަނޑުވެރިންވެސް ފާހަގަކުރި ގޮތުގައި މިކަމުގެ އުނދަގުލުގައި ތިން ވަރަކަށް އަހަރު ފާއިތުވެގެންދިޔައިރު މި އުނދަގޫ ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަކަމީ ދަނޑުވެރިންނަށް އޮތް ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.

ފިނިހަކައިގެ އުނދަގޫ 2018 އިން ފެށިގެން ކޮށްފައިވާ ގަމު ކައުންސިލްގެ ރައީސް އަހްމަދު ޒަކީ މި މައްސަލައިގާ ދުވަހަށް މައުލޫމާތުދެއްވަމުން ވިދާޅުވީ 2019 އަދި 2020 ގައި ވެސް ފިނިހަކައިގެ އުނދަގޫ ގަމަށް ވަރަށްބޮޑަށް ކުރި ކަމަށާއި އޭރުގެ ކައުންސިލުން މިނިސްޓަރީގަ ދަންނަވައިގެން ފިނިހަށް ނައްތާލާ ޒާތުގެ ފަންޏެއް ގެނެސް އެ މަސައްކަތް ކުރި ކަމަށެވެ. އަދި އޭރު އެކަމަށް ބޮޑު ހައްލެއް ލިބިގެންވެސް ދިޔަކަމަށެވެ.

"މި އަހަރު އަނެއްކާ ވެސް ފިނިހަކައިގެ އުނދަގޫ މިވަނީ ވަރަށް ބޮޑުވެފަ. އެހެންވެ، ހުރިހައި މުވައްސަސާއަކަށް އަންގާފަ ވާނީ މިހާރު. މީގަ އެންމެބޮޑަށް ދަތިތަކާ ކުރިމަތިވަނީ ދަނޑުވެރިންނަށް. އެހެންވެ އެކަން ވަރަށް ގާތުން ބަލަމުން މިދަނީ.. އެކަމަކު އަދި ހައްލެއް ލިބޭގޮތެއް ނުވޭ." ގަމު ކައުންސިލްގެ ރައީސް ޒަކީ ވިދާޅުވިއެވެ.

ފޮނަދޫ ކައުންސިލްގެ ރައީސް އަހްމަދު ރިޔާޒް ވިދާޅުވީ މައްސަލަ ހައްލު ކުރަން އަދި ސީދާ ވަކި ކަމެއް ނުކުރި ނަމަވެސް، ހައްލެއް ގެނެވޭތޯ ބަލަމުން އަންނަ ކަމަށެވެ. މިކަމުގައި ރައްޔިތުންގެ ހިޔާލުވެސް ހޯދަމުން އަންނަ ކަމަށެވެ. ކަމާ ގުޅުންހުރި އިދާރާތަކަށްވެސް މިހާރު އަންގާފައިވާނެ ކަމަށެވެ.

"ފިޝަރީޒް އެންޑް އެގްރިކަލްޗަރ މިނިސްޓްރީއަށްވެސް މިހާރު ވާނީ އެންގިފައި" ރިޔާޒް ވިދާޅުވިއެވެ.

މި ދެކެވޭ ފިނިހަކައިގެ ދަވައިގެ ސަބަބުން ސިއްހީގޮތުން ނުރައްކަލެއް ވެދާނެ ކަމުގައި މީގެ ކުރިން، ސިއްހަތާ ބެހޭ ފަރާތްތަކުންވެސް ބުނެފައިވާއިރު ފިނިހަކައިން ސަލާމަތްވުމަށް އޮތް އެއް ހައްލަކީ މި ބާވަތުގެ ފިނިހަކައިގެ ޕްރިޑޭޓަރ ކަމުގައިވާ ފްލެޓް ވާމެވެ. ފްލެޓްވާމް ބާވަތުގެ މި ފަނި ލާމު ގަމަށް ގެނެސް ކޮންމެސްވެސް ވަރެއްގެ ހައްލެއް އޭރުވެސް މިކަމަށް ލިބިގެންގޮސްފައިވާކަން ގަމު ކައުންސިލުން ފާހަގަކޮށްފައިވާއިރު މިހާރުވެސް މީގެ ފަނި ފުވައްމުލަކާއި އައްޑޫ ސިޓީން ފެންނަ ކަމަށް ބައެއް ފަރާތްތަކުން ދުވަހަށް މައުލޫމާތު ދީފައިވެއެވެ. އަދި ލާމު އަތޮޅުގެ ބައެއް ފަރާތްތަކުން މި ފަނި ގަން ފޮނަދުއަށް ގެނެސްދިނުމަށް އެދޭތީ މީގެ ފަނި ގަން ފޮނަދުއަށް ގެންދެވޭތޯ މިހާރު ބަޔަކު މަސައްކަތް ކުރަމުން އަންނަ ކަމުގައިވެސް ދުވަހަށް މައުލޫމާތު ލިބިފައިވެއެވެ.

އެހެން ނަމަވެސް ތިން ހަތަރު އަހަރުވީ މި މައްސަލައަށް ހައްލެއް ނުލިބި ދިގުދެމިގެން ގޮސް، ގަން ފޮނަދޫގައި ފިނިހަކަ ފެތުރޭ މިންވަރު އިންތިހާ ބާރު ސްޕީޑެއްގައި ކުރިއަށްދާކަމީ ގަން އަދި ފޮނަދޫ ރައްޔިތުންގެވެސް ކަންބޮޑުވުމެކެވެ. ގަން ފޮނަދޫގެ ދަނޑުވެރިންނާއި ފިނިހަކައިގެ އުނދަގޫކޮށްފައިވާ ގޭގޭގެ ގޭބިސީންގެ އުންމީދަކީ ގިނަ ދުވަސްވެފައިވާ މި މައްސަލައަށް އަވަސް ހައްލެއް ލިބިގެންދިއުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް