ކެރެލާއިން އަތުލައިގަތް ބަޑިތަކާއި ޑުރަގުގެ ފަހަތުގައި ޕާކިސްތާނުގެ ރައްޔިތެއްގެ ބައިވެރިވުން ކަށަވަރު ވެފައިވާ ކަމަށާއި މި މައްސަލައާއި ތަމަޅަ އެލްޓީޓީއާއި ގުޅިފައިވާ ކަމަށް އިންޑިއާގެ ނޭޝަނަލް އިންވެސްޓިގޭޝަން އޭޖެންސީއިން ހާމަ ކޮށްފިއެވެ.
މާރިޗު މަހުގެ 25 ވަނަ ދުވަހު ކެރެލާއިން އަތުލާގަތް ސްރީލަންކާއަށް ނިސްބަތްވާ ބޯޓުން ވަނީ އޭކޭ 47 މަރުކާގެ ބަޑިތަކެއްގެ އިތުރުން 3000 ކުރޯޑުގެ ހެރޮއިން އެންއައިއޭގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.މީގެ އިތުރުން ޗެންނާއީއަށް ނިސްބަތްވާ 2 ރައްޔިތުންނާއި ލިބަރޭޝަން ޓައިގަރސް އޮފް ޓެމިލް އީލާމް (އެލްޓީޓީ)އާއި ގުޅުން އޮންނަ ކަމަށްވެސް އެންއައިއޭއިން ހާމަ ކުރެއެވެ.
މި މައުލޫމާތުތައް އެންއައިއޭއަށް ލިބިފައި ވަނީ ސުރޭޝް ރާޖް (ޗިންނާ ސުރޭޝް) އަދި ސައުންދަރަޖަން (ސައުންދަރު)އާއި ސުވާލު ކުރުމުގެ ތެރޭގައެވެ.މި ދެމީހުންވެސް އެންމެ ފުރަތަމަ ހައްޔަރު ކޮށްފައި ވަނީ ޓެމިލްނާޑޫގެ ކިޔު ބްރާންޗުންނެވެ.ފަހުން އެންއައިއޭގެ ކޯޓު އަމުރެއްގެ ދަށުން މި ދެ މީހުން ކޮޗިއަށް ބަދަލުކޮށް ތަޙުޤީޤު ވަނީ ކުރިއަށް ގެންގޮސްފައެވެ.މުއުތަބަރު މަސްދަރުތަކުން ހާމަ ކުރާ ގޮތުގައި މި ދެމީހުންވެސް ވަނީ ޕާކިސްތާނުން ޝައްކު ކުރެވޭ މީހާގެ އިތުރުން އެހެނިހެން ބޭރުގެ ހޭންޑްލަރުންނާއި ގުޅުން އޮންނަ ކަމަށްވެސް އެއްބަސް ވެފައެވެ. ޕާކިސްތާނަށް ނިސްބަތްވާ މީހާ ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ހަތިޔާރު އިންޑިއާއަށް އެެތެރެ ކޮށްފައިވެއެވެ.އެންއައިއޭއިން މިހާރު ވަނީ އެމީހާއާއި އެކު އެ މަސައްކަތުގައި ހަރަކާތްތެރިވާ ގޭންގުވެސް ދެނެގަނެފައެވެ.މި މީހުން ގުޅިގެން މި ތަކެތި އެތެރެ ކުރަނީ މަސްބޯޓުތައް މެދުވެރި ކޮށެވެ.މިއާއިއެކު މި މީހުން މުއާސަލާތު ކުރުމަށް ބޭނުން ކުރާ މީސްމީޑިއާއާއި އެހެނިހެން ވަސީލަތްތައްވެސް އެންއައިއޭއިން ވަނީ ހޯދާފައެވެ.
ޕާކިސްތާނުން މަސް ބޯޓުތައް މެދުވެރިކޮށް އިންޑިއާއަށް މަސްތުވާތަކެެއްޗާއި ހަތިޔާރު އެތެރެ ކުރާ ކަމަށް އެންއައިއޭއަށް އެންމެ ފުރަތަމަ ޝައްކު ކުރެވިފައި ވަނީ 2020 ވަނަ އަހަރުގެ މެދު ތެރޭގައެވެ.އަދި މި ކަމުގައި އެލްޓީޓީއީގެ އަތެއްވާ ކަަމަށްވެސް މިހާރު ވަނީ ޔަޤީން ކުރެވިފައެވެ.އެންއައިއޭއިން ހަތްޔަރު ކޮށްފައިވާ ސުރޭޝްއަކީ ސްރީލަންކާގެ ރައްޔިތެކެވެ. ނަމަވެސް އޭނާ ޕާސްޕޯޓާއި ވިސާ ނެތި އިންޑިއާގައި ޤަވައިދާއި ޚިލާފަށް ދިރިއުޅެމުން ދާތާ އެތައް އަހަރެއް ވަނީ ވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް